ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ބޭންކް އެކައުންޓްތައް ފްރީޒް ކުރުމަށް ކުރިމިނަލް ކޯޓުން ނެރުނު ކޯޓު އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތުން ހުށަހެޅި މައްސަލާގެ ޝަރީއަތް ސިއްރުން ކުރިއަށް ގެންދަން ހައިކޯޓުން ނިންމައިފިއެވެ.

މިމައްސަލައިގެ ފުރަތަމަ އަޑުއެހުމެއް ކުރިޔަށް ގެންދިއުމަށް ނިންމާފައިވަނީ މިއަދުއެވެ. އަދި އެއަޑުއެހުން ކުރިޔަށް ގެންދިއުމަށް ނިންމާފައިވަނީ ސިއްރު އަޑުއެހުމެއްގެ ގޮތުގައެވެ. ރައީސް ޔާމީންގެ އެކައުންޓް ފްރީޒްކޮށްފައިވަނީ ފުލުހުންގެ އެދުމުގެ މަތިން ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގައެވެ. އެއައުމުރު ނެރެދިނުމަށް ފުލުހުން އެދިފައިވަނީ ރައީސް ޔާމީންގެ އެކައުންޓްގައި ގިނަ އަދަދެއްގެ ފައިސާ ހުރި ކަމަށް ތުހުމަތުކޮށް ތަޙްޤީޤަށެވެ. އެކައުންޓްތައް ފްރީޒް ކުރި ފަހުން ރައީސް ޔާމީނާ ސުވާލުކުރުމަށް ފުލުހަށް ވެސް ވަނީ ހާޒިރުކޮށްފަ އެވެ. އަދި މިހާރު ވަނީ މަނީ ލޯންޑްރިންގެ ދައުވާ ވެސް އެމަނިކުފާނުގެ މައްޗަށް އުފުލާފައެވެ.

ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކޮށްފައިވަނީ ރިޔާސީ ކެމްޕޭނަށް ލިބުނު ފައިސާ އެމަނިކުފާނުގެ ނަމުގައި ހުރި އެކައުންޓަކަށް ޖަމާވެފައިވާތީ އާއި އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅުން ހުރި އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަށް ޖަމާވެފައި ވާތީ އެވެ.

މިމައްސަލައިގައި ރައީސް ޔާމީންގެ ޤާނޫނީ ޓީމުން ބުނެފައިވަނީ، މިއީ ސިޔާސީ މަޤްސަދެއް ޙާސިލް ކުރުމަށް ކުރި ކަމެއް ކަމަށާއި މިމައްސަލާގައި ހެކި ހުރި ގޮތުން ރައީސް ޔާމީން ކޮޅަށް މައްސަލަ ނިމޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު