ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސައުދީ ފަންޑުގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިނިސްޓަރ ޝާހިދު، މި ފެބްރުއަރީ މަހުގެ 12 އިން 15 އަށް ސަޢުދީ ޢަރަބިއްޔާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުގެ ތެރެއިން ސަޢޫދީ ޢަރަބިއްޔާގެ ޖެނެރަލް ސެކްރެޓޭރިއެޓް އޮފް ދަ ކައުންސިލް އޮފް މިނިސްޓަރޒް ގެ އެޑްވައިޒަ އަދި ސަޢޫދީ ފަންޑް ފޮ ޑިވެލޮޕްމަންޓްގެ ޗެއަރމަން، ހިޒް އެކްސަލަންސީ އަޙްމަދް ބިން އަޤީލް އަލް ޚަތީބްއާ ބައްދަލު ކުރައްވައި މަޝްވަރާތަކެއް ވަނީ ކުރަައްވާފައެވެ.

އެގޮތުން އެ ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު، ދިވެހި ސަރުކާރުން ހިންގަމުންގެންދާ އަދި ހިންގުމަށް މަޝްވަރާކުރެވެމުންދާ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކުގެ މައުލޫމާތު ޗެއަރމަން އަލް ޚަތީބް އާއި ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމެންޓްގެ އިސް ބޭފުޅުންނާ ޙިއްސާ ކުރައްވާފައެވެ.

އަދި ޗެއަރމަން އަލް ޚަތީބް ވަނި، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ އިޤްތިސާދީ އެޖެންޑާއަށް ސަޢޫދީ ފަންޑުން ފުރިހަމައަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އަރުވާފައިވެއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކެޓްރީ އަލްފާޟިލާ އާމިނަތު ޝައުނާއާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކެޓްރީ އަލްފާޟިލް އަހުމަދު ޝިއާންގެ އިތުރުން ޚާރިޖީ ވުޒާރާއާއި ސަޢޫދީ ޢަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު