އަބަދުވެސް އެންމެ ފަހުން ކުރިމަތިވި ކަންތައްތައް ހަނދާނުގައި ހުރުން އެއީ އިންސާނީ ޠަބީއަތެވެ. މާކުރީގެ ހަނދާންތައް އިންސާނުންގެ ސިކުނޑީގައި މާރަނގަޅަށް ރައްކާ ކުރެވިފައެއް ނުހުރެއެވެ. ހާއްސަކޮށް ސިޔާސީ ދާއިރާގައި ހިނގާ ކަންތައްތައް ބައެއް މީހުންގެ ހަނދާނުން މާއަވަހަށް ފިލައިގެން ދާހެން ހީވެއެވެ. މިހެން ބުނަން ޖެހޭ ސަބަބުތައް ވަރަށް ބައިވަރެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ގޯސްކޮށް ކަންތައްތައް ކަމަށް ވިދާޅުވެ މިހާރު ސަރުކާރުގައި މިތިއްބެވި ބޭފުޅުން ލިސްޓް ކުރެއްވި ކަންތައްތައް ވަރަށް ގިނައެވެ. އޭގެތެރެއިން ހަމައެކަނި އެންމެ ކަމެއްގެ ވާހަކަ ދައްކާނަމަ ލިސްޓްގެ އެންމެ ކުރިއަށް އަންނާނީ ޔާމީންގެ ސަރުކާރުން ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވި ވާހަކައެވެ.

ޔާމީން ރިޔާސީ އިންތިޚާބުން ބަލިވުމުން ފެނުނު މަންޒަރަކީ ޝަރުޢީ ދާއިރާ ވެސް "ސޭފް ސައިޑަށް" އެރި ތަނެވެ. އެމީހުންގެ ރައްކާތެރިކަން އެމީހުން ހޯދީއެވެ. ސަރުކާރާއި އަލަށް ހަވާލުވާން ތިއްބެވި ބޭފުޅުން ބޭނުންފުޅު ވާނެ ގޮތައް އަމުރުތައް ނެރެ، ޙުކުމްތައް އިއްވުން އެއީ އިއްތިފާގެއް ނޫނެވެ. އެއީ ވަކި މަޤުޞަދެއް ހާސިލް ކުރުމަށްޓަކައި ވަކި ގޮތަކަށް ރޭވިގެން ދިޔަ ކަންތައްތަކެކެވެ. ބުއްދީގެ ހަމައިން ވިސްނާފައި ބުނެވެން އޮތީ އެގޮތަށެވެ. ކޮންމެއަކަސް އެވާހަކަ މިހާރު ދައްކަން ޖެހޭ ވަރަށް ވުރެ އެކަންކަމަށް މާގިނަ ދުވަސް ވެއްޖެއެވެ. އެހެންކަމުން ފަހުގެ ވާހަކައެއް ދައްކަން ހިނގާށެވެ.

ހަފްތާ ނިމިގެން މިދިޔައީ ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް އާރިފަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން "އަދަބު ދިން" ޚަބަރު މީޑިއާއަށް ތިލަވި ފަހުންނެވެ. ކްރިމިނަލް ކޯޓުގައި ހުންނެވި ގާޒީއަކު ޑްރަގް ކޯޓަށް ބަދަލު ކުރުމަކީ އަދަބެކެވެ. އެއީ ޑިމޯޝަނެކެވެ. ކުރެވުނު ކުށެއް ނޭނގި، ދިފާޢު ވާން ފުރުސަތެއް ނުލިބި ގާޒީ އާދަމް އާރިފާއި މެދު އެޅި ފިޔަވަޅަކީ އިންސާފުގެ މަގުން އެޅި ފިޔަވަޅެއް ކަން ގަބޫލު ކުރާނެ އެއްވެސް ހަމައެއް ނެތެވެެ.

ޔާމީންގެ ސަރުކާރުން މިފަދަ ގޮތަކަށް ގާޒީއަކާއި މެދު ފިޔަވަޅު އެޅުމުން އެއީ ވަކި މައްސަލައެއް ވަކި ގޮތަކަށް ގެންދަން ސަރުކާރުން ކުރި ކަމެއް ކަމަށް އޭރު އިދިކޮޅުގައި ތިއްބެވި ބޭފުޅުން ތުހުމަތު ކުރެއްވިއެވެ. އެތުހުމަތުތަކަށް ބާރު ލިބޭ ގޮތައް ވަގުތާއި ހާލަތު ވެސް "ހެކިބަސް ދިނެވެ."

މިފަހަރު އާދަމް އާރިފް ކްރިމިނަލް ކޯޓުން ބޭރު ކުރި ދުވަހާއި، ޔާމީންގެ މައްސަލައިގެ ތަޙްޤީޤު ނިންމާ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފުލުހުން މައްސަލަ ފޮނުވި ދުވަހާއި ދިމާވީ އެއް ދުވަހަކަށެވެ. ޕްރޮސެކިއުޓަރ ޖެނެރަލް މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވާ، ދައުވާ އުފުލަން ތައްޔާރު ވާއިރު ކުރިއަށް އޮތީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެވެ. އިންތިޚާބުގެ ކުރިން ޔާމީން ޖަލަށް ލާނެ ކަމަށް ކޯލިޝަންގެ އެތައް ބޭފުޅުންނެއް ތަފާތު ފޯރަމްތަކުގައި ވިދާޅުވެފައި ވެއެވެ. މިހާރު ކަންތައްތައް މިދަނީ އެމަގަށެވެ. އެމަޤުޞަދު ހާސިލް ވާނެ ގޮތައް ކަންތައްތައް ރޭވެމުންދާ މަންޒަރު އެބަފެނެއެވެ.

ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކުން މިއަދު ވިދާޅުވާނެއެވެ. ޖޭއެސްސީ އިން ގާޒީއަކާއި މެދު ފިޔަވަޅު އެޅުމަކީ ސަރުކާރުގެ ދައުރެއް އޮންނަ ކަމެއް ނޫނެވެ.

ނަމަވެސް އެވާހަކަ ގަބޫލު ކުރާނީ އަބަދުވެސް ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކުންނެވެ.

ޖޭއެސްސީގެ ޖުމްލަ މެންބަރުންގެ އަދަދަކީ ދިހައެކެވެ. ޖޭއެސްސީގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ދެ މެންބަރުން އެބަތިއްބަވައެވެ. އެއީ ބަންޑާރަ ނައިބާއި، ޖޭއެސްސީއަށް ރައީސް އައްޔަން ކުރައްވާ މެންބަރެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އައްޔަން ކުރައްވާ މެންބަރަކު ވެސް އެކޮމިޝަންގައި އިންނަވައެވެ. މިހާރު ސަރުކާރު ހިންގާ ކޯލިޝަނަށް ނިސްބަތްވާ ހަތަރު ބޭފުޅުން ޖޭއެސްސީގައި ހަމަވީއެވެ. އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް ކޮންޓްރޯލް އޮންނަ ގޮތައް ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޖޭއެސްސީގައި އިންނަވާނެއެވެ. މިހާހިސާބުން ޖޭއެސްސީގެ އަޣުލަބިއްޔަތު އެއޮތީ ސަރުކާރަށް ލިބިފައެވެ. އެއީ ޖޭއެސްސީގެ ރައީސް ވޯޓްގައި ބައިވެރިވެ ވަޑައި ނުގަންނަވާނެތީއެވެ.

އާދަމް އާރިފާއި މެދު ފިޔަވަޅު އެޅިގެން ދިޔައިރު ރައްޔިތުންގެ ޙައްޤުގައި މީގެ ކުރިން ލޮލުފިޔަ ނުޖެހުނު ސަރުކާރު ބޭފުޅުންގެ އެއްވެސް ބަހެއް ނެތެވެ. އެއްވެސް މީހަކަށް ތަފާތު ކުރުމެއް ނެތި ހަމަހަމަކަން ގާއިމް ކުރަން ވައުދުވި ސަރުކާރު، ތަމްސީލް ކުރައްވަން ޖޭއެސްސީ އަށް ވަޑައިގެން ތިއްބެވި އެއްވެސް ބޭފުޅަކު އެއްވެސް އެއްޗެއް ވިދާޅެއް ނުވިއެވެ.

އެހެންކަމުން މިއީ ކިހިނެއް ކީއްވެ، ކޮން އަސްލަކަށް ބިނާ ވެގެން ޖޭއެސްސީ އާއި ހަމައަށް އައި މައްސަލައެއް ކަމާއި، ދެން މައްސަލަ ނިމިގެން މިދިޔައީ ކީއްވެ ކޮންކަމަކާއި ގުޅިގެން ކަން ވަރަށް ސާފެވެ.

ޔާމީންގެ ސަރުކާރު ގޯސްވެގެން އުޅުނު ބޭފުޅުން މިއަދު މިކުރައްވާ ކަމަކީ ޔާމީންގެ ސަރުކާރުން ކުޅުނު ޑްރާމާތައް ހަމައެގޮތައް ކުޅުމެވެ. އަދި މިސަރުކާރުގެ ބައިސްކޯފްގައި އެޑްރާމާތައް އެޅުވުމެވެ. ރައްޔިތުން އޭރު ވެސް އަދި މިހާރު ވެސް މިތިބީ ބައިސްކޯފްގައި އަޅުވަމުންދާ ޑްރާމާތައް ބަލާފައި އަތް ޖަހާށެވެ.

ޙަޤީޤަތަކީ ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް ފަހަތުގައި އޮތީ އަމިއްލަ އެދުމެވެ. އަމިއްލަ ފައިދާ ހޯދުމުގެ ނިޔަތެވެ. އަމިއްލަ މަންފާ ހޯދުމުގެ މަޤުޞަދެވެ. އެހެންކަމުން އަމިއްލަ މަންފާތައް ހާސިލް ކުރަން މިސިޔާސީ ބޭފުޅުން އެއްވެސް ކަމެއް ކުރައްވަން ފަސްޖެހި ވަޑައެއް ނުގަންނަވާނެއެވެ. ލަދުހަޔާތް ނެތިފައި ތިބުމާއި ކުރިން ދެއްކި ވާހަކަ އެކޮޅުކޮޅުން ޖަހަން ކެރިވަޑައިގަތުން އެއީ ފުރިހަމަ ސިޔާސީ ބޭފުޅަކަށް ވުމަށް އޮތް ހަމައެކަނި ޝަރުތު ކަމަށް ވަނީހެން ވެސް އެބަހީވެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޥާނުވާ

    ާވަރަށް ސަޅި

  2. އައްޑޫސިޓީ

    ނަވާޒު ތިޔަހާމަކުރީ ހަގީގަތް. އެކަމަކު ސިޔާސީމީހުން ތިކަންގަބޫލު ނުކުރާނެ. މަޖިލިސް އިންތިޙާބާ ދިމާކޮށް ޔާމީނު ޖަލައްލުން އެއީ ޔާމީނު ފިޔަވައި ދެންތިބި ސިޔާސީ ވެރިންގެ ވަރަށްބޮޑު އެދުމަކަށް ވާނެ. ދެންބަލން ތިބެމާ ވާއެއްޗެއް.

  3. އޮރެންޖު

    މިހާރު އެބައިގަނޑަށް ހުރިހާ ކަމެއް ރަނގަޅުވާނެ. ވަޒީފާ އިން ވަކި ކުރުންވެސް ކޮރަޕްޝަން ވެސް ސިޔާސީ މަޤާމް ތައްވެސް. މީހުން މަރުވުން ވެސް ވައްކަން ކުރުންވެސް. ޢެތިބެނީނު ހުރިހާ ކަމަކަށް އަތްޖަހަން ޤައުމު އަޅުވެތި ވާއިރުވެސް. ކިނބޫ ސަރުކާރު ލަދެއް ހަޔާތެއް ނުހުންނާނެ.

  4. ފުރިހަމަ

    މި ލިޔުމަކީ ފުރިހަމަ ލިޔުމެއް. ތެދެކެވެ. އިއްޔެ މިއަދު މަޤާމު ތަކާއި ޙަވާލުވެގެން ތިބި މީހުން ގޮވީ ޖަލުތަކުގައި މީހުންމަރާ ވާހަކައެވެ. އެއީ ޤުދުރަތީ މަރެއްކަމުގައި ވީނަމަވެސް ގޮވެލި ގޮވަމުން ދިޔައީ އެގޮތަށެވެ. މިއަދު ތިމާ މަޤާމާ ޙަވާލު ވުމުން އޭރުކީ ފަރިހި ޅެމަށް މިވަނީ ބަދަލުވެފައެވެ. އެންމެ ފުރަތަމަވެސް ގޮތްނޭގޭ މަރުގެ ކޮމިޓީ ހަދާ މުސާރަ ސިއްރު ކުރީއެވެ. މިއަދު ގޮތްނޭގޭ ކިތައް ކިތައް މަރު ވެއްޖެ ހެއްޔެވެ. ޟިއަދު އެއީ އަޖަލު ހަމަވީ އެވެ. އިއްޔެ އެއީ މަރާލީއެވެ. ޖަލުތަކުގަވެސް ކުއްލި މަރު މިވަނީ އާންމުވެފައެވެ. ކޮމިޓީ ކޮބައި ހެއްޔެވެ؟ އިންސާނާ އަށް ބާރު ނުފޮރުވޭ ކަންކަމުގައި ކޮމިޓީ ހަދާ މުސާރަ ސިއްރުކޮށް ކަންކަން ހިތުހުރި ގޮތަކަށް ކުރާއިރު ހެއްދެވި ފަރާތް މަތިން ހަދާން ހުރިހެނެއް ހިޔެއްނުވެއެވެ. މިއީ މިއަދުގެ ހާލަތެވެ.

  5. ބުއްދި ވެރިން

    ދުނިޔެކާނީ މަކަރާ ޖަހައިގެނޭ މުސްކުޅިން ބުނާ ހަރުބަހެއް އޮވޭނޫންތޯ..

  6. ނުރަބޯ

    ވަރަށްބޮޑު ތެދެކެވެ. އެހެންނަމަވެސް ރައީސް ޔާމީންގެ ދައުރުގައި ކަންކުރިގޮތާ މިހާރާ ތަފާތެވެ. ރައީސް ޔާމީންގެ ސަރުކާރު ގާއިމުވީއިރު މިހާރު ރީނދޫ ކުރީގެ ސަރުކާރުން ހިންގާފައިވާ ފަސާދަ އާއި ދައުލަތުގެ ފައިސާ ގަސްދުގައި ނުހަމައިން ބޭނުންކުރި ކަމުގެ ސާފު ހެކިތައް އޯޑިޓް ރިޕޯޓުން ފެންނަން އޮތެވެ. ނަމަވެސް އެމީސްމީހުނާމެދު ފިޔަވަޅު އެޅުމުގައި ވަގުތު ތައް ދުއްވާލުމުގެ ބަދަލުގައި ރައީސް ޔާމީން ބެލީ އިފްލާސް ވުމުގެ މަގުމަތީގައި އޮތް ގައުމު އެކަމުން ސަލާމަތްކޮށް ހަމަޔަކަށް އެޅުވޭތޯ އެވެ. އެކަން އިދިކޮޅުފަރާތަށް އެނގުމުން އެމީހުންބެލީ ކޮންމެގޮތެއް ހަދައިގެންވެސް ގައުމަށް ލިބެމުންދާ ފާގަތިކަމާ ތަރައްގީ އަށް ހުރަސް އަޅާ ހުއްޓުވާލެވޭތޯއެވެ. ކޯޓުތަކާ ސަރުކާރުގެ އޮފީސް ތަކުގައި ތިބި ރީނދޫ އެޖެންޓުން ލައްވާ އެމަސައްކަތް ބާރަށް ކުރިޔަށް ގެންދިޔައިރު ރާއްޖެއިން ބޭރުގައި ތިބި ބަޔަކުލައްވާ ސަރުކާރުގެ މޫނުމަތި ހުތުރުކޮށް އެކިއެކި ޖަމިއްޔާ ޖަމާޢަތްތަކުން ރާއްޖެއަށް ލިބޭއެހީތަކަށް ހުރަސް އަޅާ ހުއްޓުވަން މަސައްކަތް ކުރަމުންދިޔައެވެ. ރާއްޖެއަށް ބޭރުގެ އިންވެސްޓަރުން އައުމަށް ހުރަސްއެޅުމާ، ރާއްޖޭގެ ފަތުރުވެރިކަން ބޮއިކަޓްކޮށް ފަތުރުވެރިން އައުމަށް ހުރަސް އަޅަމުންދިޔައެވެ. މިއަދު ރީނދޫ އިކޮނޮމިކް މިނިސްޓަރު، ގައުމު ތަރައްގީ ކުރެވޭނީ ބޭރުގެ އިންވެސްޓްމެންޓް ތައް އިތުރުވެގެން ކަމަށް ބުނާއިރު އެއިރު އެމީހުން ދިޔައީ ހަރުއަޑުން އެކަމަށް ދެކޮޅު ހަދާ އެކަމާމެދު ރައްޔިތުންގެ ހިތުގައި ސަރުކާރާމެދު ހިތްހަމަނުޖެހުމާ، ޝައްކާއި ވަހުމް އުފެދޭފަދަ ވާހަކަ ތައް ކެނޑިނޭޅި ފަތުރަމުންނެވެ. ރައީސް ޔާމީން ފިޔަވަޅުއެޅުއްވީ މިފަދަ އެޖެންޓުންނަށެވެ. މި ސަރުކާރުން އިދިކޮޅުމީހުންނާމެދު އެ ކަންކުރާ ގޮތަށް ޒާތީވެގެން ކަނޑައެޅިގެން ބޭއިންސާފާ އަނިޔާއިން ކަންކުރާ ބީދަ އަކުންނޫނެވެ. އެހެންވީމާ ރައީސް ޔާމީންގެ ސަރުކާރަކީ ޑްރާމާ ކުޅުނު ސަރުކާރެއްނޫނެވެ. ރައްޔިތުން ފެލާލި ސަރުކާރެއްވެސް ނޫނެވެ. ކުރުމުއްދަތެއްގެ ތެރޭގައި (އިދިކޮޅު މީހުންގެ ދުއްތުރާލާކުރިމަތިލަމުންވެސް) ރައްޔިތުންނަށް ހެވާ ލާބަޔާ މަންފާ ވަކިކުލައަކަށް ފިކުރަކަށްނުބަލައި ހޯދާދިން ސަރުކާރެކެވެ. ބޭރުގައުމުތަކާ ޖަމިއްޔާ ޖަމާޢަތްތަކުގެ ނުފޫޒުން ރާއްޖެ އެއްކިބާކޮށްފަ ބޭއްވި ސަރުކާރެކެވެ. އެހެންވީމާ ޑްރާމާ އެއިރުވެސް ކުޅުނީ އަދި މިހާރުވެސް އެ ކުޅެނީ ރީނދޫ އެމްޑީޕީ އިންނެވެ.

  7. ސައިނީ

    އެމްޑީޕީއަށް ފުލް މެޖޯރިޓީ ދީ އޭރުން ކަންކަން ކޮށްލާތައް ދައްކާލާނަށް ސޭޓްމެން އޭރުން ބިރުން އަނެއްކާވެސް އެޑްމިޓް ވެދާނެ

  8. ކިނބޫ

    ވަރަށް ފުރިހަމަ ސާފު ސީދާ ތެދު ވާހަކައެއް. ސާބަސް ނަވާޒު. ތީ ތައުރީފް ހައްގު ނޫސްވެރި ކަމަކީ.

  9. ފައްރާރު

    ހުކުމް ކުރަނީ ޔާމީންތަ ނޫނީ ގާޒީތަ އޮޅިއްޖެ. ކޮންމެ ވެރުތަކު ހޔއްޓަސް ގޯސްކޮއް ހުކުމު ކުރާ ގާޒީއަކަށް އަދަބު ދޭންވާނެ ރައީސަކަށްނޫން

  10. ސަރާ

    ގޮތެއް ނެތީ

  11. ޑިމޮކްރަސީ

    މީވަރަށް ރަގަޅު ލިޔުމެއް: ޖޫޑީޝަރީގެ ބަލަދުވެރިފަރާތަކީ ޖޫޑިޝަލް ސާރވިސަސް ކޮމިޝަން. ޢެތަނުގެ 1/2 އަކީ ސިޔާސީމީހުން އެހެންވީމަ އެއީ ދައުލަތުގެ ވަކި ބާރެއްކަމަށް ބެލެވޭނެތޯ؟ އަޑުއިވޭގޮތުގަ ޖޫޑިޝަރީ އިސްލާހުކުރުމުގެނަމުގަ ޖޫޑިޝަރީގެ ކަންތައް ހިންގުން މަޖްލިސްގެ މުސްތަގިއްލު މުއައްސަސާތަކާބެހޭ ކޮމެޓީގެ ދަށަށްބަދަލުކުރަން އުޅެނީ. މިހެންވެއްޖެނަމަ ޖޫޑިޝަރީ %100 ސިޔާސީތަނަކަށްވެގެންދާނެ. މީތޯ ޖޫޑިޝަރީ އިސްލާހުކުރާގޮތަކީ؟

  12. މާމޫން

    އަމިއްލަ މަންފާ ޙާސިލްކުރަން މަސައްކަތް ކުރަން ފަސްނުޖެހެނީ ސިޔާސީ ބޭފުޅުން އެކަންޏެއް ނޫނެވެ. ނޫސްވެރިންވެސް އިސްތިސްނާއެއް ނުވެއެވެ.

  13. ނަވާޒު ޝަރީފު

    ޔާމީންގެ ސަރުކާރު ގޯސްވެގެން އުޅުނު ބޭފުޅުން މިއަދު މިކުރައްވާ ކަމަކީ ޔާމީންގެ ސަރުކާރުން ކުޅުނު ޑްރާމާތައް ހަމައެގޮތައް ކުޅުމެވެ..
    ޔާމީން ސަރުކާރުން ޑްރާމާ ކުޅުއްވި ދުވަސްކޮޅު އެ ޑްރާމާތަކުގެ ވާހަކަ ނާވާޒަށް ނުގެނެސްދެވުނީ ކީއްވެގެންތޯ؟
    ނަވާޒު ކީއްވެގެންތޯ އޭރު ގާޒީންނަށް ނުފޫޒު ފޯރުވި ވާހަކަ ޚަބަރުގަ ނުލިޔުއްވީ؟