އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ސްކޯސް އޮފް ފްލެއާ (އެސްއޯއެފް) މެދުވެރިކޮށް، ފައިސާތައް ބަހާލި ޖަރީމާގައި އައިލެންޑް އޭވިއޭޝަންގެ ބޯޑު މެމްބަރެއް ކަމަށްވާ އަބްދުﷲ އާޒިމްގެ އެކައުންޓަށް 50 ހާސް ޑޮލަރު ޖަމާވެފައިވާކަން އޭސީސީން މިއަދު ނެރުނު ބަޔާނުން ހާމަވެއްޖެއެވެ.

އާޒިމް އައިލެންޑް އޭވިއޭޝަންގެ ބޯޑަށް އައްޔަން ކޮށްފައި ވަނީ މިމަހު ހަވަނަ ދުވަހުއެވެ.

އާޒިމަށް އެސްއޯއެފް އިން ފައިސާ ދީފައި ވަނީ ކީއްވެ ކަމެއް ރިޕޯޓްގައި ބުނެފައެއް ނެތެވެ. އަދި އޭސީސީގެ ރިޕޯޓާއި ގުޅިގެން އާޒިމް ވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ލިބިފައިވާ ގިނަ ބަޔަކު މިހާރުގެ ސަރުކާރުގެ އެކި މަގާމުތަކުގައި އެބަތިއްބެވިއެވެ. އަދި އެމްޑީޕީގެ އިސް ސަފުގައި ވެސް އޭގެ ތެރެއިން ބައެއް ބޭފުޅުން އެބަތިއްބެވިއެވެ.