އުމުރުން 104 އަހަރުގެ އަންހެނެއްގެ ގޯލްބްލެޑާ ނެގުމުގެ އޮޕަރޭޝަނެއް (އޯޕަން ކޮލެސިސްޓެކްޓޮމީ) ޓްރީ ޓޮޕް އިން ކާމިޔާބުކަމާ އެކު ކޮށްފިއެވެ.

މިއީ ޓްރީ ޓޮޕުން ވެސް މިހާތަނަށް ފަރުވާ ހޯދި އެންމެ ދޮށީ މީހާ އެވެ.

އުމުރުން ދުވަސްވީ މީހާގެ އޮޕަރޭޝަނާއި ބެހޭ ގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީއާއްމުކޮށް، ގޯލްބްލެޑާ ނަގަން ޖެހެނީ އެ ގުނަވަނުގައި ހިލަ އުފެދި އެކަމުގެ ސަބަބުން ޖަރާސީމު ހެދި، ތަދުވުމުން ކަމަށެވެ.

އުމުރުން ދުވަސްވީ މީހާގެ އޮޕަރޭޝަން ކުރުމުގައި އިސްކޮށް ހުންނެވީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ އާއްމު އޮޕަރޭޝަންތަކުގެ ހާއްސަ ޑޮކްޓަރު އަބްދުﷲ އުބައިދު އެވެ. އޭނާގެ އިތުރުން މެޑިކަލް އޮފިސަރުންނާއި އައްސިކުރާ ޑޮކްޓަރުންނާއި ތިއޭޓަރ ނަރުހުން ހިމެނޭ ތަޖުރިބާކާރު ޓީމެއް އޮޕަރޭޝަން ކުރުމުގައި ބައިވެރިވިއެވެ.

އެ އޮޕަރޭޝަންގެ ހުރިހާ ކަމެއް ވެސް ކުރިއަށް ދިޔައީ ވަރަށް ކާމިޔާބު ކޮށްކަމަށް ޑރ.އުބައިދުއާ ހަވާލާ ދެއްވައި ޓްރީ ޓޮޕް ހޮސްޕިޓަލުން ވިދާޅުވިއެވެ. އޮޕަރޭޝަނަށް ފަހު ބަލިމީހާގެ ދިރިއުޅުމަށް އިތުރު ފަސޭހަތަކެއް ގެނެސްދޭނެ ކަމަށް ވެސް ހޮސްޕިޓަލުން ވިދާޅުވިއެވެ.

ހޮސްޕިޓަލުން ވިދާޅުވީ އޮޕަރޭޝަން ކުރަން ޖެހުނީ އުމުރުން ދުވަސްވީ މީހެއްގެ ކަމަށް ވާތީ، ދުރާލައި ވަރަށް ފުރިހަމަ އަށް ތައްޔާރުވި ކަމަށެވެ. ތަޖުރިބާކާރުންގެ ޓީމާކާއި އެކު ކުރި އޮޕަރޭޝަންގެ ހުރިހާ ކަމެއް ވެސް ދިޔައީ ވަރަށް ރަނގަޅަށެވެ.

ޓްރީ ޓޮޕް އަކީ ރާއްޖޭގައި ހިންގާ އެންމެ ބޮޑު ޕްރައިވެޓް ހޮސްޕިޓަލެވެ. މިހާރު އާސަންދަގެ ޚިދުމަތް ވެސް ދެމުން އަންނަ ޓްރީ ޓޮޕްގެ އަގަށް ވެސް މިހާރު ވަނީ ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ.