ދިވެހި ނޫސްވެރިކަމަށް 75 އަހަރު ފުރޭ މުނާޞަބަތާއި ގުޅުވައިގެން ޚާއްސަ ދެ އިނާމެއް ދިނުމަށް މީޑިޔާ ކައުންސިލުން ނިންމައިފިއެވެ.

މިކަމާއި ގުޅޭގޮތުން މީޑިޔާތަކަށް މަޢުލޫމާތު ދިނުމަށް މިއަދު ބޭއްވި މީޑީޔާ ކައުންސިލްގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، އެ ކައުންސިލްގެ ނައިބު ރައީސް އަޙުމަދު ޢާޒިފް ވިދާޅުވީ، ނޫސްވެރިކަމަށް އެކި ރޮނގު ރޮނގުން ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވާފައިވާ ބޭފުޅުންގެ އަގު ވަޒަން ކުރުމަކީ އެ ކައުންސިލްގެ އެއް އަމާޒު ކަމަށާއި، ޒިންމާދާރު ނޫސްވެރިންތަކެއް އުފެއްދުމަށް އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"މިއަހަރު އަޅުގަނޑުމެން މި ދޭ ޚާއްޞަ އިނާމަކީ ނޫސްވެރިކަމުގެ އަލިމަސް ޝަރަފުގެ ގަލަން، އަދި އޭގެ އިތުރުން ނޫސްވެރިކަމުގެ ރަންގަލަން." އާޒިފު ވިދާޅުވިއެވެ.

ނޫސްވެރިކަމުގެ ޚާއްޞަ އިނާމު ދިނުމާއި ގުޅޭ ކޮމެޓީއެއްވެސް މިހާރު ވަނީ މީޑިޔާ ކައުންސިލުން އެކުލަވާލާފައެވެ. އެގޮތުން އަލިމަސް ޝަރަފުގެ ގަލަމުގެ އެވޯޑު ދޭން ނިންމާފައިވަނީ ހަ ފަރާތަކަށެވެ. އަދި ނޫސްވެރިކަމުގެ ރަންގަލުމުގެ އެވޯޑު ދިނުމަށް ނިންމާފައިވަނީ ފަނަރަ ފަރާތަކަށެވެ.

"މީގެ ތެރެއިން އަލިމަސް ޝަރަފުގެ ގަލަން ދޭނެ ފަރާތްތައް ކަނޑައަޅާނީ ކޮމެޓީން. އެ ހަ ފަރާތަކީ ކޮބައިކަން ކަނޑައަޅާނީ ކޮމެޓީން. ދެން މިސާލަކަށް ކޮމެޓީން އަޅުގަނޑުމެން ނަންތައް ދިރާސާ ކުރާއިރު، އެކަމަށް ޝަރުތު ހަމަވާ ހަ ފަރާތެއް ނެތްނަމަ އެ އަދަދު މަދުވެދާނެ. މި އެވޯޑަށް އެދި ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެ. ކޮމެޓީން ކަނޑަޅާ ފަރާތްތަކަށް އެ އެވޯޑު ލިބޭނީ. އެކަމަކު ނޫސްވެރިކަމުގެ ރަން ގަލަމަށް އެދުމުގެ ފުރުޞަތު މިއަދުން ފެށިގެން ވަނީ ހުޅުވާލެވިފަ." އާޒިފް ވިދާޅުވިއެވެ.

އިތުރަށް މަޢުލޫމާތު ދެއްވަމުން އާޒިފު ވިދާޅުވީ މި އިނާމު ތަކަކީ ބުރަދަނެއް ހުރި، ޝަރަފުވެރި އިނާމު ތަކެއް ކަމަށް ހެދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށާއި، އިނާމަށް ހޮވޭ ފަރާތްތަކުގެ ހުރިހާ މަޢުލޫމާތުތަކެއް ދެފުށް ފެންނާނެހެން ޢާއްމު ކުރައްވާނެ ކަމަށެވެ.

މީޑިޔާ ކައުންސިލުންވަނީ މިއަހަރުގެ ނޫސްވެރިކަމުގެ މިނިވަން ކަމުގެ ދުވަސްވެސް ކުލަގަދަކޮށް ފާހަގަކުރަން ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު