ނައިބު ރައީސް ފައިސަލް ނަސީމް ރާއްޖޭގެ އެންމެ ބޮޑު އަތޮޅު ހުވަދު އަތޮޅަށް މިއަދު ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

މިއީ ނައިބުރައީސް ކަމަށް ވަޑައިގެންނެވި ފަހުން އެމަނިކުފާނު އެއަތޮޅުތަކަށް ވަޑައިގަންނަވާ ފުރަތަމަ ދަތުރުފުޅެވެ. ހުވަދު އަތޮޅުގެ ރަށްރަށަށް ވަޑައިގެން ކައުންސިލަރުންނާއި ރައްޔިތުންނާއި ނައިބު ރައީސް ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ނައިބު ރައީސް ފައިސަލްގެ މިދަތުރުފުޅުގައި އަންނަ ހުކުރު ދުވަހު އައްޑޫ އާއި ފުވައްމުލަކަށް ގދ. ފަރެސްމާތޮޑާއިން ދަތުރުފަތުރު ކުރުމުގެ ޚިދުމަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ދަށުން ހިންގާ ސަދަން ޓްރާންސްޕޯޓް ލިންކް (އެސްޓީއެލް) ފައްޓަވާ ދެއްވާނެއެވެ.

ނައިބު ރައީސް ފައިސަލް މިހަފްތާގައި ބ.އަތޮޅު ކިހާދުއަށް ވެސް ވަޑައިގެންނެވިއެވެ.

ފައިސަލް ހުވަދުއަތޮޅަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގަންނަވާނީ ހޮނިހިރު ދުވަހުއެވެ.