އެމްއެމްޕީއާރްސީގެ ފައިސާތައް މީހުންގެ އެކައުންޓްތަކަށް ޖަމާކުރި އެސްއޯއެފް ކުންފުނިން ހަވާ އަރުވުމާއި، މިއުޒިކް ފަންނާނުން ގެނެސްގެން ޝޯ ބާއްވަން އެއް މިލިއަން ޑޮލަރު ދިންކަން އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރިޕޯޓުން ހާމަވެއްޖެއެވެ.

އެކަން ހާމަވެފައިވަނީ އެސްއޯއެފް ކުންފުނިން އެމްއެމްޕީއާރްސީން ވަގަށް ނެގި ފައިސާ ބޭނުންކުރި ގޮތުގެ ތަފްސީލު ރިޕޯޓްގައި ބުނެފައިވުމުންނެވެ.

އެ ރިޕޯޓްގައި ބުނެފައި ވަނީ، އެސްއޯއެފް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް މުނިފޫހި ފިލުވުމަށް ކޮށްފައިވާ ޚަރަދުތަކުގެ ތެރޭގައި ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހުންނެވިއިރު 2015 ވަނަ އަހަރުގެ އާ އަހަރުގެ ބޮޑު ޝޯގައި މަޝްހޫރު ލަވަކިޔުންތެރިޔާ އޭކަން ރާއްޖެ ގެނައުމާއި އިވެންޓު ބޭއްވުމަށް އިންފިނިޓީ ޕްރޮޖެކްޓް ކްރިއޭޝަން ލިމިޓެޑަށް އެސްއޯއެފް އިން ވަނީ ޖުމުލަ 80،488.30 ޑޮލަރު ޖަމާކޮށްފައިވާކަމަށެވެ.

މީގެ އިތުރުން އެކުންފުނީގެ އިތުރު މީހެއްގެ އެކައުންޓަށް އެސްއޯއެފުން 130،867.30 ޑޮލަރު ޖަމާކޮށްފައިވާކަމަށްވެސް ބުނެފައި ވެއެވެ.

ރާއްޖޭގައި ޝޯ ދިނުމަށް މަޝްހޫރު ލަވަކިޔުންތެރިޔާ ޝޯން ޕޯލް ގެނައުމަށް ޖުމުލަ 219،179.01 ޑޮލަރު ހޭދަކޮށްފައިވާކަމަށާއި، އެ ފައިސާތަކަކީ، އޭނާގެ ދަތުރު ހަރަދާއި، ހުރުމާއި، ޝޯ ދިނުމަށް ކުރި ހަރަދުކަމަށް އެ ރިޕޯޓްގައި ވެއެވެ.

މީގެ އިތުރުން އައްޑޫ ސިޓީގެ ފޭދޫ ގައި ސަނަމް ޕޫރީ ގެނެސް ޝޯ ބޭއްވުމަށް އެސްއޯއެފް އިން ވަނީ 50،380.00 ޑޮލަރު ހޭދަކޮށްފައެވެ. އެ ފައިސާ ޖަމާކޮށްފައިވަނީ އިންޑިޔާގެ މިއުޒިކް ފަންނާނުންނަށް ޚާއްސަކޮށް ހިންގާ ޓެލެންޓް މެނޭޖްމެންޓް ކުންފުންޏަކަށް ކަމަށްވެސް އެ ރިޕޯޓްގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ރައްޔިތުން ބޭސްފަރުވާއަށް ބޭނުންވެފަ ތިއްބާ ބޭކާރު ކަންކަމަށް ފައިސާ ޚަރަދުކުރުމަކީ ހިތާމަ ކުރާކަމެއް.

    ކިތަންމީހުންނަށް އަޅާލެވުނިސް ތޯ...؟