ކެންސަރާ ދުރުވުމަށް ދުޅަހެޔޮ ދިރިއުޅުން ހިޔާރު ކުރެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިލްތިމާޒް ކުރައްވައިފިއެވެ.

ބައިނަލްއަގުވާމީ ކެންސަރު ދުވަސް ފާހަގަކުރަމުންދާ އިރު، މިއަހަރުގެ ޝިޔާރަކީ "އައި އޭމް، އައި ވިލް"އެވެ. އެ ޝިޔާރުގެ ދަށުން ކެންސަރަށް އާންމުން ހޭލުންތެރިކަން އިތުރު ކުރުމަށް ހާއްސަ ޕްރޮގްރާމްތަކެއް ދަނީ ހިންގަމުންނެވެ. އެގޮތުން ހާއްސަ މީސް މީޑިއާ ކެމްޕޭނެއްވެސް ހިންގަމުންދެއެވެ.

މީސް މީޑިއާ ކެމްޕޭން މެދުވެރިކޮށް ރާއްޖޭގެ ރައްޔިތުންނަށް ރައީސް ދެއްވި މެސެޖުގައި ވަނީ " ކެންސަރުން ދުރުހެލިވުމަށް ދުޅަހެޔޮ ދިރިއުޅުމެއް ހިޔާރުކުރައްވަން ރައްޔިތުންނަށް ބާރު އަޅަން،" މިހެންނެވެ.

ރައީސް އެފަދަ އިރުޝާދެއް ދެއްވާފައިވާ އިރު، ރާއްޖޭގައި މިހާރު އެންމެ އާންމު އެއް ބައްޔަކީ ކެންސަރެވެ. އެގޮތުން ކެންސަރު ސޮސައިޓީން ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި މިހާރު އެންމެ އާންމުވެފައި ވަނީ އަނގައިގެ ކެންސަރެވެ. އެ އިދާރާއިން ނެރުނު ހޭލުންތެރިކަމުގެ ލީފްލެޓްގައި ވާގޮތުން ރާއްޖޭގައި މީހުން ކެންސަރު ޖެހޭ ނިސްބަތް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ރާއްޖޭގައި 80 ޕަސެންޓް މީހުން މަރުވަނީ ނޮންކޮމިއުނެކަބަލް ބަލިތަކުން ކަމަށް ތަފާސް ހިސާބުތައް ދައްކައެވެ.

ދުނިޔޭގެ ތަފާސް ހިސާބުތަކަށް ދައްކާ ގޮތުން އަހަރެއްގެ މައްޗަށް 9.6 މިލިއަން މީހުން ކެންސަރު ބަލީގައި ދުނިޔެ ދޫކޮށްދެއެވެ. އަދި އެއީ ދުނިޔޭގައި ދެވަނައަކަށް އެންމެ ނުރައްކާތެރި ބައްޔެވެ. ކަންސަރު އެސޯސިއޭޝަނުން ބުނެފައި ވަނީ ކެންސަރާ މެދު އާންމުން އަހުލުވެރި ކުރުވުމަށް ސްކޫލް ޓީޗަރުންނާއި ބެލެނިވެރިންގެ ޒިންމާވެސް ބޮޑެވެ. އަދި ހަމައެއާއެކު އެ ބައްޔަކީ ސަރުކާރުގެ ސަމާލުކަމަށް އަންނަން ޖެހޭ ބައްޔެއް ކަމަށް ހެދުމަށް ޒުވާނުންގެ ދައުރުވެސް ބޮޑު ކަމަށް ކެންސާ ސޮސައިޓީން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލްޖިބްރާ

    ދުޅަހެޔޮ ދިރިއުޅުމެއް އުޅެވޭނީ ދުޅަހެޔޮ ޖައްވެއް ރައްޔިތުންނަށް ލިބިގެން ! ރާއްޖޭގެ އާބާދީއަށް ވުރެ ބަންގާޅީންގެ އާބާދީ މިރާއްޖޭގައި ބޮޑު ! ރާއްޖޭގެ މީހުންނަށް ވުރެ މިބަންގާޅިން މުޑުދާރު ! ދެން ދުޅަހެޔޮވާނެ ގޮތެއް ބުނެދީބަލަ ؟

    • އެމް

      މާތްﷲ ހަޒުރަތަށް އިހުލާސްތެރިކަމާއެކު ހެޔޮ ދުޢާ ކުރުން . އަމިއްލަ ނަފުސަކީ އަމިއްލަޔަށް ޒިންމާވާންޖެހޭ އަމާނާތެއް މާތްﷲ ދެއްވެވި. އަލްހަމްދު ލިﷲ. މާޝާﷲ.
      މާތްﷲ އަޅަމެންނަށް ހެޔޮވިސްނުންދެއްވަވާ އެންމެހާ ކުދި ބޮޑު ބަލިތަކުން ރައްކާތެރިކޮށްދެއްވަވާށި އާމީން