މިއަދު ވެސް ރާއްޖޭގެ ބައެއް ސަރަހައްދުތަކުގެ ކަނޑުތައް ގަދަވެފައި މޫސް ގޯސް ވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއްޖެއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ދެކުނުގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި މީގެތެރެއިން ބައެއް ރަށްތަކަށް ގުގުރުން ވެސް އެކަށީގެން ވާ ކަމަށެވެ. އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ވެސް ކެރީގެ އަސަރު ފޯރާނެ ކަމަށް ލަފާކުރެވެއެވެ.

އިރުއުތުރާއި އިރުން، ދެކުނުގެ އަތޮޅު ތަކަށް ގަޑިއަކު 03 މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވެއެވެ. އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ އިރު ވިލާގަނޑުގައި ގަޑިއަކު 30 މޭލަށް ވައި ގަދަވުން އެކަށީގެންވެއެވެ.

ރާއްޖޭގެ ދެކުނުގެ ކަނޑުތައް މަޑުވާނެ ކަމަށާއި ނަމަވެސް އުތުރާއި މެދުތެރޭގެ ކަނޑުތައް ގަދަ ވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއެވެ.

މެދުތެރެ އާއި އުތުރު އަތޮޅުތަކުގައި ކަނޑު ދަތުރު ކުރަށްވާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އެދެއެވެ.

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަ ކުރަމުން އަންނަތާ މިހާރު ހަފްތާއެއްހާ ދުވަސް ވެއްޖެއެވެ. އިއްޔެ ވަނީ މޫސުން ގޯސްވެ ކަނޑުދަތުރުތަކަށް ވެސް ހުރަސް އެޅިފައެވެ.