ސަރުކާރުގެ އަމާޒަކީ، މާލީ ގޮތުން ތަކުލީފެއް އުފުލަން ނުޖެހި، ރާއްޖޭގައި ތިބެގެން ފެންވަރު ރަނގަޅު މަތީ ތަޢުލީމް ހޯދޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށާއި ކުރިމަގުގައި ދައުލަތުގެ މާލީ ތަނަވަސްކަމާއެކު، މި ސިޔާސަތު އިތުރަށް ފުޅާކުރުމަކީ މި ސަރުކާރުން ކުރާނެކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގައި ތިބެގެން ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ހުޅުވާލުން، އިފުތިތާޙު ކޮށްދިނުމަށް މިއަދު ހެނދުނު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ އެންމެ ބޮޑު އެއް މަޤުޞަދަކީ، މަތީ ތަޢުލީމް ޙާޞިލްކުރުމަށް ކުދިންނާއި މައިންބަފައިން ކުރަންޖެހޭ ހޭދަ ކުޑަކޮށް، ތަކްލީފެއް ނެތި، ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުން ކަމުގައި ވިދާޅުވިއެވެ.

"ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ ރާއްޖޭގައި ތިބެގެން މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ވީހާ ވެސް ގިނަ ދަރިވަރުންނަށް ތަނަވަސް ކޮށްދިނުން. މަތީ ތައުލީމް ހާސިލްކުރުމަށް ކުދިންނާއި މައިންބަފައިން ކުރަންޖެހޭ ހޭދަ ކުޑަކޮށް، ތަކްލީފެއް ނެތި ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ތަނަވަސްކޮށްދިނުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޞާލިހް ވިދާޅުވީ ޤައުމީ ތަރައްޤީގެ ދާއިރާތަކުގެ ތެރެއިން، ތަޢުލީމީ ދާއިރާއަށް، މި ސަރުކާރުން ވަކިން ޚާއްޞަ އިސްކަމެއް ދިނީ، ތަރައްޤީގެ އެންމެ މުހިންމު އަސާސަކީ ތަޢުލީމީ ޖީލެއް ބިނާކުރުން ކަމަށްވާތީއެވެ.

ޤައުމެއްގެ އިޤްތިޞާދު ބިނާކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ތަޢުލީމް އުނގެނިގެން ތިބޭ ޒުވާނުން ކަމުގައި ރައީސް ވިދާޅުވިއެވެ. މިގޮތުން މި އަހަރުގެ ބަޖެޓުގެ އެންމެ މަތީ އިންސައްތައެއް ސަރުކާރުން ޚާއްޞަކޮށްފައިވާނީވެސް ތަޢުލީމީ ދާއިރާއަށްކަމުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވައިފައެވެ.

"މިއަދު ސަރުކާރުން މި ފަހިކޮށްދޭ ފުރުޞަތަކީ، މި ރާއްޖޭގެ ރައްޔިތުންނަށްޓަކައި، ވަކިން ޚާއްޞަކޮށް ދިވެހި ޒުވާނުންނަށްޓަކައި، މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ފަހިކޮށްދީފައި ނުވާ ފަދަ ރަނުގެ ފުރުޞަތެއް. ތިޔަ ހުރިހާ ދަރިވަރުންވެސް މި ފުރުޞަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފާނެ ކަމަށް އުންމީދުކުރަން." ރައީސް ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ތަރައްޤީއަކީ އިންސާނާގެ ވިސްނުމާ ގުޅިފައިވާ، އަދި އިންސާނާގެ ޒާތުން އުފެދިގެން އަންނަ އެއްޗެއްކަމަށާއި، ޤައުމު ތަރައްޤީވާން ބޭނުން ނަމަ، އެންމެ ފުރަތަމަ ތަރައްޤީކޮށްދޭން ޖެހެނީ އިންސާނާގެ ވިސްނުންކަމުގައެވެ. އަދި މި ސަރުކާރުން ތަރައްޤީ ކުރެވޭތޯ ބަލަނީ، މި ޤައުމުގެ ކުރިމަގުގެ ލީޑަރުން ކަމުގައި ވާން ތައްޔާރަށް ތިބި ޒުވާނުންކަން ވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މިމޭރުމުން ވާހަކަފުޅުދައްކަވަމުން، ޤައުމީ ތަރައްޤީއަށް ބޭނުންވާ، ޒަމާނީ ޓެކްނޯލޮޖީއާ ފައިހަމަވާ ފަދަ ވިސްނުންތަކެއް އުފަން ކުރެވޭނީ، ދިވެހިންގެ ސިކުނޑިތައް ޢިލްމީ ގޮތުން ރޯފިލައިގެންދާ މިންވަރަކުންކަމަށާއި މާދަމާ މި ޤައުމު އޮންނަންވީ ގޮތުގެ ތަޞައްވުރު މިހާރުއްސުރެ، ޒުވާން ސިކުނޑިތަކުގައި ފަރުމާކުރުމުގެ މަސައްކަތް ފެށުމަށް އެމަނިކުފާނު ވަނީ ގޮވާލައްވައިފައެވެ.

އަދި، މިއަދު ރާއްޖޭގެ ހުރިހާ ޒުވާނުން ވެސް މަސައްކަތް ކުރަންވީ، ސަރުކާރުން މި ފަހިކޮށްދިން ތަނަވަސް ފުރުޞަތުގެ ބޭނުން ޒިންމާދާރުކަމާއިއެކު ހިފައި، އުފެއްދުންތެރި ޢިލްމީ ބަޔަކަށް ވުމަށްކަމުގައި ރައީސް ވިދާޅުވިއެވެ.