މިއަދު މި ނެގޭ ފިޔަވަޅުގެ އެންމެ ބޮޑު ބޭނުމަކީ ދުންފަތުގެ ގެއްލުމާމެދު ހޭލުންތެރިކަން އިތުރުކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު އެހެން ވިދާޅުވެފައި ވަނީ ދުންފަތުގެ ބާވަތްތައް ޕެކެޓުކޮށް ލޭބަލް ޖެހުމާބެހޭ ޤަވާޢިދު އިފްތިތާޙްކުރުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަދަކީ ދިވެހިރާއްޖޭގެ ޞިއްޙީ ސިޔާސަތުގެ ތާރީޚުގައި ވަރަށް ޚާއްސަ ދުވަހެއް ކަމަށާއި، ހަށިހެޔޮ ދުޅަހެޔޮ ޞިއްޙަތެއްގެ ވެރި ބަޔަކަށް ވުމަކީ މިސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ފާހަގަކޮށްފައި ވަނީ އަހަރުމެންގެ ދިރިއުޅުމުގެ އާދަކާދަ ހުންނަގޮތުން ރާއްޖޭގައި އެންމެ ގިނަ މީހުން މަރުވަނީ ގައިން ގަޔަށް ނާރާ ބަލިތަކުގެ ސަބަބުން ކަމަށާއި، ރާއްޖޭގައި ކޮންމެ އަހަރަކު މަރުވާ މީޙުންގެ 84 އިންސައްތަ މީހުން މަރުވވަނީ ކެންސަރާއި، ހިތުގެ ބަލިތަކާއި، ސްޓްރޯކާއި، ފުއްޕާމޭގެ ބަލިތަކާއި، ކިޑްނީއާއި ގުޅުންހުރި ބަލިތަކުން ކަމަށެވެ.

" އާސަންދައިން ކޮންމެ އަހަރަކުވެސް އެންމެ ބޮޑު ހޭދައެއް ކުރަންޖެހޭ 5 ބައްޔަކީ ދުންފަތާއި ގުޅުންހުރި ބަލިތައް، އަހަރަކު ރާއްޖޭގައި މަރުވާ ދިވެހީންގެ ކޮންމެ ދެމީހަކުން އެކަކު އެއީ އަހަރަކު ގާތްގަޑަކަށް 178 މީހުން މަރުވަނީ ސީދާ ދުންފަތުގެ ސަބަބުންޖެހޭ ބަލިތައް ކަމަށް ދުނިޔޭގެ ޞިއްހަތުގެ ޖަމިއްޔާގެ ހިސާބުތަކުން ދައްކާ،" ރައީސް ވިދާޅުވެފައި ވެއެވެ.

ރައީސް އިތުރައް ވިދާޅުވެފައި ވަނީ ދުންފަތުގެ އިސްތިޢުމާލުކުރާ ބޮޑެތިމީހުންގެ ނިސްބަތަކީ 38 އިންސައްތަ ކަމަށާއި ދުންފަތުގެ އިސްތިޢުމާލުކުރާ ކުޑަކުދިންގެ ނިސްބަތަކީ 11.2 އިންސައްތަ ކަމަށެވެ. އަދި ދުންފަތުގެ އިސްތިޢުމާލުކުރާ މީހަކުގެ އަތުން މަހަކު 1800 ރުފިޔާ އާއި 3500 ރުފިޔާ އާއި ދެމެދުގެ މިންވަރަކަށް ޚަރަދުވާކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.

ރައީސް ވިދާޅުވެފައި ވަނީ 2005 ވަނަ އަހަރު ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާއަށް ޢަމަލުކުރަން ފެށުމާއެކު އެކިކަންކޮޅުތަކުގައި ދުންފަތާއި ދެކޮޅަށް އިންޒާރުގެ މެސެޖުތައް ޢާންމުުރަން ފެށުމުން، އިންޤިލާބީ ބަދަލުތަކެއް އައި ކަމުގައިވީ ނަމަވެސް މިފަދަ ކަންކަމުގައި ނަމޫނާ ދައްކަންޖެހޭ ރާއްޖެ އެފަހަރު ބޮޑަށް ބުރަވެފައި ވަނީ ފަހަތުފަޔަށް ކަމަށެވެ. އަދި ދުންފަތުގެ އިސްތިޢުމާލު ކުރުމަށް އެއްވެސް ބަދަލެއް ނައިސް އިތުރުވީ ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.

"މިއަދު މި ނަގާ ފިޔަވަޅުގެ އެންމެ ބޮޑު ބޭނުމަކީ ދުންފަތުގެ ގެއްލުމާމެދު ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުން، އަދި ވަކިން ސިނގިރޭޓް ވިއްކުން ހުއްޓުވުން ،" ރައީސް ވިދާޅުވެފައި ވެއެވެ.

ރައީސް ވިދާޅުވެފައި ވަނީ ޤައުމެއް ކުރިއަރައިދާނީ ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރެވިގެން ކަމަށާއި ދެއަތް އުރާލައިގެން މިއަޑުތައް އަހަން ތިބެވެން ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ހަޒްބާން

  އިބުރާހިމާ.. ވެއްޖެނޫން ތިޔަ ފާޑު ފާޑުގެ އެވެޔާނަސް ޕުރޮގުރާމުތައް އެންޖީއޯތަކައް ދޫކޮއްލާފަ ރައީސް މީހާ ގައުމުގެ އިގުތިސޯދާއި އަދި ދެންެސް ހުރި އެންމެބޯޑު މައްސަލަތަކައް ހައްލުހޯދުމައް މަސައްކަތް ކުރަން.. އެހެންނޫނީ ކަން ކުރަން އެނގޭމީހަކައް ވެރިކަން ހަވާލުކޮއްފަ ފައިބަންވީނުން. ކޮންމެ ދުވަހަކު ރައީސްމީހާ ތާކުން ތާކު ނުޖެހޭ ކަންކަމުގަ ވަގުތުނަގާލާތަން ނޫސްތަކުން ފެނުނީމަ ވަރައް ކަންބޮޑުވޭ ގައުމުގެ ކުރިމަގައް މިވަގުތު އަޅަންޖެހޭ ބޮޑެތި ފިޔަވަޅުތައް ނޭޅި ފުރުސަތުގެއްލެމުންދާތީ.

 2. ފާއިޒު

  ކޮންމެ ބޭފުޅަކުވެސް ދިވެހި ބަހުގެ ހަމައާއި އުޞޫލުތަކާއި އެއްގޮތަށް ވާހަކަ ދެއްކެވުމަކީ އެބޭ ފުޅެއްގެ ފަރުދީ ޒިންމާއެއް ކަމުގައި ދެކިލައްވާށެވެ

 3. އާންދު

  ބަލަ ޢިއްޒަތްތެރި ރާއްޖޭގެ ރައީސް އިބްރާހީމް މުހަންމަދު ސާލިޙު. މަނިކުފާނު އެއްފަހަރު ވިސްނާލެއްވިންތޯ އާދަމުގެ ދަރިންނަށް ބަލި ޖެހެނީ ވަކިފަރާތަކުންކަން" ކަނޑަކޮސް ވާހަކަ ވިދާޅުނުވޭ

 4. ޑިމޮކްރަޓިސްޓް، ރ.ވާދޫ

  ރައީސޫ މީޑިޔާއަށް އަރަން ތިކަހަލަ ވާހަކަ ކިތެއްމެ ވަރަކަށްވެސް ދެއްކިދާނެ. އަދި މުޅިންވެސް ކަންވެފައޮތީ އެހެން. މާލޭ ޕާކިންޒޯނުތަކުގަ ބަހައްޓާފަހުރި ޕެލަޓުތައްވެސް ނެގީ ފޮޓޮއަކަށް. މިހާރު އެކަން އެބަ ކުރެވޭތަ؟ ކޮންމެ ހޮޓާ ރެސްޓޯރެންޓެއްގަ ސިނގިރޭޓް ނުބޮވޭކަމަށް ރަތްކުލައިގެ ބޯޑެއްއިދޭ ޖަހާފަ. ނޭޒުމަތީ ހުންނަނީ އަޅިކެނޑި ބަހައްޓާފަ. މާނަޔަކީ ބޯށޭ. މިކަންކަން ބެލޭތަ؟ މާރުކޭޓަށްވަދެ ބުނީ މިތަން އޮތީ ބޮއްސުން ލާފައޭ! އެވާހަކަވެސް ނޫހަށްއެރި. ވީ ކޮންކަމެއް؟ ހަމަ އެބޮންދުން ސޭޓުންނަށް މުޅި މާރުކޭޓު ބިދޭސީންގެ އަތްމަތީގަ. އެއްކަމެއްވެސް ނިވިއެއްނު؟

 5. ޑިމޮކްރަޓިސްޓް، ރ.ވާދޫ

  ރައީސޫ ނުވާނެ ކަންކަމުގެ ވާހަކަ ނުދައްކާހުރޭ.. ސަރުކާރުގެ ޕްރައިމަރީގަ ސްޓެލްކޯފޮށިތަކާ، އަމިއްލަ ކުންފުނިތަކުން މަގުތަކުގަ ބަހައްޓާފަހުރި ހުރިހާ ޑިސްޓްރިބިއުޝަން ފޮށިތަކެއްގަ ކެމްޕެއިން ޕޯސްޓަރު ތަތްކޮށް އެއޮތީ މުޑުދާރުކޮށްފަ. އެކަންކުރީ ސީދާ ސަރުކާރު މީހުން. ނަމޫނާ ދައްކަން ތިބޭމީހުންގެ ފެންވަރަކީމީ. މިމީހުން މިކަހަލަ ނާތަހުޒީބު ކަންކަންކުރުމަކީ މައްސަލައެއް.