ރާއްޖޭގައި، އަލަށް ފުރަތަމަ ޑިގްރީއަށް ކިޔަވައި ދަރިވަރުންގެ ތެރެއިން ހިލޭ ކިޔެވުމުގެ ފުރުޞަތު ލިބޭނީ އެކަމަށް އެދި ހުށަހަޅާ ފަރާތަކަށް ކަމަށް، ހަޔަރ އެޑިއުކޭޝަން މިނިސްޓަރ، ޑރ.އިބްރާޙިމް ޙަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޙަސަން މިހެން ވިދާޅުވީ، ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމަށް ހުޅުވާލި ފުރުޞަތާއި ގުޅިގެން ނޫސްވެރިނަށް މަޢުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ.

"ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމަށްޓަކައި ކިޔަވަން ބޭނުންވާ ދަރިވަރު އެކަމަށް ކުރިމަތިލާން ޖެހޭނެ. ކުރިމަތިލުމަށް ބޭނުންވާ އެޕްލިކޭޝަން ފޯމް، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުންނާއި އަދި މޯލްޑިވްސް ޕޮލިޓެކްނިކުން ލިބެން ހުންނާނެ." ޙަސަން ވިދާޅުވިއެވެ.

އިތުރަށް މަޢުލޫމާތު ދެއްވަމުން ޙަސަން ވިދާޅުވީ، ކުރިމަތި ލާއިރު ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތަކެއް ހުންނާނެ ކަމަށާއި، އެކަން ކުރުމަކީ އެ ދަރިވަރުގެ ޒިންމާއެއް ކަމަށެވެ.

"ކުރިމަތިލާއިރު އެކުއްޖަކު ހުށަަޅަންޖެހޭ ލިޔެކިޔުންތަކެއް ވެސް ހުންނާނެ. އެހެންވީމަ އެއީ އެކުއްޖެއްގެ ޒިންމާއެއް. ހަމަ މިއާއެކު އެކުއްޖާ ކިޔަވާ މަރުކަޒުގެ ފަރާތުންވެސް ހުށަހަޅަން ބޭނުންވާ ލިޔެކިޔުންތަކެއް ހުންނާނެ." ޙަސަން ވިދާޅުވިއެވެ.

އިތުރަށް، ޙަސަން ވިދާޅުވީ، މި ވަޢުދު ފުރިހަމަވެގެން ދާއިރު، ކޮންމެ ދަރިވަރަކާއި އެއްކޮށްވެސް އެއްބަސްވުމެއް ހަދާނެ ކަމަށާއި، އަދި ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކާއި އެކުވެސް އެއްބަސްވުން ހަދާނެ ކަމަށެވެ. އަދި މީގެ މަޤްޞަދަކީ ދަރިވަރުންނަށް ދެވޭ ތަޢުލީމަކީ ފެންވަރު ރަނގަޅު ތަޢުލީމުކަން ކަށަވަރުކުރުންކަމަށްވެސް ޙަސަން ވިދާޅުވިއެވެ.

ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ވަޢުދަކީ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދެކެވެ.

ކިޔުންތެރިންގެ ހިޔާލު