މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ހިންގި ކޮރަޕްޝަނުގެ ބޮޑެތި އަމަލުތަކެއްގައި ބައިވެރިވެފައިވާކަން ސާބިތުވެ، ޖަލަށް ލުމަށް ޙުކުމް ކޮށްފައިވާ އެކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޖަލު ބަންދުން ގޭބަންދަށް ބަދަލު ކުރުމުގެ އަޑީގައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމާއި، ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަޙުމަދު ނާޒިމްކަމަށް، އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ނައިބު ރައީސްކަމާއި، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ފޭދޫ ދާއިރާގެ މެންބަރުކަން ކުރައްވާފައިވާ އަލްހާން މިހެން ވިދާޅުވީ އޭނާ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.

ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް – ފޮޓޯ: މިހާރު
ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް – ފޮޓޯ: މިހާރު

ޒިޔަތު ގޭ ބަންދަށް ބަދަލުކުރިކަން ބަޔާން ކޮށްފައި އޮތް ޚަބަރަކާއެކު އަލްހާން ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވީ ދައުލަތުން ވައްކަން ކުރި މީހުން ޖަލުން ނެރެގެން ވަގަށް ނެގި ފައިސާ ޚަރަދުކުރުވައިގެން ހޯމް މިނިސްޓަރު އައްޝައިޚް އިމްރާން އަބްދުﷲ ބޭނުންފުޅުވާ ކަމެއްވެސް ބަލަން ޖެހޭކަމުގައެވެ.

ކުރީގެ މެންބަރު ނާޒިމް
ކުރީގެ މެންބަރު ނާޒިމް

"ދައުލަތުން ވައްކަން ކުރި މީހުން ޖަލުން ނެރެގެން ވަގަށް ނެގި ފައިސާ ޚަރަދުކުރުވައިގެން ހޯމް މިނިސްޓަރު އިމްރާން ބޭނުންފުޅުވާ ކަމެއްވެސް ބަލަންޖެހޭ!" އަލްހާންގެ ޓްވީޓުގައި ވިދާޅުވިއެވެ.

މިއަދުގެ ވަގުތެއްގައި ކަރެކްޝަންސް އިން ޒިޔަތު ގޭބަންދަށް ބަދަލުކޮށްފައިވާއިރު، އެކަން ކުރި ސަބަބެއް އެފަރާތުން ހާމަކުރައްވާފައިނުވެއެވެ.