ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ސިޔާސީ ޕާޓީތަކުގެ ތެރެއިން، އެއް ޕާޓީއަކަށް މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ލިބިއްޖެ ކަމަށްވާނަމަ، އޭގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހޭނެކަމަށް، ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލު އަޙުމަދު ވިދާޅުވެއްޖެއެވެ.

ޑރ.ޖަމީލު މިހެން ވިދާޅުވީ، އަވަސް އިން ގެނެސްދޭ "އަވަސް ހުކުރު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އަންނަ މަޖިލީހަކީވެސް އަދި، ބޮޑު އަޣުލަބިއްޔަތަކުން އަންނަ މަޖިލީހަކީވެސް އެ މަޖިލިސް ތެރޭގައި މިފަދަ ބޮޑެތި މައްސަލަތަކަށް ވާހަކަ ދެކެވޭނެ ވަރުގެ، އަދި ހުރިހާ އެންމެންނަށް އެ ވިސްނޭނެކަމަކަށް ވިސްނޭނެ ކަމަކަށްވެސް އަޅުގަނޑު ޤަބޫލެއް ނުކުރަން މި ކުރަންއުޅޭކަންތައް. އެހެންވީމަ ކުރަން އުޅޭ ކަންތައް ނޭނގޭ ވަރުގެ ކުދިންކޮޅަކާއި އެއްކޮށް އައިއްސަ މުޅި ޤައުމުގެ ނިޒާމު އެފުށް މިފުށަށް ޖަހާލެވޭނެ ފުރުޞަތު އެއްވެސް ބަޔަކަށް ލިބިގެން ދިއުން ވެގެންދާނީ ރާއްޖެއަށް އަނެއްކާވެސް ދިމާވެގެންދާނެ ވަރަށް ބޮޑު ގޮންޖެހުމަކަށް." ޖަމީލް ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ޖަމީލު ވިދާޅުވީ، އެއްވެސް ޕާޓީއަކަށް މަޖިލީހުގެ މެޖޯރިޓި ނުދިނުމަށް ރައްޔިތުންގެ ކިބައިން އެދޭ ކަމަށާއި، މަޖިލީކަށް ހޮވަންވާނީ އެކަމަށް ޤާބިލު މީހުން ކަމަށެވެ. އަދި މި ޤައުމުގައި އޮތް ނިޒާމު ބަދަލުކުރުމުގެ ފުރުޞަތު އެއްވެސް ބަޔަކަށް ދިނުމަކީ ޤައުމުގެ ހަމަޖެހުމަށް އެޅިގެންދާނެ ހުރަހެއް ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.

"އަޅުގަނޑު ޤަބޫލުކުރިޔަސް ނުކުރިޔަސް އެ ބިރު އެބައޮތް. އެބިރު އޮތީ އެއްވެސް އެއް ޕާޓީއަކަށް، ޚާއްޞަގޮތެއްގައި އެކަމަށް ވަކާލާތުކުރާ ބައެއްގެ އަތްމައްޗަށް ރައްޔިތުން މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ހިނގައްޖެ ކަމަށްވަނީ ނަމަ އަޅުގަނޑު ޤަބޫލުކުރަން އެ މަސައއްކަތް ފަށާނެކަން." ޖަމީލު ވިދާޅުވިއެވެ.

ޖަމީލު މިހެން ވިދާޅުވެފައިމިވަނީ ރާއްޖޭއަށް އެންމެ ރަނގަޅުވާނީ ބަރުލަމާނީ ނިޒާމެއްކަމަށް ވިދާޅުވެ، އެމް.ޑީ.ޕީން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. އަދި ކުރީގެ ރައީސް ނަޝީދުވެސް ވަނީ އެކަމަށް ތާޢީދުކޮށް ވާހަކަފުޅު ދައްކަވާފައެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޑރ.މުޙައްމަދު ޖަމީލު އަޙުމަދު، ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރަނީ ވިލިމާލެ ދާއިރާގެ ގޮނޑިއަށެވެ.