އެވިޑް ކޮލެޖުގެ ޗެއަރމަންގެ ބައްޕާފުޅު އަލް މަރްހޫމް ނައިބުރަޝާދުގެ ހަނދާނުގައި އެވިޑްކޮލެޖުންހުށައަޅުއްވާފައިވާ ސްކޮލަރޝިޕްގެ ފުރުޞަތު ލިބުނު ގދ.ތިނަދޫ ދަރިވަރުންނަށް ސްކޮލަރޝިޕް ލިބުނުކަމުގެ ލިޔުން ޙަވާލުކޮށްފިއެވެ.

ހޮނިހިރުދުވަހުގެ ރޭ އެވިޑް ކޮލެޖްގެ ތިނަދޫ ކެމްޕަހުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައި އެ ސްކޮލާޝިޕް ލިބުނުކަމުގެ ލިޔުންތައް ޙަވާލުކޮށްދެއްވީ ޗެއަރމަން އަލްފާޟިލް ޢަބްދުﷲ މުސްތާޤް ރަޝާދެވެ.

" ނައިބު ރަޝާދު ސްކޮލަރޝިޕް " ފުރުޞަތުގެ ދަށުން އެވިޑް ކޮލެޖް ތިނަދޫ ކެމްޕަހުގައި ސެޓްފިކެޓް 4 އިން ފައުންޑޭޝަން ކޯހުގައި ކިޔެވުމަށް 22 ދަރިވަރަކަށް ސްކޮލަރޝިޕް ފުރުޞަތު ލިބިފައިވާކަަމަށް އެވިޑް ކޮލެޖުން ބުންޏެވެ. މީގެ އިތުރުން މާލޭ ކެމްހުގައިވެސް މި ސްކޮލަރޝިޕް ފުރުޞަތުގެ ދަށުން 30 ދަރިވަރަކު ކޯސްކުރިއަށް އެބަ ގެންދެއެވެ.

އަލްމަރްހޫމް ނައިބްރަޝާދު، ތަޢުލީމީގޮތުން ހުވަދު އަތޮޅުގެ ރައްޔިތުންނަށް ވަރަށް ގިނަގުނަ ޚިދްމަތްތަކެއް ކޮށްދެއްވަވައި މުޅި އަތޮޅުގެ ހުރިހާ ރައްޔިތުންގެ ލޯތްބާއި ރުހުންހޯއްދެވިއެވެ. އެހެންކަމުން އެމަނިކުފާނުގެ ތަޢުލީމީ ޚިދްމަތުގެ ހަނދާންތައް އާކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް އެވިޑް ކޮލެޖުން " ނައިބު ރަޝާދު ސްކޮލަރޝިޕް " ގެ ނަމުގައި ފުރުޞަތު ހުޅުވާލުމަށް ހަމަޖެހިފައިވެއެވެ.