2018 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު މީޑިޔާ ކައުންސިލުން ހުޅުވާލައިފިއެވެ.

މިކަމާއި ގުޅޭގޮތުން މީޑިޔާތަކަށް މަޢުލޫމާތު ދެއްވުމަށް މިއަދު މެންދުރު މީޑިޔާ ކައުންސިލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މީޑިޔާ ކައުންސިލްގެ ރައީސް، ހިދާޔަތުﷲ ވިދާޅުވީ، އަންނަ މާރޗްމަހުގެ 14 ވަނަ ދުވަހަކާއި ހަމައަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުރިހާ މީޑިޔާ ތަކަކަށްވެސް އޮންނާނެ ކަމަށާއި، އެވޯޑު ހަވާލުކުރުމުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ، މިއަހަރުގެ އޯގަސްޓް 29 ވަނަ ދުވަހު ކަމަށެވެ.

މިއަހަރު ބާއްވާ ނޫސްވެރިކަމުގެ އެވޯޑު ދިނުމުގެ ޙަފްލާގައި ޖުމްލަ ނުވަ ދާއިރާއަކުން އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، އިޖްތިމާޢީ ދާއިރާ، ސިޔާސީ ދާއިރާ، ޝަރުޢީ އަދި ޤާނޫނީ ދާއިރާ، ވިޔަފާރިއާއި އިޤްތިޞާދުގެ ދާއިރާ، ކުޅިވަރުގެ ދާއިރާ، ޕޮޓޯ ގްރަޕީ ގެ ދާއިރާ، ވީޑިޔޯ ގްރަފީގެ ދާއިރާ އަދި ފީޗާ ދާއިރާ ހިމެނެއެވެ. މީގެ އިތުރުން އެންމެ އުންމީދީ ނޫސްވެރިޔާގެ އެވޯޑުވެސް މި ޙަފްލާގައި ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ނޫސްވެރިކަމުގެ އެވޯޑުތައް ދިނުމަށް ކަނޑައެޅުއްވި ދާއިރާތަކާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން، މީޑިޔާ ކައުންސިލްގެ ކައުންސިލް މެމްބަރ، އަޙުމަދު ޖަދުވާން ވިދާޅުވީ، އެވޯޑު ތަކަށް ދާއިރާތަށް ކަނޑައެޅުމުގައި ބަލާފައިވާނީ ވީހާވެސް އިންސާފުވެރިކަމާއި އެކު އެވޯޑު ދެވޭނެ އުޞޫލަކުން އެކަން ކުރުމަށް ކަމަށާއި، މީޑިޔާ ކައުންސިލްގެ މިވަގުތު ބަޖެޓް ތަންދޭ އެންމެ މަތީ މިންވަރަކަށް، އެވޯޑުތައް ނޫސްވެރިންނަށް ލިބިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން ގަސްތުކުރީ ކުރިން އަޅުގަނޑުމެން މި ދޭ ދާއިރާތައް، ކޮންމެ ދާއިރާއަކުންވެސް ބްރޯޑްކާސްޓިންގ ދާއިރާތަކަށްވެސް އިމާނު ދޭން. އަދި ޚާއްޞަކޮށް ޕްރިންޓް ނުވަތަ އޮންލައިން ދާއިރާ އަށްވެސް ދޭން. އެހެންކަމުން އަޅުގަނޑުމެން މި ކަނޑައަޅާފައިވާ ނުވަ ދާއިރާގެ ތެރެއިން ހަމަ ކޮންމެ ދާއިރާއަކުންވެސް އަޅުގަނޑުމެން ދެ ބަޔަކަށް ބަހާލާފަ މި އޮތީ. އޭގެތެރެއިން ދެ އިނާމެއް މި ދެވެނީ. ނުވަ ދާއިރާއިން ކޮންމެ ދާއިރާއަކަށް ދެ އިނާމު އަޅުގަނޑުމެން ދޭން ނިންމާފަ މި ވަނީ." ޖަދުވާން ވިދާޅުވިއެވެ.

މީޑިޔާ ކައުންސިލަކީ ޖުމްލަ ފަނަރަ މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެކެވެ. އޭގެ ތެރެއިން އަށް މެމްބަރުންނަކީ ރާއްޖޭގެ މީޑިޔާތަކުން އިންތިޙާބު ކުރާ މެމްބަރުންނެވެ. އަދި ބާކީ ހަތް މެމްބަރުންނަކީ ޢާއްމުންގެ ތެރެއިން އިންތިޙާބު ކުރާ މެމްބަރުންނެވެ.