މިއަދު ވެސް މޫސުން ގޯސްވެ، ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ކ.އަތޮޅާއި ލ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވައިޓް އެލާޓް ނެރެފިއެވެ.

ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު މެންދުރު ފަހު 15:00 އާއި ހަމައަށެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު މެދުތެރެއާއި ދެކުނުގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި އަދި މީގެތެރެއިން ބައެއް ރަށްތަކަށް ގުގުރުމާއި އެކު ބޯކޮށް އެކަށީގެން ވާ ކަމަށެވެ. އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ލަފާ ކުރެއެވެ.

އިރާއި އިރުދެކުނުން، ދެކުނުގެ އަތޮޅު ތަކަށް ގަޑިއަކު 03 މޭލާއި 10 މޭލާ ދެމެދުގެ ބާރު މިނުގައި، އެހެން ހިސާބުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު 05 މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ. ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑުތައް އާއްމު ގޮތެއްގައި މަޑުވާނެ ކަމަށާއި ނަމަވެސް ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަ ކުރަމުން އަންނަތާ މިހާރު ހަތަރު ވަރަކަށް ދުވަސް ވެއްޖެއެވެ.