2019 ވަނަ އަހަރުގެ އޮންނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ކިނބިދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރުމަށް ގާނޫނީ ވަކީލު، އަލްއުސްތާޛް އިބްރާހިމް ރިޟާ ނިންމަވައިފިއެވެ.

އަލްއުސްތާޛް އިބްރާހިމް ރިޟާ "ވަގުތަށް" މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ކިނބިދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރަން ނިންމި މައިގަނޑު ސަބަބަކީ، ކިނބިދޫ ދާއިރާއަކީ ފާއިތުވެދިޔަ ހުރިހާ ސަރުކާރުތަކަކުން ވެސް މާބޮޑު އަޅާލުމެއްނެތި އިހުމާލުވެފައިވާ ދާއިރާއަކަށް ވާތީ، ދާއިރާގެ ރަށަކަށް އުފަން ދާއިރާގެ ދަރިއެއްގެ ހައިސިއްޔަތުން އެކަން ބަލައި ނުގަނެވޭތީ އާއި، އަދި ދާއިރާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ހަޤީޤީ ދަތިތަށް ފިލުވައިދިނުމަށްޓަކައި އެންމެ އެކަށީގެންވާ މަސައްކަތެއް ކުރެވޭނީ ސިޔާސީ ޕްލެޓްފޯމެއްގެ ތެރެއިން ކަމަށް ގަބޫލުކުރެވޭތީއެވެ.

އަލްއުސްތާޛް އިބްރާހިމް ރިޟާ އަކީ ޤާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރެއްވުމަށް ފަހު ގާނޫނީ ދާއިރާގައި ތާފާތު ގިނަ ތަޖުރިބާ ހޯއްދަވާފައިވާ އަދި މިހާރުވެސް ގާނޫނީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ބޭފުޅެކެވެ.

މީގެ އިތުރުން އަލްއުސްތާޛް އިބްރާހިމް ރިޟާ އަކީ ތައުލީމީ ދާއިރާއާއި ސިޔާސީ އިސްލާޙީ ހަރަކާތްތަކުގައި މިހާރުވެސް މަސައްކަތް ކުރަމުން އަންނަ ފަރާތެކެވެ.

ރިޟާ އިންޓަވިއުއެއް ދެއްވަނީ
ރިޟާ އިންޓަވިއުއެއް ދެއްވަނީ

އަލްއުސްތާޛް އިބްރާހިމް ރިޟާ ވަނީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގައި 3 އަހަރުދުވަހު މަސައްކަތް ކުރައްވާފައެވެ. ޓްރާންސްޕޭރެންސީ މޯލްޑިވްސްގައި އަލްއުސްތާޛް އިބްރާހިމް ރިޟާ ކޮށްފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް އާންމުންނާއި ކައުންސިލްތައް ހޭލުންތެރި ކުރުވުމާއި، ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް މުޢައްސަސާތަކާއި ގުޅިގެން މަސައްކަތްކުރުމާއި، އިންސާނީ ހައްގުތަކުގެ ދާއިރާއާއިން މީހުން ހޭލުންތެރި ކުރުވުމާއި، ކޮރަޕްޝަން ނައްތާލުމަށް މަސައްކަތްކުރުން ހިމެނެއެވެ.

އަލްއުސްތާޛް އިބްރާހިމް ރިޟާ އަކީ މިހާރުވެސް ކްލިކް ކޮލެޖާއި ވިލާކޮލެޖުގައި ގާނޫނީ މައްދާތަށް ކިޔަވައިދެއްވަމުން ގެންދަވާ ބޭފުޅެކެވެ. ކިޔަވައިދިނުމުގެ އިތުރުން އަލްއުސްތާޛް އިބްރާހިމް ރިޟާ ގެންދަނީ ތަފާތު ޤާނޫނީ ލިޔުންތައް ލިޔެ ޝާއިއު ކުރައްވަމުންނެވެ.

އަލްއުސްތާޛް އިބްރާހިމް ރިޟާ ވިދާޅުވި ގޮތުގައި އޭނާގެ މައިގަނޑު ސިޔާސަތަކީ، ލާމަސީލު ރައްޔިތުންތަކެއް ދިރިއުޅޭ، ލާމަސީލު ދާއިރާއަކަށް ކިނބިދޫ ދާއިރާ ހެދުމެވެ.