ލާމަރުކަޒީ ކުރުމުގަކީ ރަށު އޮފީހުގެ ނަން ކައުންސިލް އިދާރާގެ ނަމަށް ބަދަލުކުރުން ނޫންކަމަށާއި، ސަރުކާރުގެ އަމާޒަކީ މުޅި ރަށް ނުވަތަ މުޅި ސިޓީގެ ހުރިހާ ކަމެއް އެތަނެއްގެ ރައްޔިތުން ބޭނުންވާ ގޮތަށް ކުރުން ދޫކޮށްލުންކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ މަހާސިންތާ ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ލާމަރުކަޒީ ކުރުމަކީ ރަށު އޮފީހުގެ ނަން ކައުންސިލް އިދާރާއަށް ބަދަލުކޮށްލުމެއް ނޫން. އަޅުގަނޑުމެންގެ ތަސައްވުރުގައި ލާމަރުކަޒީ ނިޒާމަކީ މުޅި ރަށް ނުވަތަ މުޅި ސިޓީގެ ހުރިހާ ކަމެއް އެތަނެއްގެ ރައްޔިތުން ބޭނުންވާ ގޮތަކަށް ރާވާ ހިންގުމުގެ ހުރިހާ ބާރަކާއި އިހުތިޔާރެއް އެތަނެއްގައި ދިރިއުޅޭ ބައެއްގެ އަތްމައްޗަށް ދޫކޮށްލުން." ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ލާމަރުކަޒީ ޤާނޫނު އިސްލާހު ކުރުމަށް ގިނަ މަޝްވަރާތަކެއް ކުރެވިފައިވާކަމަށާއި އަދި އެކި ރަށްރަށުގައި އެކަމުގެ ފޯރަމުތައް ބޭއްވިފައިވާކަމުގައެވެ. ކެމްޕޭން ތެރޭގައިވެސް ކުރީ އެމަޝްވަރާތައްކަމަށާއި އަދި ރައްޔިތުންގެ ފަރާތުން އެކަމަށް ޚިޔާލުތަކެއް ލިބުނުކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އެފަދަ ބައެއް ޚިޔާލުތައް ހިއްސާވެސް ކުރައްވާފައެވެ.

"ކައުންސިލްތަކަށް ޤާނޫނީ ބާރު ދީ ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުން މިއީ އެއް ކަންތައް. ރަށަށް ބޭނުންވާ އަސާސީ ކަންތައްތައް ކައުންސިލް މެދުވެރިކޮށް ފޯރުކޮށްދިނިން. ރައްޔިތުން ހިޔާލާއި މަޝްވަރާ ހޯދައިގެން ދެފުށް ފެންނަ ގޮތަކަށް ރަށުގެ ތަރައްޤީގެ މަސައްކަތްތައް ހިންގުން" ރައީސް ވިދާޅުވިއެވެ.

ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރަން ޖެހޭ - ރައީސް

ހަމައެހެންމެ، ކައުންސިލްތައް ހިންގާ ސަރަޙައްދުގެ އިހްތިސާސްގައި ހިމެނޭ ސަރަޙައްދުން ލިބޭ އާމްދަނީތައް ކައުންސިލަށް ލިބޭގޮތް ހެދުމަކީވެސް ޚިޔާލެއްކަމަށާއި މާލީ ގޮތުން ކައުންސިލްތައް ބާރުވެރިކޮށްގެން ނޫނީ، ލާމަރުކަޒީ ނިޒާމު ފުރިހަމަ ނުވާނެކަމަށްވެސް ރައީސް ސޯލިހު މިއަދު ފާހަގަކުރެއްވިއެވެ.

"ލާމަރުކަޒީ ނިޒާމ ގުޅޭގޮތުންވެސް އެންމެ ގިނައިން ކުރިމަތިވަނީ މާލީ ގޮތުން ކައުންސިލްތައް ބާރުވެރިކުރުމުގެ ސުވާލުތައް މާލީ ގޮތުން ކައުންސިލްތައް ބާރުވެރިކޮށްގެން ނޫނީ ލާމަރުކަޒީ ނިޒާމު ފުރިހަމައެއް ނުވާނެ. ހަގީގަތަކީވެސް އެއީ، އެހެންކަމުން ރަށްރަށުގެ މުނިސިޕަލް ކަންކަމަށް ނަގާ ފީތަކަކީ އެރަށެއްގެ އެފަދަ ހިދުމަތްތައް ތަރައްގީކުރުމަށް ހޭދަކުރެވޭ އެއްޗަކަށް ވާން ޖެހޭ" އެމަނިކުފާނު ވިދާޅުވިއެވެ.

"ރައްޔިތުން އެދެނީ ހަލުވި ދުވެލީގައި ތަރައްޤީގެ އައްސޭރި އަތުލަން"

ރައްޔިތުން އެދެނީ ހަލުވި ދުވެލީގައި ތަރައްގީގެ އައްސޭރި އަތުލަންކަމަށާއި އިގްތިސާދީ ދުވެލި ހަލުވިކަމުގައިވިޔަސް، ތަރައްގީގެ ދުވެލި ބަރުހަލިވެގެން އުޅެނީ މަރުކަޒީ އުސޫލުގެ ސަބަބުންކަމަށް ރައީސް އިތުރަށް ވިދާޅުވިއެވެ.

"ރައްޔިތުން އެދެނީ ހަލުވި ދުވެލީގެ ތަރައްގީގެ އައްސޭރި އަތުލަން. އިގްތިސާދީ ދުވެލި އަހަރުން އަހަރަށް މަތިވަމުންދާއިރުވެސް ތަރައްގީގެ ދުވެލި ބަރުހަލިވެގެން މިއުޅެނީ މަރުކަޒީ އުސޫލު ދޫކޮށް ލާމަރުކަޒީ ކުރަން ނުކެރިގެން. ނަމަވެސް އަޅުގަނޑުމެންގެ އެހިތްވަރު އެބަހުރި." ރައީސް ވިދާޅުވިއެވެ.

"އަންހެނުން ބާރުވެރި ކުރެވޭނެ ގޮތެއް ނެތި ހިންގޭ ލާމަރުކަޒީ ނިޒާމަކީ ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ނޫން"

ހަމައެހެންމެ، އަންހެނުން ބާރުވެރި ކުރެވޭނެ ގޮތެއް ނެތި ހިންގޭ ލާމަރުކަޒީ ނިޒާމަކީ ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ނޫންކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

"އަންހެނުން ބާރުވެރިކުރެވޭނެ ގޮތް ނެތި ގެނެވޭނެ ލާމަރުކަޒީ ނިޒާމަކީވެސް ހަގީގީ ލާމަރުކަޒީ ނިޒާމެއް ނޫން. ގާނޫނުގައި ބަޔާންކުރާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ދައުރު އަދި ބާރުތައްވެސް މިހާރަށް ވުރެ ހަރުދަނާ ކުރަން ޖެހޭކަމަށް އަޅުގަނޑު ގަބޫލު ކުރަން. އެނޫންގޮތަކަށް ތަރައްގީގައި އަންހެނުންގެ ހިއްސާ އިތުރު ކުރުމަކީ ވަރަށް އުނދަގޫކަމަކަށްވާނެ" ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، މަހާސިންތާގެ ބައިވެރިންގެ ފަރާތުންވެސް ރައީސްވަނީ ބައެއް ކަންކަމަށް އެދިވަޑައިގެންފައެވެ. އެގޮތުން ހދ. ކުޅުދުއްފުށި ސިޓީއަކަށް ބަދަލުވެގެންދާއިރު، ހދ. އަތޮޅުގެ ވެރިކަން ކުރާނެ ރަށެއް ކަނޑައެޅުމަށް ބަލަން ޖެހޭ ކަންކަން ނިންމުމަށްވެސް ރައީސް އެދިލެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. މަހާސިންތާ

  ރަނގަޅުވާހަކަފުޅެއް އިއްޒަތްތެރި ރައީސް، މަނިކުފާނުގެ ލީޑަރޝިޕްގައި ކޯލިސަން ސަރުކާރެއް އުފައްދަވައި ކޯލިސަން ނުދެމެހެއްޓިގެން އުޅެނީ ކީއްވެތޯވެސް ހާމަކޮށްލަދެއްވާ. ލީޑަރޝިޕް ނަންގަވާ އަވަހަށް މިކަން ހައްލުކޮށްދެއްވާ. ރައްޔިތުން ވޯޓް ދިނީ އެމް.ޑީ.ޕީ އަކަށް ނޫން ކޯލިސަނަށް އެހެންކަމަށްވުމުން ކޯލިސަން ރޫޅި އެމް.ޑީ.ޕީ މުލިވެރިކަމުގައި ފައި ހިއްޕުމަކީ ރައްޔިތުން ނިންމި ނިންމުމގައި ކޮޅުފައިން ޖެހުން ކަހަލަ ކަމެއް ދެއްތޯ!

 2. ދޮނބެ

  25 އަހަރު ކަމެއް ނުކޮއް މަޖިލީހުހަ ހުރެފަ ލިޔެލާފަ ދޭ އެއް ޗެއް ކިޔާލެވިދާނެ

 3. މުހައްމަދު

  ރަނގަޅަށް ލާމަރުކަޒީ އުސޫލު ގާއިމުކުރެވޭނީ އަތޮޅު ކައުންސިލުތައް އުވާލައިގެން. އެއީ މިނިސްޓްރީތަކާއި ރަށުކައުންސިލުތަކާ ދެމެދަށް އަޅާފައިވާ ވަރަށް ބޮޑު ހުރަހެއް

 4. މިއަދު

  ރައިސް އިބުރާހިމް މުޙައްމަދު ސަލިހު އެވިދާޅުވީ ވ ބޮޑު ތެދުފުޅެއް ނަންބޯޑު ބަދަލުކުރުމަކުން ލާމަރުކަޒީއެއް ނުވާނެ ހަމައެގޮތަށް ހަމައެގޮތަށް ރާއްޖޭގެ ރައިސަކަށް އިބުރާހިމް މުޙައްމަދު ސާލިހު ރަޢިއްޔަތުންހޮވީ ވަކިޕާޓީއަކަށްވެރިކަންކޮށް އެމްޑީޕީގެ ޕަޕެޓު ރައީސެއްގެގޮތުގައި ވެރިކަން ކުރާކަށްވެސް ނޫން

 5. އެލެކްސް

  ބަލަގަ އަނގަ ނުތަޅާ ކޮއްބަލަ. އަންނި ވެސް ވެރިކުގަ ވީހާ ދުވަހެއް ދުއްވާލީ ހުސް އަނގަ ތެޅުމުގަ އެއްވެސް ކަމެއް ނުވެ

 6. އަބޯ

  ލާމަރުކަޒީ ގެ ނަންބޯޑު ޖެހުމުގެ ކުރިން އެއަތޮޅަކަށްއާމްދަަނީ ލިބޭނެ ވަސީލަތް ސަރުކާރުގެ ބަޖެޓާ އިނުލާ ހަމަޖެހިފަ އޮންނަންވާނެ. ލާމަރުކަޒީގެ ވާހަކަ ދައްކާ އިރު ހުރިހާކަމެއް ބައްޓަންވެފަ މިއޮތީ 70 80 90 ގެ އހަރުތަކުގަ ކަންކަން ހިގަމުންދިޔަގޮތަށް އާމްދަނީ އެއް އަތޮޅަށް ނުވަތަ ރަށަކަސް ނުލިބޭ . ބަޖެޓްދޭން މިޖެހެނީ ދަވްލަތުގެ ބަޖެޓް ފައިސާއިން. ހަމަ އެކަނި ނަންބޯޑެއްޖަހައިގެން ކައުންސިލަ ހިންގާތާ މިހާރު 10 އަހަރު ވޭތިވެއްޖެ . އައި ކުރިއެރުމެއްނެތް.