ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންޖެހޭ މިންވަރަށް ނޭޅި، ސަލާމަތުގެ ސަބަބުތަކާއި މެދު ވަރަށް ގިނަ ބަޔަކު އިޙްމާލުވެފައިވާކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުތުބާގައި، ފަހަކަށް އައިސް ގޯތި ގެދޮރު އިމާރާތް ކުރުމުގައްޔާއި، އިމާރާތުގެ ސަލާމަތީ ކަންކަން ފުރިހަމަ ކުރުމުގައި ވަރަށް ބޮޑަށް ފަރުވާކުޑަކުރަމުންދާ ކަމަށާއި، މިކަމުގެ ސަބަބުން މީހުންގެ ފުރާނައާއި ތަކެއްޗަށް ގެއްލުން ލިބި ވަރަށް ހިތާމަވެރި ޙާދިސާތައް ހިނގަމުން އަންނަ ކަމަށް ވަނީ ވިދާޅުވެފައެވެ.

"އިމާރާތް ކުރުމުގެ ސަލާމަތީ ކަންތައްތައް ވަރުގަދަކޮށް، އަލިފާން ނިއްވާ ވަޞީލަތްތަކާއި، ކަރަންޓާއި، ފެނާއި، ގޭހާއި އަދި މިނޫންވެސް ވަޞީލަތްތަކަކީ ފެންވަރު ރަނގަޅު ވަޞީލަތްތައް ކަމުގައި ހަދަން ޖެހެއެވެ. ކަނޑު ދަތުރުފަތުރު ކުރުމާއި، މޫދަށް އެރި އުޅުމާއި، ފީނާ އުޅުމުގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސަމާލުކަން ދޭންވާނެއެވެ. މީގެ އިތުރުން އެއްގަމު އުޅަނދު ދުއްވާ މީހުންނާއި މަގު ހިނގާމީހުންވެސް ރައްކާތެރިވާން ޖެހޭނެއެވެ" މިއަދުގެ ޚުޠުބާގައި ވަނީ ވިދާޅުވެފައެވެ.

އިތުރަށް ވިދާޅުވީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން ދިމާވެދާނެ ހިތާމަވެރި ޙާދިސާތަކާއި މެދު ސަމާލުވާން ޖެހޭ ކަމަށާއި، މުޖުތަމަޢުގެ އެންމެހާ އަފުރާދުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ ޤަވާއިދުތަކަށް އެންމެންވެސް ޚުރުމަތްތެރިކޮށް ހިތަން ޖެހޭ ކަމަށެވެ.

"އެ ޤަވާއިދުތަކާއި ޚިލާފުވުމުގެ ސަބަބުން މީހެއްގެ ފުރާނައަށް ގެއްލުންވެއްޖެނަމަ، އެކަމުގެ ޒިންމާވެސް އުފުލަން ޖެހޭނެއެވެ. ޓްރެފިކް ޤަވާއިދާއި ޚިލާފަށް ބާރު ސްޕީޑުގައި ދުއްވުމުގެ ސަބަބުން އެކްސިޑެންޓްވެ، މަރުވާ މީހެއްގެ ޙުކުމާއި ބެހޭ ގޮތުން ސަމާޙަތުއް ޝައިޚް އަލްޢައްލާމާ އިބްނު ބާޒު (ރަޙިމަހުﷲ) އާ ކުރެވުނު ސުވާލެއްގެ ޖަވާބުގައި ވިދާޅުވިއެވެ. " ޝައްކެއް ނެތް ގޮތުގައި އޭނާގެ އަމިއްލަ ނަފްޞު މަރާލުމުގައި އޭނާ ބައިވެރިވެއްޖެކަން ކަށަވަރެވެ." މި އަދުގެ ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    އެންމެ މުހިންމު ކަންކަން ހެނދުނާ ހަވީރުގެ ޒިކުރުތަކާ ގޭން ބޭރަށް ދަމުންނާ ވަންނަމުން އުޅަނދަކަށް އަރަމުން ކިޔާ ޒިކުރުތައް ކިޔުމެއް ހުތުބާގައި ނެތް.

    1
    1
  2. ޒުހައިރު/ގައްދޫ

    ސަރުކާރު ފެެއިލް ވީމަ ކުރަންޖެހޭކަންތައްތަކާއި ކުރަންނުޖެހޭ ކަންތައްތައް ނޭގި މިޤަޢުމު މިދަނީ ކަނުމީހެެއްގެ އަތަށް އޮޑިދުއްވަން ދިނީމަ ދާނެ ވަކިމިސްރާބެއްނެތި ދާނެގޮތަކަށް.