މެދުތެރެއާއި އުތުރު އަތޮޅުތަކުގައި ކަނޑުދަތުރު ކުރަށްވާ ފާރާތްތަކުން މޫސުމަށް ސަމާލު ވުމަަށް ރާއްޖޭގެ މޫސުމާއި ބެހޭ އިދާރާ (މެޓް) އިން އެދިއްޖެއެވެ.

މެޓް އިން މިރޭ 8:00 އިން މާދަމާ ހެނދުނު 8:00 ގެ ނިޔަލަށް މޫސުން ލަފާކޮށް ބުނެފައި ވަނީ، މެދު ރާއްޖެ ތެރެއާއި އުތުރު އަތޮޅުަތަކަށް ވިއްސާރަ ކުރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި މެދު ރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނޭ ކަމަށާއި، ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރުފޯރާނެ ކަމަށްވެސް މެޓް އޮފީހުން ބުނެފައިވެއެވެ.

ވައިޖެހޭނެ ކަމަށް ލަފާކުރެވެނީ އިރުއުތުރާއި އިރުން، ދެކުނުގެ އަތޮޅު ތަކަށް ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި، އެހެން ހިސާބުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ބުންޏެވެ. އަދި ވިލާ ގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް ބުނެފައި ވެއެވެ.

"ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑު ވާނެ، އެހެންހިސާބުތަކުގެ ކަނޑުތަކަށް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެ. މެދުތެރެއާއި އުތުރު އަތޮޅުތަކުގައި ކަނޑުދަތުރު ކުރަށްވާ ފާރާތްތަކުން މޫސުމަށް ސަމާލު ވުމަކީ އެދެވިގެން ވާ ކަމެއް". މެޓް އޮފީހުން ބުންޏެވެ.

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވެ ވައިޓް އެލާޓްވެސް ވަނީ ނެރެފައެވެ.

ކިޔުންތެރިންގެ ހިޔާލު