މާލެ އާއި ސިޓީތަކުން ކުނި ހޮވާ، ސިޓީތައް ސާފުކޮށް ބެލެހެއްޓުމުގެ ޒިންމާ އުފުލާ ސަރުކާރުގެ ކުންފުނި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) މުވައްޒަފަކުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭ ކަމަށް މުވައްޒަފުން ބުންޏެވެ.

މީގެ ކުރިން އެންމެ ލަސްވެގެން ވެސް މަހުގެ 01 ނުވަތަ 02 ހިސާބުގައި މުސާރަ ޖަމާވި ނަމަވެސް މިމަހު އަދި މިހާތަނަށް މުސާރަ ނުލިބޭ ކަމަށް ވެމްކޯގެ މުވައްޒަފަކުން ބުނެއެވެ.

މާލޭގައި މަސައްކަތް ކުރާ ވެމްކޯގެ މުވައްޒަފަކު މިއަދު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ މުސާރަ ނުލިބުމުގެ ސަބަބުން ދިރިއުޅުމުގެ ޚަރަދުތައް ހަމަނުޖެއްސި ވަރަށް ގިނަ ދަތިތައް ދިމާވަމުންދާ ކަމަށެވެ.

"މާލޭގައި މިއުޅެވެނީ ލިބޭ މުސާރައިން ކިރިޔާ. މަސް ނިމޭއިރު މުސާރަ މިއޮންނަނީ ހުސްވެފައި. މިމަހު ވަރަށް ހާލުގައި މިއުޅެނީ. ގޭގެ ކުލި ވެސް ނުދެއްކިގެން މިއުޅެނީ. ގޭގެ ވެރިމީހާ އެބަގުޅާ ދުވާލަކު ދެތިން ފަހަރު." އޭނާ ބުންޏެވެ.

އިތުރު މުވައްޒަފަކު ބުނީ މުސާރަ ނުލިބުމުގެ ސަބަބުން ގޭގެ ކުއްޔާއި ބިލްތައް ވެސް ނުދެއްކިފައިވާ ކަމަށެވެ. "ކުލި ނުދެއްކި ބިލްތައް ވެސް ނުދެއްކި މިދަނީ. ދަރިފުޅުގެ ޓިއުޝަން ފީ ވެސް ނުދެއްކިގެން މިއުޅެނީ." ތިން ކުދިންގެ މަންމައަކު ބުންޏެވެ.

ވެމްކޯ މުވައްޒަފުންނަށް މުސާރަ ނުލިބޭ މައްސަލައިގައި ކުންފުނީގެ ވެރިއަކަށް ގުޅަން ކުރި މަސައްކަތް ކާމިޔާބު ނުވުމުން ވެމްކޯގެ ބަހެއް ނުލިބުނެވެ.

ވެމްކޯ އަކީ ސަރުކާރުން ސަބްސިޑީ ދީގެން ހިންގަމުންދާ ކުންފުންޏެކެވެ. އެހެންކަމުން ބެލެވޭ ގޮތުގައި ވެމްކޯ މުވައްޒަފުންނަށް މުސާރަ ނުދީ ލަސްވަނީ ސަރުކާރުން ފައިސާ ހަމަޖައްސައި ނުދޭތީއެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ވެމްކޯ ވަރަށް ބޮޑަށް ތަރައްޤީކޮށް، ބިދޭސީންގެ ކޮންޓްރޯލްގެ ދަށުގައި އޮތް މާލޭގައި ކުނި އުފުލުމުގެ ވިޔަފާރި ވެމްކޯގެ ދަށަށް ބަދަލު ކޮށްލިއެވެ. ވެމްކޯ އަށް ދިވެހި މުވައްޒަފުން ނަގަން ފެށުމުން ގިނަ ބައެއްގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވެގެން ދިޔަ ކަމަށް އޭރު މުވައްޒަފުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޡޡޡޡޡޡޡޡޡޡ

    ހެޔޮވެރިކަން

  2. ޝަރީފާ

    ކުނިވެ ފުޅައަޅާފައޮތް މާލޭގެ ކުނިގޮނޑު ސާފްނުކުރެވުނު ބަޔަކު ތިތިބީ ވެރިކަމުގައި! ވެމްކޯއަކީ ސިޓީތައް ސާފްކޮށް ބޭއްވުމަށް ބޮޑު މުސާރަޔާއެކު ބުރަ ހަޑި މަސައްކަތްކުރުމަށް ޔާމީން އުފެއްދި މުހިއްމު ކުންފުންޏެއް! އޭގެ ސަބަބުން ގިނަ ބައެއްގެ ދިރިއުޅުން ހަމަޖެހި ސިޓީތަކުގެ ސާފްތާހިރުކަން ފެންނަންފެށި! ވެމްކޯގައިވެސް ޔާމީންއަށް ދޯކާދިންމީހުން ތިބި! އެކަން އެމީހުންނަށް ފެންނަމުން އެދަނީ!

  3. Anonymous

    ރައްޔިތުން ބޯން އުޅުނު ބޮނޑި ބޮވިފަ މިއޮތީ. ގައުމުގެ ގައްދާރުންގެ އަތްމައްޗަށް ގައުމު އެއްލާލާފަ ތިބި ރައްޔިތަކަށް ލިބޭނެ ދެރަ ދިވެހިންނަށް ލިބޭނެ. ނަފްރަތާ ހަސަދަގެ ނުބައި ބަލި ދިވެހިންނަށް ޖައްސާ އޭގޭ ފައިދާ ނަގައިގެން ވެރިކަމަށް ފާވެފަ އެތިބީ ދިވެހިން އަޅުވެތިކޮށް ފަގީރުކޮށް ދިވެހިންގެ ނަން ފޮހެލާނެ ބައެއް.

    1
    1