ރައީސް އޮފީހުގެ މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ޖުމްހޫރީ ޕާޓީގެ ސެކެރެޓަރީ ޖެނެރަލްގެ އަހްމަދު ސަމީރު އެޕާޓީގެ އެސްޖީގެ މަގާމުން އިސްތިއުފާދެއްވައިފިއެވެ.

ޖޭޕީގެ އެސްޖީ ކަމާއި ސަމީރު ހަވާލުވެވަޑައިގެންނެވީ 2014ވަނަ އަހަރު މެދުތެރޭގައެވެ. އޭގެ ފަހުން އެޕާޓީއަށް ވަނީ ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައެވެ.

"ވަގުތު" އަށް އެގިފައިވާގޮތުގައި ސަމީރު އިސްތިއުފާދެއްވާފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ. ސަމީރަކީ ދިއްދޫ ދާއިރާގެ މެމްބަރު ކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ އިތުރަށް ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ މެމްބަރު ކަންވެސް ސަމީރު ވަނީ ކުރައްވާފައެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތުދެއްވަމުން ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހް ވިދާޅުވީ ސަމީރު އިސްތިއުފާދެއްވީ ދައުލަތުގެ އިސްމަގާމަކާއި ހަވާލުވެވަޑައިގަތުމުން ޕާޓީ ހިންގުމުގައި ދުވަހުން ދުވަހަށް ބައިވެރިވެވަޑައިގެންނެވުމަށް ދަތިފުޅުވުމުން ކަމަށެވެ.

އަލީ ސޯލިހު ވިދާޅުވީ ސަމީރުގެ މަސައްކަތަށް ޕާޓީގެ ލީޑަޝިޕާއި ލީޑަރު އަދި އެންމެހާ މެންބަރުން ޝުކުރު އަދާކުރައްވައި އަދި ކުރިއަށް އޮތް ތަނުގައި ވެސް ޖޭޕީއަށް ސަމީރުގެ ހިދުމަތް ލިބޭނެކަން ޔަގީންކުރައްވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Miadhu

    އެދަނީ އެމްޑީޕީއަށް ގަތްވަޅަށް