ޝަރުޢީ ދާއިރާ މިނިވަންކޮށް އިސްލާހު ކުރާނެ ގޮތުގެ މަޝްވަރާތައް ޝަރުޢީ ދާއިރާ އިން ފަށަން ތައްޔާރުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން ވަނީ ސެމިނާރު އޮން ޖުޑީޝަލް އިންޑިޕެންޑެންސް އެންޑް ރިފޯމްގެ ނަމުގައި ސެމިނާއެއް ބާއްވަން މިހާރު ނިންމާފައެވެ. ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ އަކީ ސުޕްރީމް ކޯޓުގެ ދަށުން ހިނގަމުން އަންނަ އިދާރާއެކެވެ. މިއީ ޝަރުޢީ ދާއިރާ މިނިވަންކޮށް އިސްލާހު ކުރާނެ ގޮތުގެ މަޝްވަރާއެއް ކުރަން ޝަރުޢީ ދާއިރާ އިން ތައްޔާރުވާ ފުރަތަމަ ފަހަރެވެ.

ޖުޑީޝަލް އެކަޑަމީން ވަނީ ސެމިނާރު އޮން ޖުޑީޝަލް އިންޑިޕެންޑެންސް އެންޑް ރިފޯމްގެ އިވެންޓްތައް މެނޭޖްކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް މިހާރު އިއުލާން ކޮށްފައެވެ. އިވެންޓްތައް މެނޭޖް ކުރާނެ ފަރާތެއް ހޯދަން ދެވަނަ ފަހަރަށް އިއުލާން ކުރީ އެކަމާއި ގުޅޭ ގޮތުން ކުރި ފުރަތަމަ އިއުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވަނީ 02 ފަރާތުން ކަމަށްވާތީއެވެ.

އިއުލާނުގައި ވިދާޅުވެފައި ވެފައި ވަނީ ޖުޑީޝަލް އިންޑިޕެންޑެންސް އެންޑް ރިފޯމް އާ ގުޅޭ ސެމިނާރެއް 2019 ފެބްރުވަރީ 19 އިން 20 ގެ ނިޔަލަށް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާތީ، މި ސެމިނާރުގެ އިވެންޓްތައް މެނޭޖްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2019 ފެބްރުއަރީ 13 ވާ ބުދަ ދުވަހުގެ 17:00 އަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2019 ފެބްރުއަރީ 15 ވާ ހުކުރު ދުވަހުގެ 17:00 އަށްޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަށް އަންދާސީހިސާބު ހުށައެޅުއްވުން އެދޭކަމަށް އިއުލާނުގައި ވެއެވެ.

ޝަރުޢީ ދާއިރާ މިނިވަންކޮށް އިސްލާހު ކުރާނެ ގޮތުގެ މަޝްވަރާތައް ޝަރުޢީ ދާއިރާ އިން ފަށަން ތައްޔާރުވެފައި ވާއިރު ޝަރުޢީ ދާއިރާގެ މައްސަލަތަކުގެ ވާހަކަތައް އާއްމު ރައްޔިތުން ދައްކަމުން އަންނަތާ މިހާރު އަހަރުތަކެއް ވެއްޖެއެވެ. ނަމަވެސް ކަންކަން އިސްލާހު ކުރަން ޝަރުޢީ ދާއިރާ އިން މީގެ ކުރިން މާބޮޑު މަަސައްކަތެއް ނުކުރެއެވެ.