އަންނަ އޭޕްރިލް މަހު އޮންނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންގެ މާލީ ބަޔާން ހުށައަޅަން އެޕާޓީން މިއަދު މުހުލަތެއް ދީފިއެވެ. އެމްޑީޕީން ވިދާޅުވީ ކެންޑިޑޭޓުން މާލީ ބަޔާން ހުށައެޅުން އެބަޔާންތަށް އާންމު ކުރާނެ ކަމަށެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ތަރުޖަމާން އަފްޝަން ލަތީފް ވިދާޅުވީ އެމްޑީޕީގައި ތިބި ކެންޑިޑޭޓުންގެ އިތުބާރު އިތުރު ކުރުމަށާއި އިންތިހާބުގެ ހުރިހާ ކަމެއްވެސް ދެފުއްފެންނަ ގޮތަށް ކުރިއަށް ގެންދިޔުމަށް މަޖިލިސް އިންތިހާބުގައި ވާދަ ކުރާ އެމްޑީޕީގެ ހުރިހާ ކެންޑިޑޭޓުންގެ މާލީ ބަޔާން ހުށައެޅުމަށް އަންގާފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ކެންޑިޑޭޓުންނަށް މިހާރު ވަނީ އަންގާފައި އަންނަ ބުރާސްފަތި ދުވަހުގެ ރޭގަނޑު އަށެއް ޖެހުމުގެ ކުރިން އެބޭފުޅުންގެ ބާލީ ބަޔާން ޕާޓީ އަށް ހުށައެޅުމަށް. އަޅުގަނޑުމެން މިކަން މިގޮތަށް މިކުރަނީ ކެންޕޭނުގެ ވެސް ހުރިހާ ކަމެއް ދެފުއްފެންނަ ގޮތަށް ކުރިއަށް ގެންދިއުމަށް" އަފްޝަން ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އަފްޝަން އިތުރަށް ވިދާޅުވީ ކެންޑިޑޭޓުގެ މާލީ ބަޔާން ޕާޓީގެ ވެބްސައިޓާއި ޓުވިޓާގައިވެސް ހިއްސާ ކުރާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން މާލީ ބަޔާން ހުށަނާޅާ މެމްބަރުންގެ މައްޗަށް ޖިނާއީ ތަހުގީގުކޮށް ޖިނާއީ ދައުވާ ކުރެވޭގޮތް ހަދަން ހުށަހަޅަން އެމްޑީޕީން ނިންމާފައިވާއިރު މިހާރުވެސް މަޖިލިސް މެމްބަރުން މާލީ ބަޔާން ހުށަހަޅަން މަޖިލިސް ގަވައިދު ލާޒިމް ކުރެއެވެ. 19 ވަނަ މަޖިލީހަށް އިންތިހާބުވާ މަޖިލީހުން މަޖިލީހުގެ ގަވައިދަށް އިސްލާހުތަކެއް ހުށަހެޅުމަށް އެމްޑީޕީގެ މަޖިލިސް އެޖެންޑާގެ ތެރެއިން ވަނީ މަޝްވަރާ ކޮށްފައެވެ.

މަޖިލިސް މެމްބަރުގެ އިތުރުން މެމްބަރުގެ ދެމަފިރިންނާއި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ހުށަހަޅަން ޖެހޭ އިރު މެމްބަރުންނާއި އަނބި ދަރިން ހުށަހަޅާ މާލީ ބަޔާނުގައި ފައިސާ، ބޭންކް އެކައުންޓް، ބިން، ބިމުގެ އެގްރީމަންޓު، އާއިލީ ވިޔަފާރި، ގަހަނާ، މޯޓަރ ލީ ވެހިކަލް، ރުއްގަހުގެ މައުލޫމާތުވެސް ހިމެނެންޖެހޭ ގޮތަށް އެމްޑީޕީން ވަނީ ހުށައަޅާފައެވެ.

މާލީ ބަޔާނުގެ އިތުރުން މެމްބަރުގެ ބައެއް ހަރަދުތައް މަޖިލީހަށް ހުށަހަޅަން ޖެހޭގޮތަށް އެމްޑީޕީން ހުށަހަޅާނެ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ. އެގޮތުން މެމްބަރު ރާއްޖޭން ބޭރަށް ކުރާ ދަތުރުތަކުގެ ތަފްސީލު ހުށަހަޅަން ޖެހޭގޮތަށް ހަދަން އެމްޑީޕީން ހުށަހަޅާނެ ކަމަށް އެޕާޓީން ބުނެއެވެ.

މަޖިލިސް ގަވައިދަށް އެމްޑީޕީން ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި
ހުރިހާ މެމްބަރުންގެ މާލީ ބަޔާން މަޖްލިސް ވެބްސައިޓްގައި އާންމުކޮށް ޝާއިރު ކޮށް މާލީ ބަޔާން ހުށަނޭޅުމަކީ ޖިނާއީ ކުށަކަން ކަޑައަޅައި މާލީ ބަޔާން ހުށަނޭޅުމުން ޖިނާއީ އަދުލުގެ ނިޒާމުގެ ދަށުން ތަހުގީގު ފެށި، ފިޔަވަޅު އެޅޭނެ ގޮތް ހެދުން ހިމެނެއެވެ.

އަދި މެމްބަރުންގެ ހާޒިރީއާއި މެމްބަރުން މަޖިލީހަށް ހުށަހަޅާ ބިލުތަކާއި ކޮމިޓީގައި ކުރާ މަސައްކަތް އެނގޭ ގޮތަށް ކޮންމެ މެމްބަރަކަށް ހާއްސަ ވަކި ސެކްޝަނެއް ހަދަން އެމްޑީޕީން ހުށަހަޅައެވެ.

މަޖިލިސް އިންތިޚާބު އޮންނާނީ އޭޕްރިލް 06 ވަނަ ދުވަހު އެވެ. އެމްޑީޕީ އިން މިހާރު ވަނީ މަޖިލިސް އިންތިޚާބުގެ ކެމްޕޭން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސީމާ

    މާލީ ބަޔާން ޢާންމުކުރުމަށް ބުނާއިރު ގެނެސް ދެނީ ހުސްރޯ ބުހުތާނު ދޮގު. މިނިސްޓަރުންގެ މާލީން ބަޔާނަކީ ވެސް އަމާ ބުނީ ފަރަށް ދާގޮތަށް ގެނެސްދީފައި ހުރި ބަޔާން ތައް. ހުސް ދޮގު ބުހުތާނު. ދެއްކުންތެރިކަން ދޫ ކޮށް ހަޤީގަތަށް ވާޞިލްވޭ.

  2. ހުސޭނުބޭ

    ތިމަންނާއަކީ ފަޤީރުކަމުން ސަލާންޖަހާ މީހެކޭ ބުންޏަސް ދެން އެވީ ޤަބޫލުކުރަންދޯ! އެ ވަރިހަމަ ކުރީގެ ސަރުކާރުގައި މިލިއަނުން ބިލިއަނުން ކައިފައި ހުރި މީހަކަސް!

  3. އަސަރީ

    ދޮގުހަދައިގެން ތައްޔާރުކުރާ މާލީ ބަޔާން ގަބޫލެއް ނުކުރެވޭނެ! އެމްޑީޕީ މީހުން ތެދެއް ނަހަދާނެ އޮޅުވާލުމާ މަކަރުހެދުން ފިޔަވައި އެހެންކަމެއް ނޭގޭއެވެ.