އިސްލާމިކް މިނިސްޓްރީން އިން ބަލަހައްޓަމުންދާ ޒަކާތު ފަންޑުން އެހީއަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ވަގުތީގޮތުން މެދުކަނޑާލާފައި އޮތުމަށްފަހު އެ ފުރުޞަތު އަލުން ހުޅުވާލާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއިރު ޒަކާތު ފަންޑަކީ އިސްލާމިކް މިނިސްޓްރީން ބަލަހައްޓަމުންދާ މުހިންމު ބޭނުންތަކަށް ބޭނުންކުރާ ތަނަވަސް ފަންޑެކެވެ.

"އަންނަ އަންގާރަ ދުވަހުން ފެށިގެން، ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރު 13:00 އާއި ހަމައަށް ފޯމްތަކާއި ސިޓީފަދަ ތަކެތި ބަލައިގަންނަން ހަމަޖެހިފައިވާ ވާހަކަ ދަންނަވަން.” އިސްލާމިކް މިނިސްޓްރީގެ އިޢުލާނުގައި ވިދާޅިވެފައިވެއެވެ.

ޒަކާތު ފަންޑުގެ އެހީއަށް އެދި ހުށަހަޅާ ފޯމުތަކާއި، ސިޓީފަދަ ތަކެތި ބަލައިގަތުން، މިދިޔަ އަހަރު ޑިސެމްބަރ 23 ގައި މެދުކަނޑާލީ، އެ މިނިސްޓްރީގެ ދަށުގައި ހުރި ފަންޑުތަކުގެ 2018 ވަނަ އަހަރުގެ އޮޑިޓް މަސައްކަތް ކުރުމަށްޓަކައި ކަމަށް އެ މިނިސްޓްރީން ހާމަ ކުރެއެވެ.

ޒަކާތު ފަންޑުން މީގެ ކުރިން ވަނީ ގިނަ ބަޔަކަށް ތަފާތު އެހީތައް ދީފައެވެ. ހާއްސަކޮށް ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް އެފަންޑުން ދީފައިވާ އެހީތައް ފާހަގަ ކުރެވެއެވެ.

ނަމަވެސް ޒަކާތު ފަންޑުން އެހީ ވުމުގައި ހަމަހަމަ ކަން ނުގެންގުޅޭ ކަމުގެ ޝަކުވާ ވެސް ގިނަ ބަޔަކު މީގެ ކުރިން ކޮށްފައި ވެއެވެ.