ބަރުލަމާނީ ނިޒާމެއްގައި "ޖަޕާނުމަސް ވިހާ އުސޫލުން" ސަރުކާރުތައް ވިހާނެ ކަމަށާއި، އެފަދަ ނިޒާމެއްގައި އިރުއިރުކޮޅާ ސަރުކާރު ވެއްޓޭނެ ކަމަށް ޕީ.ޕީ.އެމް ޕާރލިމެންޓްރީ ގުރޫޕުގެ ލީޑަރ އަދި ވިލިމާލެ ދާއިރާގެ މެމްބަރ އަޙުމަދު ނިހާނު ޙުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ނިހާނު މިހެން ވިދާޅުވީ، ޗެނަލް 13 އިން ރޭ ގެނެސްދިން "ނިއުސް ޓޯކް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"މިއީ ޖަޕާނު މަސް ވިހާ ބީދައިން ސަރުކާރު ވިހާނެ ކަމެއް. އަޅުގަނޑުމެން އޭރުވެސް މިވާހަކަ ދެންނެވީ މިހެން. މާނައަކީ އެންމެ ގިނައިން އެންމެ ފަސޭހަ ކަމާއެކު ވިހާ އެއްމަހަކަށް އުޅޭނެ ތެލާޕިލާ، ޖަޕާނު މަހޭ ކިޔާ އެތި. އިރުއިރުކޮޅުން ސަރުކާރު ވެއްޓޭނެ" ނިހާނު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްވަކަމުން ނިހާނު ވިދާޅުވީ ރާއްޖޭގައި މިހާރު މި އޮތް ނިޒާމު ބަދަލުކޮށް، ބަރުލަމާނީ ނިޒާމެއް ގެނައުމަށް، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރައްޔިތުން ވޯޓު ދެއްވައިފިނަމަ، އެ ކުރެވެނީ މިހާތަނަށް ކުރެއްވޭނެ އެންމެ މޮޔަ ކަންތައް ކަމުގައެވެ.

"ކުރިއަށް މިއޮތީ އިންތިޚާބެއް. އެ އިންތިޚާބުގައި ރައްޔިތުން ވިސްނުންފުޅު ގެންގުޅެންވީ ވަރަށް ރަނގަޅަށް ވިސްނާ ވަޑައިގަންނަވަންވީ، އެމް.ޑީ.ޕީގެ ބޭނުމަކީ، އަދި ޚާއްސަކޮށް މުޙައްމަދު ނަޝީދު ނިކުމެ ވަޑައިގެން އެ ކުރައްވަން ތައްޔާރުވާ މަސައްކަތަކީ ބަރުލަމާނީ ނިޒާމަކަށް ޤައުމު ބައްޓަންކުރުމަށްޓަކައި ނުވަތަ އޭނަ ބޭނުންފުޅުވާ ގޮތަށް ވެރިކަމަށް ބޮޑު ވަޒީރެއްގެ ޙައިޞިއްޔަތުން ވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމް.ޑީ.ޕީ އަށް ހޯދުމުގެ މަސައްކަތް ފަށައިގެން އެ އުޅެނީ" ނިހާނު ވަދާޅުވިއެވެ.

މީގެ އިތުރުން ނިހާނު ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޕްރޮގްރެސިވް ކޯލިޝަންގެ ކެނޑިޑޭޓުންނަށް ވޯޓު ދޭންޖެހޭ ކަމަށާއި، ރައްޔިތުންގެ އައްޑަނައެއްގެ ގޮތުގައި އެ މެމްބަރުން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ނިހާނު މިހެން ވިދާޅުވެފައި މިވަނީ، މި ސަރުކާރު ހިންގޭނީ އެމް.ޑީ.ޕީ.އަށް މަޖިލީހުގެ މެޖޯރިޓީ ލިބިގެންކަމަށް، އެމް.ޑީ.ޕީ ގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.