ދިވެހިރާއްޖޭގެ ކޯޓްތަކުގެ މަސަތްކަތްތަށް އެންމެ ފުރިހަމަ ގޮތެއްގައި، ހަލުވިކަމާއެކު، ކުރިޔައް ގެންދިއުމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ކޯޓްތަކުގެ ޖާގައިގެ ދަތިކަން ކަމުގައި އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

ގަޟާއީ އާ އަހަރުގެ މަސައްކަތް ފެށުމުގެ ގޮތުން ރޭ ދަރުބާރުގޭގައި ބޭއްވި ޙާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވަނީ ކޯޓުތަކުގެ ޖާގައިގެ ދަތިކަން ހުރިކަމަށް ވިދާޅުވެ އެކަމާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. "ޝަރުއީ ދާއިރާގެ ޕާފޯމަންސް ރަނގަޅުކޮށް ކޯޓުތަކުގެ މަސައްކަތްތައް އެންމެ އެކަށީގެންވާ ގޮތުގައި ކުރިއަށް ގެންދިއުމުގައި އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކޯޓުތަކަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން،" އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވިއެވެ.

އެގޮތުން، ކައުންސިލުތަކާއި އެއް އިމާރާތެއްގައި އިދާރީ މަސައްކަތްތައް ކުރިއަށް ގެންގޮސް، އެއް ކޮޓަރީގައި ހުރިހާ މައްސަލައެއް ބަލާ 67 މެޖިސްޓްރޭޓު ކޯޓު އެބަހުރި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މީގެ އިތުރުން، މާލޭގައި ހުރި ސުޕީރިއާ ކޯޓުތަކަށްވެސް ޖާގައިގެ ދަތިކަން އިންތިހާޔަށް ބޮޑުވެފައިވާކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

"ސިވިލްކޯޓުގައި 16 ގާޒީން މަސައްކަތް ކުރާ އިރު އެ ކޯޓުގައި ހުރީ އެންމެ ހަތަރު ރޫމްކަން އަޅުގަނޑު ފާހަގަ ކުރަން. ފެމިލީ ކޯޓަށް ޖާގައިގެ ދަތިކަން ދިމާވެފައިވާތީ އެ ކޯޓު ހިންގަމުން ދަނީ ދެ ބަޔަކަށް ބަހާލައިގެން ޖަސްޓިސް ބިލްޑިންގެ އިމާރާތުގައި އެއްބައި އަދި ހެންވޭރުގައި ހުރި އިމާރާތުގައި ކޯޓުގެ ދެ ސެކްޝަން އިންވާ ގޮތަށް އިންތިޒާމުކޮށްގެން. ޖުވެނައިލް ކޯޓާއި ޑްރަގް ކޯޓު ހިނގަމުން ދަނީ ވަރަށް ބޮޑަށް ބާވެފައިވާ އިމާރާތްތަކެއްގައި ކަމަށްވާތީ އެ އިމާރާތްތަކަށް ކޮންމެ އަހަރަކުވެސް ބޮޑެތި މަރާމާތްތަކެއް ކުރަން ޖެހި އޭގެ ސަބަބުން އެ ކޯޓުތަކުގެ މަސައްކަތަށް ވަރަށް ބޮޑަށް ދަތިވޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު އިތުރަށް ވިދާޅުވީ، ކޯޓުތަކުގެ ހިންގުން ހަރުދަނާކޮށް އަދުލު އިންސާފަށް ވާސިލުވުމުގެ ގޮތުން ކޯޓްތަށް ހިންގަމުންދާ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އޭގެ އިތުރުން، މިހައިތަނަށް ވެސް އަދި މިހާރުވެސް، އަދުލު އިންސާފަށް ވާސިލުވެ، އަދުލު އިންސާފަށް ވާސިލުވުމުގެ އަވަސްކަން އިތުރު ކުރުމާ އެކު، ޝަރުއީ ދާއިރާ ހިންގަމުން ގެންދާ ނިޒާމު ހަރަދަނާ ކުރުމުގެ ގޮތުން ގިނަ ގުނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށްވެސް ރޭގެ ޖަލްސާގައި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވިއެވެ.

އެހެން ކަމުން ޝަރުއީދާއިރާގެ ނިޒާމް ހިގަމުންދާ ގޮތާއި ބެހޭގޮތުން އާންމު ރައްޔިތުން ހޭލުންތެރި ކުރެއްވުމަށްޓަކައި، ޝަރުއީ ދާއިރާއާ ގުޅޭ މައުލޫމާތު ގެނެސްދިނުމަށް ޓީވީ އަދި ރޭޑިއޯ ޕްރޮގްރާމުތައް ގެނެސްދިނުމާއި، ޝައުރީ ދާއިރާގެ ޕާފޯމަންސް ރިޕޯޓުތަކާއި، ކޭސް މެނޭޖްމެންޓު ރިޕޯޓުތައް ޝާއިއުކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ބަޔެއްކަހަލަ މައްސަލަތަކުގެ ހުކުމްތައްވެސް އާންމުންނަށް ފެންނަ ގޮތަށް ހަދާފައިވާނެ ކަމަށް އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ނުރަބޯ

  އެހެންތޯ؟ ކޯޓްރޫމްތެރެ ދަތިކަމުން މައްސަލަތައް އެތަންތަނު ގައި ތާށިވަނީ ދެއްތޯ؟ ބަލަމިހިރަ ގަމާރާ..! މައްސަލަތައް ގަސްދުގަ ލަސްކުރަނީކަމާ އެއީ ފައިސާގެ ބޮޑެތި ޢަދަދު ތަކުން ރިޝްވަތު ނަގަންވެގެންކަން ނޭނގެނީ ކާކަށްބާ...؟

 2. މޫސަ

  ޢެއްމައްސަލައެއްގައި އެއްބަޔަކު ތިބެގެން 6 ގޮތަށް ހުކުމް ނެރެނީ ވެސް ޖާގައިގެ ދަތިކަމުންތަ؟

  10
 3. ފާއިޒު

  މިމީހުންއަށް ވަކިން ރަށެއްދީ ! ޖުޑިޝަރީ އައިލެންޑް. އެއިރުން ހިތްހަމަ ޖެހިދާނެ.

 4. ދިވެހިދަރިން

  ވަގުތުގެ އެންމެހާ ނޫސްވެރިންނަށް ބުނެލަމެވެ. މިހާރު އެމްޑީޕީ އިން ކޯޓުތަކުގައި ރަސްމީ ސިފައެއްގައި ތަޅުއަޅުވާމަންޒަރު އެންމެނަށްވެސް މިއޮތީ ފެންނާށެވެ. ޖުޑިޝަރީގައި މަސައްކަތްކުރާ ބައެއްމީހުން ބޭނުންކޮށްގެން ފައިސާއަށް ހައްލައިގެން އެއުޅެނީ އަސްލު ޤާޒީންނަށް ބިރުދައްކާށެވެ. މީގެކުރީގައި މައްސަލަތައް ވަކިގޮތަކަށް ނިމިފައި ހުރީ ގާޒީން ރިޝްވަތު ނެގުމުންނެވެ. ބިރަކުން ނޫނެވެ. ނަމަވެސް މިހާރު އެހެން ހެދީމާ އެމްޑީޕީ ބޭނުންވާ ގޮތަކަށް ލާދީނީ މިނިވަންކަންވެސް ދެވޭނެތީއެވެ. އެހެނީ މަޖިލީހުގެ މެޖޯރިޓީ ނަގައި އެއަށް ދީނީމިނިވަންކަން ދޭ ގާނޫނެއް ހެދިޔަސް ސްޕްރީމް ކޯޓުން އެއަށް އަމަލު ނުކުރުމަށް އަމުރު ނެރެފިނަމަ އެއީ ނަހަދާ ގާނޫނެކޭ އެއްވަރުވީއެވެ. މާނަޔަކީ މަޖިލިސް ހުރިހާ މެމްބަރުންނާ ،ސްޕްރީމްކޯޓު ބެންޗާ ނުބައްދަލުވީއެވެ. އެހެންކަމުން އެތަނަށް ރެޖިސްޓްރާއެއް މި ލަނީ އޭނާގެ ނުފޫޒު ބެންޗަށް ފޯރުވުމަށެވެ. އަދި ބެންޗުން ހުކުމެއް ނިންމިޔަސް އޭތި ވެބްސައިޓާއި އެހެން މުއައްސަސާތަކަށް ފޯރުކުރާނީ ރެޖިސްޓްރާގެ އޮތޮރައިޒް ލިބުނީމައެވެ. މާނަޔަކީ ސްޕްރީމް ބެންޗުގެ ހުކުމްތަކުގެ މައްޗަށް ޙުކުމް ކުރާނީ ރެޖިސްޓްރާއެވެ. ދެން އޮތީ ބޭރުދުނިޔޭގެ ނުފޫޒެވެ. އެއްވެސް ސަރުކާރަކުން އެގައުމެއްގެ ޖުޑިޝަރީ އަށް ގަދަކަމުން އަތްބާނަންޏާ އެސަރުކާރާ ދެކޮޅަށް ބޭރުން ފިޔަވަޅުތައް އަޅައެވެ. އަދިއެއީ އެމީހުންގެ ޑިމޮކްރެސީ ޕޮލިސީއާ ވަރަށްބޮޑަށް ޚިލާފުކަމެކެވެ. އެހެންކަމުން މިވެސް ނުހިނގާނެހެން ބިޑިމިއަޅުވަނީ މޭޒު ދަށުންނެވެ. ވީމަ ވަގުތު ޓީމަކީ އަބަދުވެސް އެންމެ ކްރިޓިކަލް ހާލަތްތަކުގަވެސް މިފަދަކަންކަން ހޭލުންތެރިކުރުމަށް އަދި ގައުމީމަސލަހަތައް ވަރަށްބުރަ މަސައްކަތްތަކެއް ކޮށްފައިވާ ޓީމަކަށް ވާތީ އެކަމަށް ޝުކުރުއަދާކުރަމެވެ. އަދި މިކަމުގައިވެސް ރަނަގަޅު ދިރާސާތަކެއް ހަދައި ކުރީބައިގައި ރައްޔިތުންނަށް ވިސްނައިދޭނެކަމަށް އުއްމީދުކުރަމެވެ. ޚާއްސަކޮށް ނަވާޒުގެ މަސައްކަތް އަދި ރިޕޯޓްތައް ފާހަގަކޮށްލެވެއެވެ.

 5. ބެއްޔާ

  ޖާގަ އެބަހުރި ބައިވަރު. އެންމެ ބޮޑު ގޮންޖެހުމަކީ ފަނޑިޔާރުން ރިޝްވަތުނެގުން. އިންސާފުވެރިނުވުން ދައުލަތުން ރައްޔިތުންގެ ފައިސާއިން އެހާގިނައިން ދޭއިރުވެސް.

 6. ޒާ

  ރާއްޖޭގެ ކޯޓުތަކަށް ދޭންވީ ކުޑަގޮޅި. އެހާވެސް ބޭއިންސާފު

 7. ކެޔޮޅު

  ކޮންތާކުތޯ ޖާގަކުޑައީ ތިޖޫރިތަކުގައިތޯ ރިސްވަތުގެ ފައިސާއަޅާނެތަނެއްތޯ ނެތީ؟

 8. ޞާބިރު

  ޖާގައިގެ ދަތިކަމުންދެއްތޯ އެއްމައްސަލައެއްގައި އުޅޭ އެތައްބަޔެއްގެތެރެއިން އެކަކު ހުނިޖަހާނަގައި އޭނަގެ ޝަރީޢަތް އެއްގަޑިން ނިންމާލަންޖެހުނީވެސް؟ ލަދުޙަޔަތުގެ ކުނޑިފަށެއްވެސްނެތެއްނު؟