ހުޅުމާލޭގައި އޮފީސް އިމާރާތެއް އަޅަން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓަރަކްޗަރ އިން ނިންމައިފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓަރަކްޗަރ އިން މިހާރު ވަނީ ހުޅުމާލޭގައި އަޅަން ބޭނުންވާ އޮފީސް އިމާރާތުގެ ޑިޒައިން ކޮށްދެއްވާނެ ފަރާތެއް ހޯދަން އިއުލާން ކޮށްފައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓަރަކްޗަރ އިން ކުރައްވާފައިވާ އިއުލާނުގައި ވިދާޅުވެފައި ވަނީ ހުޅުމާލޭގައި 24000 - 25000 އަކަފޫޓުގެ އޮފީސް ޢިމާރާތެއް ޑިޒައިންކޮށް އަރކިޓެކްޗަރަލް ކުރެހުންތައް ތައްޔާރުކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާ ކަމަށް އިއުލާނުގައި ވެއެވެ.

މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2019 ފެބުރުވަރީ 11 ވާ ހޯމަ ދުވަހުގެ 10:00 އަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ / އަމީނީމަގަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް މިނިސްޓްރީން އެދެއެވެ.

ބީލަން ހުޅުވުން އޮންނާނީ 2019 ފެބުރުވަރީ 18 ވާ ހޯމަ ދުވަހު އެވެ.

ހުޅުމާލޭގައި 25 ބުރީގެ އޮފީސް އިމާރާތެއް އަޅަން ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން އޮތީ ނިންމާފައެވެ. އެމަޝްރޫޢުއަށް ބޭނުންވާ ދިރާސާތައްކޮށް އަމަލީ މަަސައްކަތް ވެސް އޮތީ ފަށާފައެވެ. ނަމަވެސް މި ސަރުކާރުން އެޗްޑީސީގެ އެމްޑީއަކަށް ހަމަޖެއްސި ސުހައިލް އަހްމަދު ވިދާޅުވެފައި ވަނީ އެމަސައްކަތް ކުރިއަށް ގެންދާނީ ސަރުކާރުން ފައިސާ ދޭނަމައެވެ.

ޔާމީންގެ ސަރުކާރުން ނިންމާފައި އޮތީ އޮފީސް އިމާރާތް އެޗްޑީސީގެ ޚަރަދުގައި އެޅުމަށް ފަހު އިމާރާތުގެ ކުލީގެ ގޮތުގައި ސަރުކާރުން އެޗްޑީސީއަށް ފައިސާ ދައްކާ ގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މިއަދު

    ހުޅުމަލޭގައި ކުރާކޮންމެޢިމާރާތެއްވެސް ކުރަންވާނީ ޒަމާނީ ފެންވަރުގައި މިޖީލުގެ ޒުވާނުންޤަބޫލުކުރާނެގޮތަށް އަދި ލުއިފަސޭހަކަމާއެކު ޚިދުމަތް ލިބޭނެގޮތަށް ޖަޒީރާކޮށް ކޮންކުރީޓު ޖަންގައްޔަކަށް ނުވާނެގޮތަށް ދަނޑިފަޅުން 25 ބުރީގެ ޢިމާރާތެއް ކުރުންމިއީ މިސަރުކާރުގެ 100 ދުވަހުގެ ވަޢުދެއްގެ ގޮތުގައި ނުފުއްދާތި