ތައުލީމީ ނިޒާމްގެ ތެރެއިން ހުރިހާ ދަރިވަރުންގެވެސް ސިއްހަތު ބަލާނެ ނިޒާމް ތައާރަަފްކޮށްފިއެވެ.

ރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން މި ނިޒާމް ތައާރަފްކޮށްދެއްވީ، އެޑިއުކޭޝަން މިނިސްޓަރ، ޑރ.އައިޝަތު އަލީއެވެ.

އެ ނިޒާމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ކާނަލް ޑރ.އަލީ ޝާހިދު ވިދާޅުވީ، ދަރިވަރުން އެނގުނުމަށް ވަރަށް ބޮޑު ހިއްސާއެއް ސިއްހަތު ކުރާ ކަމަށެވެ. ސިއްހަތުގައި މައްސަލަ އުޅޭނަމަ އެ ކުދިންގެ އެނގުނުމަށް ވަަރަށް ބޮޑު ނޭދެވޭ އަސަރުތައް ކުރާނެ ކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ މިކަމަށް ފިޔަވަޅެއް އެޅިއްޖެނަމަ އެ ކުދިންގެ ސިއްހަތާއި އެއްވަރަށް އެ ކުދިންގެ އުނގެނުމުގެ ކަންތައްތައްވެސް ރަނގަޅުވެގެންދާކަމަށެވެ.

ރާއްޖޭގައި ކުރިން ހެލްތް ސްކްރީނިންގ ޕްރޮގްރާމްތައް ހިންގިފައި ވަނީ ގްރޭޑް އެކެއްގެ ދަރިވަރުންނަށް އެކަންޏެވެ. އެކަން ކުރިއަށްގެންދާތާ ފަސް އަހަރު ވެއްޖެއެވެ. އެކަންކަން ބަލާ ކޮންމެ އަހަރަކުވެސް މައުލޫމާތުތައް ގެންދިޔައީ އާއްމު ކުރަމުންނެވެ. މި ހެލްތް ސްކްރީނިންގގައި އެ ކުއްޖާ އެހެން ޑޮކްޓަރަކަށް ދައްކަން ޖެހޭނަމަ އެކަންވެސް ކޮށްދިނެވެ.

މި ފަހަރު އަލަށް ތައާރަފް ކުރާ ސިއްހަތު ބަލާނެ ނިޒާމްގެ ތެރެެއިން އެލްކޭޖީއިން ފެށިގެން ގްރޭޑް 10 ގައި ކިޔަވާ ދަރިވަރުންގެ ހެލްތް ސްކްރީން ކުރެވިގެން ދާނެއެވެ.

އިންޓަގްރޭޓެޑް ހެލްތް ސްކްރިނިންގ ޕްރޮގްރާމްގެ ނަމުގައި ހިންގާ މި ނިޒާމުގެ ތެރޭގައި ހިމެެނެނީ ނިއުޓްރިރެންތް ސާވިސް، ހެލްތް އެޑިއުކޭޝަން، ހެލްތް ޕްރޮމޯޝަން، އިންޓާވެންޝަން، އަދި ރިފާ ކުރަން ޖެހޭ ކުއްޖަކު ހުރިނަމަ އެކަންކޮށްގެން އެ ކުއްޖަަކަށް ބޭނުންވާ ފަރުވާދިނުން ހިމެނެއެވެ.

މި ސްކްރީން ހެދުމަށް ނިންމާފައި ވަނީ އެކަމަށް ބަޔަކު ޓްރައިން ކުރުމަށްފަހުއެވެ. އަދި ބެލެނެވެރިން ލައްވާ ސޮއިކުރުމަށްފަހުއެވެ. ސްކްރީން ކުރާނީ އޭގައި ސޮއިކުރާ ބެލެނެވެރިއެއްގެ ދަރިވަރު އެކަންޏެވެ.

މި ސްކްރީންތަކުން މައިންބަފައިންނަށް ފާހަގަނުކުރެވުނަސް، ކުދިންގެ ހުންނަ މައްސަލަތައް ދެނެގަނެވޭނެކަން ޑރ. ޝާހިދު ވަނީ ފާހަގަކޮށްފައެވެ. އަދި އެކި ގްރޭޑްތަކުގައި، ކުއްޖާގެ ސިއްހަތާއި ގުޅުން ހުރި އެކިއެކި ކަންކަން ސްކްރީން ކުރާނެއެވެ. މި ސްކްރީންތަކާއިއެކު މައިންބަފައިންނަށްވެސް ހެލްތް އެޑިއުކޭޝަން ދޭން ޖެހޭނަމަ އެކަންވެސް ކުރާނެ ކަމަށް ޑރ. ޝާހިދު ވިދާޅުވިއެވެ.

ރޭގެ ރަސްމިއްޔާތުގެ ތެރެއިން ސްކޫލްގެ ފުޑްގައިޑްލައިން ވެސް ވަނީ އިފްތިތާހްކޮށްފައެެވެ. ސްކޫލްގެ ފުޑްގައިޑްލައިން ނެރެދެއްވީ، ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑރ މުސްތަފާ ލުތުފީއެވެ.

އަދި އޭގެ އިތުރުން 2018 ވަނަ އަހަރު ގްރޭޑް އެކެއްގެ ދަރިވަރުންގެ ހެލްތް ސްކްރީނިންގ ރިޕޯޓްވެސް ވަނީ ނެރެފައެވެ. އެ ރިޕޯޓް ނެރެދެއްވީ ހެލްތް މިނިސްޓަރ އަބްދުﷲ އަމީންއެވެ.