ޝަރުޢީ ދާއިރާ އިޞްލާޙް ކުރުމަކީ މިހާރުން މިހާރަށް ކުރަންޖެހިފައިވާ އެންމެ މުހިންމު އެއް ކަންތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ކޯޓުތަކާއި ފަނޑިޔާރުން އިޞްލާޙުގެ މަގަށް ރުޖޫޢަވެގެން ނޫނީ، މިޤައުމުގެ އެއްވެސް ކަމަކަށް ހަމަޖެހުމެއް ނާންނާނެ ކަމަށެވެ.

"ޝަރުޢީ ދާއިރާ އިޞްލާޙް ކުރުމަކީ މިހާރުން މިހާރަށް ކުރަންޖެހިފައިވާ އެންމެ މުހިންމު އެއް ކަންތައް. ކޯޓުތަކާއި ފަނޑިޔާރުން އިޞްލާޙުގެ މަގަށް ރުޖޫޢަވެގެން ނޫނީ، މިޤައުމުގެ އެއްވެސް ކަމަކަށް ހަމަޖެހުމެއް ނާންނާނެ." ރައީސް ވިދާޅުވިއެވެ.

ޑިމޮކްރެޓިކް ނިޒާމަށް ދައުލަތް އަނބުރާ ގެނައުމަށްޓަކައި، ސަރުކާރުގެ އިދާރީ އޮނިގަނޑަށް ގެންނަންޖެހޭ އިޞްލާޙީ ބަދަލުތައް ވަރަށް ގިނަ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިދިޔަ ހަތަރު އަހަރުގެ ތެރޭގައި މި ޢިއްޒަތްތެރި މަޖިލިސްވެސް އޮތީ، ޤާނޫނުއަސާސީން މި މަޖިލީހާ ޙަވާލުކޮށްފައިވާ ޒިންމާތައް އަދާކުރިޔަނުދީ، ކަސްތޮޅު އަޅުވާފައި. އެހެންކަމުން، ދުސްތޫރީ ނިޒާމުގެ ރޫފަ ހެޔޮކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ހިންގުން މިހާރަށްވުރެ ހަރުދަނާ ކުރަންޖެހޭ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ޙަވާލުވި ހިނދުން ފެށިގެން، ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ ހިޔަލުގައި، ކުރަމުން މި އަންނަނީ ޤާނޫނުގެ ވެރިކަމެކެވެ. "ދައުލަތް ހިންގުމުގެ ހުރިހާ ކަމެއް މިޞްރާބު ކުރެވިފައި މިވަނީ، ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދީ، އިޖުތިމާޢީ ޢަދާލަތު ޤާއިމުކޮށްދިނުމަށް. ރައްޔިތުންނަށް އުފާފާގަތިކަމާއި ތަނަވަސްކަން ހޯދައިދިނުމަށް." ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު މަޤާމާ ޙަވާލުވިއިރު، ކޮރަޕްޝަނާއި ވައްކަމުގެ ޖަރާސީމުން އުމަގުނުވާ އެންމެ ގުނަވަނެއް މި ދައުލަތުގައި ނެތޭ ދެންނެވިދާނެ ކަމަށާއި ފަސާދައާއި ޚިޔާނާތުން ކިލަނބުނުވާ އެންމެ އިދާރާއެއްވެސް މި ޤައުމުގައި ނެތް ކަމަށް ވިދާޅުވިއެވެ. އެ ޙާލަތަށް ޤައުމު ދިޔައިރު، ކޮރަޕްޝަން ހުއްޓުވާނެ ޤާނޫނުތަކާއި ޤަވާޢިދުތައް ނެތީނޫން ކަމަށާއި އެފަދަ މައްސަލަތައް ތަޙުޤީޤުކޮށް ދަޢުވާކުރާނެ އިދާރާތައްވެސް ހުރީ ޢާންމު އުސޫލުން ހިނގަހިނގާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ނަމަވެސް ކޮރަޕްޝަންގެ މޫތައް މުޅި ރާއްޖެއަށް ފެތުރިގެން ދިޔައީ، ޚިޔާނާތާއި ފަސާދައިގެ ކުރިމަތީގައި، އެ މުއައްސަސާތައް ކުޑަކަކޫ ޖެހުމުން. ދައުލަތުގެ މުދަލާއި ފައިސާ، ނާޖާއިޒު ގޮތުގައި އަމިއްލަ ބަޔަކު ބޭނުންކުރިއިރު، އެކަމާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅު ނޭޅުމުން." ރައީސް ވިދާޅުވިއެވެ.

ޚިޔާނާތުގެ ސަބަބުން ދައުލަތުން ގެއްލިފައިވާ މުދަލާއި ފައިސާ ހޯދުމަށް އެކުލަވައިލި ކޮމިޝަންގެ މަސައްކަތް ފަށައިގަނެ، އެމް.އެމް.ޕީ.އާރު.ސީ.ގެ ކޮރަޕްޝަނާ ގުޅޭ ގިނަ ޢަދަދެއްގެ ލިޔެކިޔުންތައް މިހާރު ވަނީ ހޯދިފައި ކަމަށް ރައީސް ވިދާޅުވިއެވެ. ބޭރުގެ ތަޖުރިބާކާރުންގެ ފަންނީ އެހީތެރިކަމާއެކު ތަޙުޤީޤުތައް ފަށާފައިވާއިރު، ބޭރު ޤައުމުތަކުގެ އިދާރާތަކުގެ އެހީތެރިކަން މި އަންނަނީ ހޯދަމުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ދައުލަތުގެ މުދަލާއި ފައިސާއާ ގުޅޭ ކޮރަޕްޝަނާއި ޚިޔާނާތުގެ ހުރިހާ މައްސަލައެއްގެ ޙަޤީޤަތާ ހަމައަށް ވާޞިލުވެ، އެ ފައިސާ ދައުލަތަށް ހޯދުމުގެ މަސައްކަތް މިއަންނަނީ ކުރަމުން. އެކަންކަމުގައި ޒިންމާވާންޖެހޭ ފަރާތްތަކާމެދު ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެ." ރައީސް ވިދާޅުވިއެވެ.

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގެ ޙަޤީޤަތްތައް ހޯދާ ކޮމިޝަންގެ މަސައްކަތް މިހާރު މިޞްރާބު ކުރެވިފައި ހުރީ، ފޮޓޯތަކުންނާއި ވީޑިއޯތަކުންނާއި، އެހެނިހެން ގޮތްގޮތުން މިހާތަނަށް ލިބިފައިވާ ހެކިތައް، ބޭރުގެ ފޮރެންސިކް ތަޖުރިބާކާރުންނާއި، އާރޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ދިރާސާކޮށް، މަޢުނަވީ ނަތީޖާއަކާ ހަމައަށް ދިޔުމަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މިއަދު ރައީސް ޞާލިހް އިއްވެވި ރިޔާސީ ބަޔާނަކީ އެމަނިކުފާނު އިއްވެވި ފުރަތަމަ ރިޔާސީ ބަޔާނެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ބެއްޔާ

    ބޭރުގައުމުތަކަށް ރާއްޖެ ވިއްކާލާ،

  2. އަބުﷲ

    މިހާރުން މިހާރަން ވެރިޔެއްކަމަ ހުވައިކޮއްގެން
    ހުރިމީހަކު ގުދައްބާގެންވިޔަސް ތެދުބުނުވަން
    އެބަޖެހޭ

  3. އިޚްލާސް

    ފަނޑިޔާރުގެ ގޯސްވަނީ ތިމާމެންނަށް ދެރަވާގޮތައް ކަމެއް ނިންމީމައެވެ. ތިމާމެންނާ އެއްކޮޅައް ގޯސްކޮށް ކަމެއް ނިންމިއަސް ފަނޑިޔާރުގެ ރަނގަޅެވެ.

  4. ހުސްވާހަކަ

    އިނތިހާބާ ދިމާކޮށް ރައްޔިތުން ގުބޯހައްދަން ނޫޅޭތި

  5. މަސްވެރިޔާ

    ކީއްވެތޯ ފަނޑިޔާރުންނާއި ޖުޑިޝަރީ ބަދުނާމް ކުރައްވަނީ. މިއީ ރަގަޅު ކުރަން ފެންނަ ކަންތައް.
    1. ސިޔާސީ މީހުން ޝަރުއީ ނިޒާމަކީ ދައުލަތުގެ 1 ބާރު ކަމަށް ގަބޫލްކޮށް ނުފޫޒު ނޮފޯރުވުން.
    2. ކޯޓްތަކުގެ ފަނޑިޔާރުންނަށް ވިޔަފާރިވެރިންގެ ނުފޫޒު ނޮފޯރުވުން.
    3. އެގްޒެކްޓިވް ބުރާންޗުން ޝަރުއީ ނިޒާމަށް އަތްނުބޭނުން.
    4. ފަނޑިޔާރުންނަށް ފަސޭހަކޮށް މަސައްކަތްކުރެވޭނެ ކޯޓް ސްޕޭސް ހަމަޖައްސައިދިނުން.
    5. ތަކުރާރުކޮށް ސިޔާސީ މީހުން ފަނޑިޔާރުންނާއި ފަސާދަޔާއި ގުޅުވުން ހުއްޓާލުން.
    ރައީސެވެ. މިސަރުކާރުން ބިޑަކާއި ނުލައި ޕޮރޮޕޯސަލަށް ޕޮރޮޖެކްޓް ދޭން ނިންމި ނިންމުމަކީ ކޮރަޕްޝަން ހިންގުންނޫން ދެން ކޮންކަމެއްކުރަން ތިބޭފުޅާ ކުރެއްވި ކަމެއްތޯ. އަޅުގަނޑުމެން ތިކަމުގަ މަނިކްފާނަށް އިތުބާރު ނުކުރަން. މިސަރުކާރު ވެގެންދާނީ އެންމެ ވަރުގަދަ ފޮރޮވިފައިވާ ކަރަޕްޝަން ހިންގާ ސަރުކާރަށް. ތަރައްގީ ވަމުން އަންނަ ޤައުމެއްގަ ކަރަޕްޝަން ތައްނާލެވޭނީ ލޮނު ފޮނި އެއްޗަކަށް ބަދަލްވީމަ.

  6. ޒޫމާ

    ޝަރުޢީ ދާއިރާ އިސްލާހުވާން އޮތީ ހިތް އެދޭ ބަޔަކު އެތަނަށް ލީމަބާ

  7. އަގްލީ ބެޓީ

    ފުރަތަމަ އިސްލާހް ކުރަންވީ މާރިޔާ

  8. ...

    މިހާރުން މިހާރަށް އިބޫ އިސްތިއުފާ ދީބަަލަ ?

  9. މީ ދިވެހި ރާއްޖެ

    ސްމެއްގެ ރިޔާސީ ބަޔާނެއް. އިންކަމް ޓެކްސް، 3 އެމްބަސީ ހުޅުވުން. ނިމުނީ. ވައްސަލާމް. ތިޓެކްސް އިން ނިކަމެތި މީހާ އަށް ބުރައަކަށް ވާނީ. މުއްސަދިންގެ އިންކަމް ޒީރޯ. ފައިސާ ބޭރު ގައުމުގަ. އާދައިގެ މީހާ ފެލާލަނީ.

  10. ހުސޭނުބޭ

    އިސްލާޙޭ! ފުރަތަމަ ތިމާ މީހާ އިސްލާޙްވެބަލަ! ބެއްޔަ ހަނދާން އެބަހުރިތަ ބެއްޔަ ޕާޓީގެ ކުދިން ރިޔާސީ ބަޔާން އިއްވާ ދުވަހު ތެޅި ބޭލިގޮތް!........ މަ މި ބުނަނީ ބަކަރި ތަކަކަށް އެހެން މީހުން އިސްލާޙް ކުރެވޭނެ ގޮތެއް ނެތޭ!

  11. Anonymous

    ވަރަށް ރަނގަޅަށް އިސްލާހު ތިކުރެއްވީ އިއްޔެވެސް ކުރީގެ ރައީސްގެ ބޯއީއެއް ކުރިމިނަލް ކޯޓަށް ތިލީ. ދެން ތިފޮނުވާ މައްސަލަތައް

  12. ސަމީ

    އިސްލާހް ނުކިޔަ ބަލަ ނުހައްގުން ޖަލަހް ލީމީހުންގެ ހައްގު ހީދަން ފުރަތަމަ އުޅޭ އެހެންނޫނީ ބުނެވޭނީ އެއިރު ކުރި ހުކުމް އެއީ ރަގަޅު ހުކުމެކޭ. މިހާރު ކުރީ ބާރު ފޯރުވަިގެނ ކުރި ހުކުމެކޭ

  13. ޒީރޯ

    ޝަރުއީ ދާއިރާ އިސްލާހުނުވެ ކިހިނެތްތަ އެންމެންތައް މިނިވަންވީ؟ އެންމެން ބަންދުކުރީ ޝަރުއީ ދާއިރާގެ ގޯސްކަމުންނަމަ އެ ގޯސްކަމުގެ ތެރެއިން މިނިވަންވުމަކީ ވީ ފައިދާއެއްނު؟

  14. އެލެކްސް

    ޝަރުއީދާއިރާ އިސްލާހުކުރަންޖެހޭނަމަ ކުރަންވީ ނަމަވެސް އިސްލާހު ކުރުމަކީ ތިމާ ބޭނުންނޫންގޮތައް ހުކުމް ކޮއްފިއްޔާ ނޫނީ ކޮއްފާނެ ކަމަށް އަޅާ ފިޔަވަޅެއް ނަމަ އޭތި ކަޑައޭ މޭން