ތައުލީމީ ނިޒާމްގައި ހަނގާ ކުރުން (ބުލީ ކުރުން) ހުއްޓުވައި، އަނިޔާ ލިބޭ ފަރާތްތަކަށް އެހީތެރިވާނެ ގޮތުގެ އުސޫލު ކަނޑައަޅައިފިއެެވެ.

މިރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އުސޫލު ނެރެދެއްވީ ޔުނިސެފްގެ ރެޕްރެޒެންޓޭޓިވް މިސްޓަރ މުހައްމަދު އަލްމުނީރް ސަފޫއުއްދީންއެވެ.

އެ ރަސްމިއްޔާތުގެ ތެރެއިން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެންޓި ބުލީންގ އެމްބެސެޑަރެއްވެސް ހަމަޖައްސަވާފައެވެ. އެ އެމްބެސަޑަރާއި ލިއުން ހަވާލުކޮށްދެއްވީ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީއެވެ. އެންޓި ބުލީންގ އެމްބެސެޑަރަކަށް ހަމަޖައްސަވާފައި ވަނީ، ޔޫޓިއުބް މަޝްހޫރު ތަރި އަލީ ނަސީރު (އާލް ނާސީރު)އެވެ. އޭނާ ހަނގާ ކުރުމުގައި ދެކޮޅަށް މަސައްކަތްތައް ކުރާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރެއިން ތައުލީމީ ނިޒާމްގައި ހަނގާ ކުރުން ހުއްޓުުމާއި، އަނިޔާލިބޭ ފަރާތްތަކުގެ އުސޫލު ތަންޒީފު ކުރުން ހިމެނެއެވެ.

މި އުސޫލުގެ މަގްސަދަކީ ސްކޫލް މާހައުލަކީ ދަރިވަރުންނަށް ރައްކާތެރިވުމާއެކު ތައުލީމީ ފުރުސަތުތައް ތަނަވަސްވެފައިވާ މާހައުލަކަށް ހެދުމާއި، ސްކޫލްތަކުގައި އާއި ސްކޫލުން އިންތިޒާމްކޮށްގެން ހިންގާ ހަރަކާތްތަކުގައި ހަނގާ ކުރުން ހުއްޓުވާނެ އުސޫލުތަކެއް ކަނޑައެޅުމާއި، ހަނގާ ކުރުން ރައްކާތެރި ކުރުވުމަށް ސްކޫލް މުޖުތަމައު ހޭލުންތެރިކުރުވުމަށް ޕްރޮގްރާމްތަކެއް ކަނޑައެޅުމާއި،ހަނގާ ކުރުމުގެ ހާދިސާއެއް ހިނގައިފިނަމަ އެކަން ހުއްޓުވައި އެކަމާއި މެދު ފިޔަވަޅު އަޅާނެ ގޮތުގެ އިޖްރާއަތްތައް ބަޔާން ކުރުމެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވީ، ހަނގާ ކުރުމަކީ އެކަމުގެ ޝިކާރައަކަށްވެސް ވަރަށް ނާދެވޭ އަސަރުކުރާ އަދި ދިރިއުޅުމުގެ އެހެންކަންކަމުން މާޔޫސް ކުރުވާ މުޅި މީހާ ދަތި އުނދަގޫތަކާއި ކުރިމަތިލާން ޖެހޭ ކަމެއް ކަމަށެވެ. އަދި މިކަމަކީ އެންމެން އެކުގައި މަސައްކަތްކޮށްގެން ނޫނީ ހުއްޓުވޭނެ ކަމެއް ނޫންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ

ޑރ. އައިޝަތު އަލީ ވިދާޅުވީ، ފުރިހަމަ ސިއްހަތެއްގައި ހުރެގެން ނޫނީ ދަރިވަރުގެ އުނގެނުމުގެ ކަންތައްތައް ތަރުތީބު ކުރަން ދަތިވާ ކަމަށެވެ. ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮ ކަމަކީ ދަރިވަރުންގެ ކާމިޔާބީގައި ވަރަށް މުހިންމު ކަމެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވިގޮތުގައި، މި އުސޫލް ތަންފީޒު ކުރުމަށްޓަކައި ދަރިވަރުންނާއެކު މަސައްކަތް ކުރާ އެކިއެކި މުވައްސަސާތަކުގެ ބޭފުޅުންނާއި، ދަރިވަރުން އަދި ބެލެނިވެރިން، ސްކޫލް ކައުންސިލަރުން، ޓީޗަރުން އަދި ޕްރިންސިޕަލުންގެ ތެރެއިން 488 އަށް ފަރާތުގެ މަޝްވަރާ ހޯދިފައިވާނެ ކަަމަށެވެ.

މި އުސޫލަށް އަމަލު ކުރަން މަދާމާ އިން ފެށޭނެއެވެ. އަދި ސްކޫލްތަކަށް މި އުސޫލް ވަރަށް އަވަހަށް ފޮނުވިގެން ދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިލޮށިފަތި

    ހޭލުންތެރިކަން އުފައްދަން އުޅޭމީހުންނަށް ހީވަނީ ބުލީ ކުރާ ކުދިންނަށް މި ކުރެވެނީ ނުބައި ކަމެއްކަން ނޭނގޭ ކަމަށް ، ނަސޭހަތް ދީގެން މިކަން ހުއްޓުވޭނެ ކަމަށް ، ފުރަތަމަ ހޭލުންތެރި ކުރުވަން އުޅޭމީހުން އެބަޖެހޭ ހޭލުންތެރިކުރުވަން.

  2. Anonymous

    އޮފީސްތަކުގެ މުވައްޒަފުންނަށް ކުރާ ބުލީ ހުއްޓުވާނީ ކާކުތަ؟

    2
    1
  3. ޢުއްމުލް ޝަބާބް

    ގަނާ ކުރުމާ ހަގާކުރާކުދިންނަކީ އެއްވެސް އަޚްލާގެއްނެތް ސްކޫލް ގައި ނުބައި ކޮން އުޅޭ ގޮތެއް ފޮތެއްނެތް ކުދިން ގިނަފަހަރަށް ޓީޗަރުންވެސް ބިރުގަނޭ އެކުދިންދެކެ