ޅ.އަތޮޅު ފެލިވަރުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ބަޔަކު މި ހަފްތާ ތެރޭގައި ކާނާ ވިހަވެފައިވަނީ ކާނާއަށް އިންސެކްޓިސައިޑް (ސޫފާސޫފި މެރުމަށް ބޭނުންކުރާ ކެމިކަލް) އަސަރު ކޮށްގެން ކަމަށް ލަފާކުރެވޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ކާނާ ވިހަވުމަށް ޝައްކު ކުރެވޭ މައްސަލައަކާއި ގުޅިގެން ޅ.އަތޮޅު ހޮސްޕިޓަލްގެ ޓީމެއް އާދީއްތަ ދުވަހު ފެލިވަރަށް ޒިޔާރަތްކޮށް، އެތަން ބަލައި ޗެކްކޮށްފައިވާ ކަމަށެވެ.

ބެލި ބެލުމުން، ފެބްރުއަރީ 8 ވީ ހުކުރު ދުވަހު ފެލިވަރުގައި މުވައްޒަފުން ދިރިއުޅޭ ކުއާޓަރުތަކަށް އެކިއެކި ސޫފާސޫފި މެރުމަށް ބޭނުންކުރާ ކެމިކަލް (އިންސެކްޓިސައިޑް) ސްޕްރޭ ކޮށްފައިވާކަން ހާމަވެފައިވާ ކަމަށާއި އެ ސްޕްރޭގެ އަސަރު އޭގެ ތެރެއިން ބައެއް ތަންތަނުގައި ބޭނުންކުރި ކާބޯތަކެއްޗަށް ކޮށްފައިވާކަމަށް ލަފާކުރެވޭ ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

އެޗްޕީއޭއިން ވިދާޅުވީ ހޮޑުލައި، ވަރުދެރަވުމާއި ގުޅިގެން ފަރުވާ ހޯދި ގިނަ މީހުންނަކީ އިންސެކްޓިސައިޑް ސްޕްރޭ ކުރި ކުރާޓަރުތަކުގައި އުޅޭ މީހުންކަންވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.

މި ހާދިސާގައި ހާލު ދެރަވި 4 މީހަކަށް އަދިވެސް ޅ. އަތޮޅު ހޮސްޕިޓަލުގައި ފަރުވަ ދެމުންދާއިރު، މި މީހުންގެ ހާލު ރަނގަޅު ވަމުންދާކަމަށް އެ ހޮސްޕިޓަލާއި ހަވާލާދީ އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    ގައިމު ފެލިވަރު މެނޭޖްމަންޓުން އަންގަނީ އެތަނުގައި ކާނާ ވިހަވުމުގެ އެއްވެސް ހާދިސާއެއް ނުހިނގާކަމަށް! ވީމާ އެޗްޕީއޭ ނޫނީ ފެލިފަރު މެނޭޖްމަންޓް.... މިތަނުން ކޮންމެވެސް އެއްބަޔަކު ތިއުޅެނީ ދެބަނދިހާރުވެގެން!