ހެޔޮ އަގުގައި ބޯހިޔާވަހިކަން ހޯދައިދޭނެ ކުންފުންޏެއް އުފައްދަނީ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދުގެ ދަށުން ރައްޔިތުންނަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޤުޞަދުގައި "ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ސައްތައިންސައްތަ ސަރުކާރު ހިއްސާވާ ކޯޕަރޭޝަނެއް އުފެއްދެވުމަށް، އިކޮނޮމިކް ކައުންސިލުގެ ލަފާފުޅާއި އެކު، މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހް ނިންމަވައިފިއެވެ.

އަތްފޯރާފަށުގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އިސްނަގައިގެން، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ހިންގާ މަސައްކަތްތައް ކުރިއަށްގެންދާނީ އެ ކޯޕަރޭޝަނުގެ ދަށުންނެވެ. އަދި ކުރިމަގުގައި ސަރުކާރުން ކުރިއަށްގެންދާ މިފަދަ މަޝްރޫއުތައްވެސް ހިންގާނީ އެ ކޯޕަރޭޝަނުގެ ދަށުންނެވެ.
އެ ކޯޕަރޭޝަނުން ހިންގާ މަޝްރޫއުތައް ކުރިއަށް ގެންދާނީ މިހާރު ސަރުކާރުން މަސައްކަތް ފައްޓަވާފައިވާ ހައުސިންގް ނީޑްސް އެސެސްމަންޓަށް ރިޢާޔަތް ކުރެވިގެން، އަދުލުވެރި އަދި އިތުބާރުހިފޭ އުސޫލުތަކެއްގެ ތެރެއިން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށެވެ. މިގޮތުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭއިރު، ފަހި ދިރިއުޅުމެއް އުޅެވޭނެފަދަ މާޙައުލެއް ޤާއިމުކުރުމަށް ބޭނުންވާނެ ވަސީލަތްތައްވެސް ހަމަޖައްސައިދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަބޯ

    ހެޔޮ އަގުގަ ބޯހިޔާ ވެހިކަމެއް ނުދެވޭނެ. ކުންފުންޏެއް ހެދިޔަކަށް އެކަމެއް ނުކުރެވޭނެ. ދިވެހިގައުމަށް ބޭނުންވާ މިންވަރަށް ބޯހިޔާ ވަހިކަން ދޭނެ ފައިސާ އެއް ދަވްލަތަކު ނެތް . ބޭކާރު ހަރަދު ދަވްލަތުގާ ގިނަ އެއީ މަޖިލީހުގެ މެމްބަރަކަށް 85000 ގިނަ ރަށުކައުންސިލްތައް ބޭކާރު ހަރަދު ހެނދުނުގެ ނާސްތާ ބޭކާރު ހަރަދު . ކަރަންޓްސަބަސިޑީ ބޭކާރު ހަރަދު ، ކާޑު ސަބަސިޑީ ބޭކާރު ހަރަދު މިހެންގޮސް ބޭކާރު އެތައްކަމެއް ދަވްލަތުން އެބަކުރޭ . ވީމާ ދަވްލަތުގެ ނެތްފައިސާއަކުން ބޯހިޔާ ވަހިކަމެއް އަގު ހެވެއް ނުކުރެވޭނެ. ދަވްލަތުގަ ފައިސާ ހުރެގެން އެފައިސާ އަށް ބިޑް ކޮށްގެން ފްލެޓް އިމާރާތް ކުރެވޭނަމަ ނޫނީ އަގު ހެވެއްނުކުރެވޭނެ. އަހަރުމެންދޭ ގެރެންޓީ އަކަށް ކުރެވޭ އިމާރާތް އަގުހެވެއްނުވާނެ ހިލޭސާބަހަށް ދިވެހިރާއްޖޭގަ އިމާރާތް ކޮށްދޭނެ ކުންފުނިތަކެއް ބޭރު ގައުމެއްގާ ނުހުރޭ. ވީމާ އަގުހެޔޮވާނެގޮތެއްނެތް. ހިލޭ ސާބަހަށް ދަރަނި ދޭ ފަރާތްތަކެއް ދުނިޔޭގަ ނެތް ފްލެޓް އިމާރާތް ކޮށްފަ ސަބްސިޑީން އަގުހެޔޮ ކުރުމަކީ ހިޔާނާތްތެރިވުމެއް. އެމްޑީޕީ އަކި އަބަދުވެސް ނަންބަދަލުކުރާ ބައެއް . އޭގެ ހެތްކަކީ މަދަނައިގެ ނަން އާސަންދަ ކިޔާ ބަދަލުކުރި ވޮކޭސަނަލް ޕްރޮގްރާމް ހުނަރު ޕްރޮގްރާމް ކިޔާ ނަންބަދަލުކުރި ސްކޫލްގެ ތައުލީމު ވަށާޖެހޭ ތައުލީމް ކިޔާ ނަންބަދަލުކުރި . މި ކުންފުންޏަކީ ވެސް ނަންބަދަލުކުރުމުގެ އިތުރު ބޮޅެއް ނޫންކަމަކަށް ނުވާނެ.

  2. މަގޭ ހިޔާލު

    ތިޔައީ އަތްފޯރާ ބޯހިޔާ ދެެއްތޯ! ތިކަން ހެޔޮގޮތުގަ ކުރިއަށް ގޮސްފިއްޔާ ކިތައްމެހާވެސް ރަނގަޅު.

  3. ނުރަބޯ

    ކުންފުނިތަކާ ކޯޕަރޭޝަންތަކާ ކަމިޝަންތައް އުފައްދާ، ރީނދޫ އެކްޓިވިސްޓުންނަށް ވަޒީފާ ދިނުންނޫން ކަމެއް އަދި ރީނދޫ ސަރުކާރުން ކުރާތަނެއް ނުފެނޭ. ތިޔަފަދަ ކަމަކަށް މިހާރު ހުރި ތަންތަން (ހައުސިންގ މިނިސްޓްރީ އާއި އެޗްޑީސީ) ނުފުދެނީތޯ؟

  4. ޖޮއްބެ

    ކުންފުނި އުފެއްދިދާނެ އެކަމަކު ތިޔަކަމެއް ނުވާނެ، ރައްޔިތުން ހަމަ ނިކަމެތި ޙާލުގައި ތެޅިތެޅި ތިބެން ޖެހޭނީ.

  5. ޒާ

    ފާޑު ފާޑުގެ ނަންނަން ކިޔާފައި ކޮމެޓީތަކާއި ކުންފުނިތަކާއި ކޮމިޝަންތައް ހަދަނި ލޮލުގައި އަނދުން އަޅުވަން. އެކަމަކު މީ އެއްވެސް އުއްމީދީ ސަރުކާރެއްނޫންކަން އެނގެނީ ވެރިކަމަށް އައިފަހުން ތަރައްގީއަށޭކިޔާފައި ތަނެއްގައި ގާބުރިއެއްވެސް ބާއްވާފައި ނެތުމުން.