ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޒިރުކުރަން ބޭނުންވެ ޙާޒިރުކުރެވިފައިނުވާ ދެމީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން އެމީހުން ހޯދަން ފުލުހުން އާއްމުންގެ އެހީއަށް އެދިއްޖެއެވެ.

ފުލުހުން މިއަދު ވިދާޅުވީ މި އަމުރުތަކާ ގުޅިގެން ހޯދަމުންދަނީ ލ.ކުނަހަންދޫ / ލިލަކް، ޖަލީލް ޔޫސުފް (42އ) އާއި ކ.މާލެ / ދަފްތަރު ނަންބަރ 1464، ޢުބައިދުﷲ މުޢާޒް (48އ) އެވެ.

މިމީހުންގެ ތެރެއިން ޖަލީލް ޔޫސުފް ހޯދަމުންދަނީ ސިވިލް ކޯޓުން ދަޢުވާކުރާ ޙުކުމް ތަންފީޛު ކުރުމުގެ މައްސަލައަކާ ގުޅިގެން، ބަންދުގައި ބަހައްޓައިގެން ފެބުރުވަރީ 18ވަނަ ދުވަހުގެ 10:45ށް ސިވިލްކޯޓަށް ޙާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.

ޢުބައިދުﷲ މުޢާޒް ހޯދަމުންދަނީ ސިވިލް ކޯޓުން ދަޢުވާކުރާ ސާބިތު ދަރަނީގެ މައްސަލައަކާ ގުޅިގެން، ބަންދުގައި ބަހައްޓައިގެން ފެބުރުވަރީ 18ވަނަ ދުވަހުގެ 11:30ށް ސިވިލްކޯޓަށް ޙާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.

ވީމާ މިމީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442ށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރުދަންނަވާ ކަމަށް ފުލުހުންގެ ވެބްސައިޓްގައި ވިދާޅުވެފައި ވެއެވެ.