ރައީސް ޔާމީންގެ ވެރިކަމުގައި، ނުޙައްޤުން މަރާލެވިފައިވާ މީހުންނާއި، ވީ ނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް އިތުރަށް ތަޙުޤީޤު ކުރުމަށް، ރައީސް އިބްރާޙިމް މުޙައްމަދު ސޯލިހު އުފައްދާފައިވާ ރިޔާސީ ކޮމިޝަނަށް ބޭފުޅުން އައްޔަންކުރައްވާފައިވަނީ އެންމެ ރަނގަޅަށް ނޫން ކަމަށް، ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒު ވިދާޅުވެއްޖެއެވެ.

"މުޅިއަކުން އަޅުގަނޑު ޤަބޫލެއް ނުކުރަން އެއީ އެންމެ ރަނގަޅު ޓީމެއް ކަމަކަށް. ނަމަވެސް އޭގެ ތެރޭގަ މިހާރު ތިއްބެވި ގިނަ ބޭފުޅުންނަކީ އަޅުގަނޑުވެސް ހަމަ ދަންނަ، ތަޙުޤީޤު ތެރޭގަ ވަރަށް ގިނަ ދުވަސްވަންދެން އުޅެފަތިބި، އަދި އަޅުގަނޑުމެން މި ހިސާބަށް ގެނައުމުގަވެސް ވަރަށް ބޮޑެތި ރޯލުތަކެއް އަދާކޮށްދެއްވާފަ ތިބި ބޭފުޅުން. އެހެންވީމަ އަޅުގަނޑަށް ޤަބޫލުކުރެވެނީ އޭގެ މެޖޯރިޓީ ހިމެނޭ ބޭފުޅުންނަކީ ހަމަ ވަރަށް ތަޖުރިބާކާރު، އެކަމުގެ ނޮލެޖް ހަމަ ލިބިފަ ތިބި ބޭބޭފުޅުންނޭ. ދެން އެހެންނަމަވެސް އަނެއްހެން ސީދާ ތި ކުރެއްވި ސުވާލަށް ކޮމެންޓެއް ކުރައްވާ ކަމަށްވަންޏާ، މުޅި ޓީމު އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވޭ އެންމެ ރަނގަޅު ކަމަކަށެއް." ނަވާޒު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ނަވާޒު ވިދާޅުވީ، ކޮންމެ ތަޙުޤީޤެއްގައިވެސް އައިބުތައް ފެންނަން ހުންނާނެ ކަމަށާއި، އެންމެ ރަނގަޅަށް ނުހިނގާ ހުންނަ ތަޙުޤީޤު ހުންނާނެ ކަމަށެވެ. އަދި ތަޙުޤީޤެއް ކުރިއަށްދާއިރު އެ މައްސަލައަކާއި ގުޅުންހުރި ބައެއް ކަންކަން ނުހޯދި ހުރުން އެކަށީގެންވާކަމަށް ނަވާޒު ވިދާޅުވިއެވެ.

ހަމައެހެންމެ، ކުރިން ތަޙުޤީޤުކޮށްފަ އޮންނަ މައްސަލައެއް، " ކޯލްޑް ކޭސް " މައްސަލައެއްގެ ގޮތުގައި ނަގައިގެން، އޭގެން ހޯދޭނެ ގިނަ ކަންތައްތަކެއް ހުންނާނެ ކަމަށާއި، އެކަމަކީ ނުކުރެވޭނެ ކަމެއްކަމަށް ޤަބޫލުނުކުރާ ކަމަށްވެސް ނަވާޒު ވިދާޅުވިއެވެ.

ރައީސް އިބްރާޙިމް މުޙައްމަދު ސޯލިހު، އެކުލަވާލެއްވި މި ކެމެޓީން އަންނަނީ ގިނަ މައްސަލަތަކެއް އިތުރަށް ތަޙުޤީޤު ކުރަމުންނެވެ. އޭގެ ތެރޭގައި މަޝްޙޫރު ދީނީ ޢިލްމުވެރިޔާ ޑރ.އަފްރާޝިމް ޢަލީ އާއި، ގެއްލިފައިވާ ނޫސްވެރިޔާ އަޙުމަދު ރިޟުވާންގެ މައްސަލަ އަދި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލަވެސް ހިމެނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޒިޔާޕު

    އެހެންވީމާ ކޮމެޓީއެއް ހަދަންވީނޫންތޯ

  2. އެނޯނި

    މި ނަވާޒު މީ އެންމެ ނުބައި މީހާ ހުރިހާ ގޭންގް ތަކާއި ގުޅުން އޮންނަ މީހެއް މީނަ ބޭނުމެއް ނުާނެ މީނާގެ ޖަރީމާތަކެއް ހާމަވާކަށް އެހެންވީމާ ބުނާނެ ނު ރަގަޅެއް ނޫނޭ...ގޭންގް ނަވާޒު

  3. ޙިތަދޫ ނަސީރު

    ޢެންމެ ރަނގަޅު މީހުން ތިބިނަމަ މިހާރު ގަނެލެވިފަ ދޯ އޮންނާނީ