މިއަދު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އިތުރަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވައިޓް އެލާޓް ނެރެފިއެވެ.

ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު މެންދުރު ފަހު 14:30 އާއި ހަމައަށް ނ.އަތޮޅާއި މ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށެވެ. މިއަދު ހެނދުނު މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ހުވަދު އަތޮޅަށް ޔެލޯ އެލާޓް ވެސް ނެރުނެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ދެކުނުގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި މީގެތެރެއިން ބައެއް ރަށްތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހުން އެކަށީގެން ވާ ކަމަށެވެ. އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ވެސް ކެރީގެ އަސަރު ފޯރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އިރުއުތުރާއި އިރުން، ދެކުނުގެ އަތޮޅު ތަކަށް ގަޑިއަކު 07 މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ އިރު އެހެން ހިސާބުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވުން އެކަށީގެންވެއެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށް ލަފާކުރެވެއެވެ.

މެދުތެރެ އާއި އުތުރު އަތޮޅުތަކުގައި ކަނޑު ދަތުރު ކުރަށްވާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަކީ އެދެވިގެން ވާ ކަމެއް ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއެވެ.

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވިއްސާރަ ކުރަމުން އަންނަތާ މިހާރު ހަފްތާއެއްހާ ދުވަސް ވެއްޖެއެވެ.