ތަރައްޤީ ކުރުމަށް އެމްޓީސީސީއާ ހަވާލު ކޮށްފައިވާ މާލޭގެ އިރުމަތީ ފަރާތުގެ އާޓިފިޝަލް ބީޗު އާއްމުންނަށް ހުޅުވާލުމަށް ނިންމައިފިއެވެ. ވަގުތީ ގޮތުން އާއްމުންނަށް މި ސަރަޙައްދު ހުޅުވާލުމަށް ނިންމާފައިވަނީ އެތަން ތަރައްޤީ ކުރުމުގެ މަސައްކަތް ފެށުން ލަސްވަމުންދާތީއެވެ.

ބައެއް މީޑިޔާތަކަށް މައުލޫމާތު ދެމުން މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ އެތަން އާއްމުންނަށް ހުޅުވާލުމުގެ ގޮތުން އިތުރު ގަސް އިންދުމުގެ މަސައްކަތް ކުރަމުންދާކަމުގައެވެ.

މީގެއިތުރުންވެސް އޭނާ ވިދާޅުވީ އެތަނުގައި ގިނަ އަދަދެއްގެ ވެހިކަލްތައް ހުރިކަމަށާއި، ވަގުތީ ގޮތުން އާއްމުންނަށް އެސަރަޙައްދު ހުޅުވާލުމުގެ ކުރިން އެތަކެތި ނެގުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށާއި އަދި އެމަސައްކަތް މި ހަފްތާގެ ބުރާސްފަތި ދުވަހު ފަށާފައިވާކަމުގައެވެ.

މާފަންނުގައި އޮންނަ އާޓިފިޝަލް ބީޗް – ރަސްފަނުންއާ އެއްގޮތަށް، އެފެންވަރަށް އެތައް ތަރައްޤީ ކުރުމަށް އެމްޓީސީސީއާ ހަވާލު ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ ވެރިކަމުގެ ތެރޭގައެވެ. މިކަމަށްޓަކައި އެސަރަޙައްދުގައި ހުރި ކެފޭތައް ނަގާ މުޅި ސަރަޙައްދުވެސް ހުސްކުރިއެވެ.

އެހެންނަމަވެސް، އެކުންފުންޏަށް އަދިވެސް މަސައްކަތް ފެށިފައި ނުވެއެވެ. އެސަރަޙައްދު ތަރައްޤީ ކުރަން ފެށުމަކީ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައިވެސް ހިމެނޭ ކަމެއްކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހިޔަނި

    ސޯލިހު ހާދަ ކުޅަދާނައޭދޯ ދެމަސް ހަމަނުވަނީސް އާޓިފިޝަލް ބީޗް ނިންމާ ހުޅުވަނީ، ތަރައްޤީ މިހާރު މެކުހަށް ދޯ

  2. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ތިނިމުނީތިކަން! ތިކިނބިލަށް މީޑިޔާއަށް އަނގައެރުވުންނޫން ކަމެއްނުވާނެ! ކޮބާހޭ ހުޅުމާލޭގެ ބީޗުގަ ހަޓާ ޓެންޓާޖަހައިގެން ގަވައިދާ ހިލާފަށް ވިޔަފާރިކުރާމީހުން! މީޑިޔާގެ ސަމާލުކަށް އަންނަން ބުނީ މިހާރުއެޗްޑީސީން އެތަންތަން ރޫޅާލަން ނުކުންނަވާހަކަ! ކޮބާ އެކަންވި؟ ކޮންކަމެއްވީ؟ މިހާރުވެސް ހަމަ އެހަޓުތަކުގަ ހަމަ އެސަޔާ ކޮފީ ވިއްކަނީ! މިބުނަނީ މިސަރުކާރަށް މީޑިޔާއަށް އަނގައެރުވުންނޫން އެއްކަމެއްވެސް ނުވާނެ! މުޅިންވެސް މީޑިޔާގެ ސަމާލުކަން ހޯދުން! އަމަލުން ވާހަމަ އެއްކަމެއްވެސް ނެތް!