އުމްރާނީ ގޮތުން ރާއްޖެ ތަރައްޤީ ކުރެވޭނީ ބޭރުގެ ފަރާތްތަކަށާއި ދިވެހިންނަށް، ރާއްޖޭގައި އިންވެސްޓް ކުރުމުގެ ފުރުޞަތު ދީގެން ކަމަށް، މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިޞްމާޢީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިހެން ވިދާޅުވީ، މި އަހަރަށް މަޖިލިސް ހުޅުވުމަށްޓަކައި ބޭއްވި ފުރަތަމަ ޖަލްސާގައި، ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙު އިއްވެވި ރިޔާސީ ބަޔާނުގައި ހިމެނޭ ކަންކަމާއި ގުޅޭގޮތުން ރާއްޖެ ޓީވީގައި ވާހަކަދުޅު ދައްކަވަމުންނެވެ.

"ވަރަށް ގިނަ ކަންކަން ސަރުކާރުން ކުރުވާފަ އޮތީ ކުންފުނިތަކުން އިނގޭތޯ. އެހެންވީމަ ކުންފުނިތަކުގެ ބެލެންސް ޝީޓު ވަރަށް ބޮޑަށް ގެއްލުން ވެފައޮތީ. ކޮރަޕްޝަން އޭގެ ތެރެއަށް ވަދެފަ އޮތީ، ނުއަގުގަ، ސިޔާސީ ބޭނުމަށްޓަކައި ކަންކަން ކުރުވާފަ ހުރީ. އެހެންވީމަ ވަރަށް ވަރަށް ޙާލަތު ދަށްކޮށް އޮތީ. އޭގެ އިތުރުން ޤާނޫނީ ކަންކަމުގެ ތެރޭގަ ވިޔަފާރި ވެރިންނަށް ބޭނުންވާ ޔަޤީންކަން ނެތުމުގެ ސަބަބުން އަސްލުގަ އެންމެ ބޮޑު ދެރައެއް އިޤްތިޞާދަށް ލިބިފަ އޮތީ. އިންވެސްޓް ކުރާނެ ދިވެހިންވެސް ބޭރުމީހުންވެސް ފަހަތަށް ޖެހިފަ އޮތީ. އިންވެސްޓް ނުކޮށެއް ތަރައްޤީއެއް ނާންނާނެ. ވިޔަފާރިތައް ފުޅާވެގެން ގޮސްގެން ނޫނީ ދަޢުލަތަކަށް ޢާމްދަނީއެއް ނުލިބޭނެ." ފައްޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން ފައްޔާޒު ވިދާޅުވީ، ރައްޔިތުން ބޭނުންވާ ގޮތަށް ގެދޮރުގެ ދަތިކަން ހައްލުކޮށް، ރައްޔިތުންނަށް ބޭނުންވާ އާސަންދައިގެ ޚިދުމަތް ފޯރުކޮށްދިނުމާއި މިނޫންވެސް ކަންކަން ސަރުކާރަކަށް ކޮށްދެވޭނީ ސަރުކާރަށް ލިބޭ ޢާމްދަނީގެ މައްޗަށް ބަރޯސާވެގެން ކަމަށާއި، ފާއިތުވި ތިން މަހެއްހާ ދުވަސް ތެރޭގައި އެކަންކަން ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި މި ނިޒާމުގެ ތެރޭގައި ހުރި ކަންކަން ފާހަގަކޮށް، އޭގެ ތެރެއިން ސަރުކާރުގެ ތެރެއިން ބަދަލުގެނެވޭނެ ކަންކަމާއި، ރައްޔިތުންގެ މަޖިލިސް ތެރެއިން ބަދަލުގެނެވޭނެ ކަންކަން ފާގަހަކޮށް އެ ކަންކަން ކުރަމުންދާކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙުގެ ފުރަތަމަ ރިޔާސީ ބަޔާން މި އަދު އިއްވާފައިވާއިރު، ރައްޔިތުން އެދޭ ގިނަ ކަންތައްތަކެއް މި އަހަރުގެ ތެރޭގައި ކޮށްދެއްވާނެކަމަށް ރިޔާސީ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Miadhu

    ތިކަންނުއެމިއަދުދޯއެގުނީ އިއްޔެނުއެގި މިއަދު އެގުނުކަންވެސްނަސީބު

  2. ބެއްޔާ

    މިމީހުން ކޮންކްރީޓް ތަރައްގީ އެއްނޫންދޯ ކުރާނީ ؟ ހެހެ

  3. ދިވެއްސެއް

    ފައްޔާޒުމެން ކުރިން ބުނީ ކޮންކްރީޓް ތަރައްގީ ބޭނުމެއްނެތޭ، އެގޮތުގަ އަހަރުން އަދިވެސް މިތިބީ.