ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އިކޮނޮމިކްސް ދާއިރާއިން ގައުމީ ޔުނިވާސިޓީގެ ވަގުތީ ލެކްޗަރާއަކަށް ހަމަޖައްސައިފިއެވެ.

މިނިސްޓަރ މުނައްވަރު، އޭނާގެ އަމިއްލަ ފޭސްބުކް ޕޭޖުގައި އޭނާ އެ މަގާމަށް ހަމަޖެއްސިކަން އިއުލާން ކުރިއިރު ރައީސް ޔާމީންގެ ވެރިކަން ނިމުނު ހިސާބުން ވޭތުވެދިޔަ 19 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ވަޒީފާއެއް ނެތި ހުންނަވަން ޖެހިވަޑައިގެންފައިވާ ކަމަށް މީގެ ކުރިން މުނައްވަރު ވަނީ ވިދާޅުވެފައެވެ.

އެ ޕޯސްޓުގައި މުނައްވަރު ވަނީ އެދުވަހުން ފެށިގެން ވަޒީފާއެއް ހޯއްދެވުމުގެ މަސައްކަތް ފައްޓަވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

މުނައްވަރު ފިނޭންސް މިނިސްޓަރަކަށް އައްޔަން ކުރައްވާފައި ވަނީ 22 ޖޫން 2016 ގައެވެ. އޭގެ ކުރިން ހުންނެވީ ފިނޭންސްގެ ސްޓޭޓް މިނިސްޓަރަކަށެވެ. އޭގެ ކުރިން ފިނޭންސް މިނިސްޓްރީގައާއި އެމްއެމްއޭގެ އިސް މަގާމުތަކެއް އަދާކުރައްވާފައިވެއެވެ.