ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ، ފުރަތަމަ ޑިގްރީ އަށް ހިލޭ ކިޔަވައިދިނުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ.

މިއަދު، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ފުރުޞަތު ހުޅުވާލާފައިވާއިރު، މި ފުރުޞަތުގެ އުސޫލުތައްވެސް ވަނީ އާއްމުކޮށްފައެވެ.

ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުޞަތުގެ އުސޫލުތައް

ސަރުކާރުން އާއްމުކޮށްފައިވާ އުސޫލުތަކުގައި ބަޔާންކޮށްފައިވާ ގޮތުން، ސަރުކާރުގެ ކޮލެޖުތަކާއި ޔުނިވަރސިޓީގެ އިތުރުން، އަމިއްލަ ފަރާތްތަކުން ހިންގާ ކޮލެޖުތަކުގައިވެސް ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔެވޭނެއެވެ. މިއީ ވަކި ޤާނޫނެއްގެ ދަށުން އުފައްދާފައިވާ ތަނަކަށް ނުވަތަ ސަރުކާރުން ހުއްދަ ދީފައިވާ ތަނަކަށް ވާން ޖެހޭނެއެވެ.

އަމިއްލަ ކޮލެޖުތަކުންވެސް، މި ފުރުޞަތުގެ ދަށުން ކިޔެވުނުކަމުގައިވިޔަސް، އެތަންތަނުގައި ކިޔަވާ ކުދިންނަށް ސަރުކާރުން ދޭނީ ޓިއުޝަން ފީއެކެވެ. މި ޓިއުޝަން ފީ އަކީ ސަރުކާރުން ކަނޑައަޅާފައިވާ ވަކި މިންވަރެކެވެ. އެހެންނަމަވެސް، ދައުލަތުގެ ކޮލެޖު/ޔުނިވަރސިޓީތަކުގައި ކިޔަވާ ކުދިންނަށް މުޅި ކޯސް ފީ ދޭނެއެވެ.

ފައިސާ ދައްކައި ނުދޭނީ ކީއްވެގެން؟

އެހެންނަމަވެސް، ރިޕީޓް ކުރާ މޮޑިއުލްތައް ނުވަތަ މާއްދާތަކަށާއި ނިމިފައިހުރި ކްރެޑިޓްތަކަށް ޓިއުޝަން ފީ އާއި އެހެނިހެން ފީތަކެއް ނުދޭނެއެވެ.

ފައިސާ އަނބުރާ ދައްކަން ޖެހޭނީ ކީއްވެގެން؟

މަޤުބޫލު އުޒުރަކާ ނުލައޮ ޑިގްރީ ދޫކޮށްލަންޏާ އަދި ފެއިލްވެގެން ހުއްޓާލަން މަޖުބޫރުވާނަމަވެސް ސަރުކާރަށް އަނބުރާ ފައިސާ ދައްކަން ޖެހޭނެއެވެ. ހަމައެހެންމެ، ޑިގްރީ އަށް ކިޔަވަން ފެށުމަށްވުރެ އެއަށްވުރެ ދަށް ސަނަދަކާއެކު ޕްރޮގުރާމުން ވަކިވިޔަސް އަނބުރާ ފައިސާ ދައްކަން ޖެހޭނެއެވެ. ހަމައެހެންމެ، ކަނޑައެޅިފައިވާ އުސޫލުން ޤައުމަށް ޚިދުމަތް ނުކުރާނަމަވެސް، އަނބުރާ ފައިސާ ދައްކަން ޖެހޭނެއެވެ.

މި ޕްރޮގުރާމުން ކިޔެވުމަށްފަހު ޤައުމަށް ޚިދުމަތް ކުރަން ޖެހޭނީ ކިހާ މުއްދަތަކަށް؟

1 އަހަރު: ޕްރޮގުރާމުގެ ޓިއުޝަން ފީގެ ގޮތުގައި 25000 ރުފިޔާއަށްވުރެ މަދުނަމަ

1.5 އަހަރު: ޕްރޮގުރާމުގެ ޓިއުޝަން ފީގެ ގޮތުގައި 25000-49999 ޚަރަދުވާނަމަ

2 އަހަރު: ޕްރޮގުރާމުގެ ޓިއުޝަން ފީގެ ގޮތުގައި 50،000-99،999 ޚަރަދުވާނަމަ

3 އަހަރު: ޕްރޮގުރާމުގެ ޓިއުޝަން ފީގެ ގޮތުގައި 100،000-199،999 ޚަރަދުވާނަމަ

4 އަހަރު: ޕްރޮގުރާމުގެ ޓިއުޝަން ފީގެ ގޮތުގައި 200،000-299،999 ޚަރަދުވާނަމަ

5 އަހަރު: ޕްރޮގުރާމުގެ ޓިއުޝަން ފީގެ ގޮތުގައި 300،000 އަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނަމަ