މައިންނާއި ދޮށީ އުމުރުގެ ބޭފުޅުންނާއި އަދި ހާއްސަކޮށް ކުޑަކުދިން ދުންފަތުގެ އިސްތިއުމާލް ކުރުމުން ސަލާމަތްކުރަން މަސައްކަތް ކުރުމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ގޮވާލައްވައިފި އެވެ.

"މޯލްޑިވްސް ޑިމޮކްގްރެފިކް ހެލްތު ސާވޭ 2016-17" އާއްމުކުރުމަށް ހޮޓެލް ޖެން ގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެ ސާވޭ ނެރެދެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ، ސިއްހީ ހާލަތު ރަނގަޅުކުރުމަކީ ހަމައެކަނި ހެލްތު މިނިސްޓްރީގެ ޒިންމާއެއް ނޫންކަމަށާއި، އެއީ ސަރުކާރުގެ ހުރިހާ ވުޒާރާއެއްގެ އިތުރުން އަމިއްލަ މުޢައްސަސާތަކާއި، ޖަމުޢިއްޔާތަކުގެ އިތުރުން އާންމުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާކަމެއްކަމެއް ކަމަށެވެ. އަދި ވިދާޅުވީ މިވަބާއިން ހުރިހާ އުމުރެއްގެ މީހުން ސަމާތް ކުރަން ޖެހޭ ކަމަށެވެ.

"ދިވެހި އެންމެހާ ރައްޔިތުންނާއި ދިވެހިރާއްޖޭގައި ދިރިއުޅޭ އެހެން އެންމެހާ ފަރާތްތަކަށް ވެސް ގޮވައިލަން ބޭނުންވަނީ ދުންފަތުގެ އިސްތިއުމާލުން ހާއްސަކޮށް އަޅުގަނޑުމެންގެ މައިންނާއި އަޅުގަނޑުމެންގެ ދޮށީ އުމުރުގެ ބޭފުޅުންނާއި އަޅުގަނޑުމެންގެ ކުޑަކުދިން އަޅުގަނޑުމެން ސަލާމަތްކުރަން އެބަޖެހޭ،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް އިތުރަށް ވިދާޅުވީ، ސިއްހަތަށް ފައިދާހުރި އާދަތައް ހަރުލައްވަން ރައްޔިތުންނަށް ގޮވައިލެއްވި އެވެ. އެގޮތުން ދުޅަހެޔޮ ހަށި ހެޔޮ މުޖުތަމައެއް ބިނާކުރައްވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކުރިއަށް ގެންދަވާ ކެމްޕޭނުގައި ބައިވެރިވުމަށް އޭނާ ގޮވައިލެއްވި އެވެ.

"އަޅުގަނޑުމެން ކަސްރަތުކުރަން އެބަ ޖެހޭ. އަޅުގަނޑުމެން އޮފީހުގައި ގިނަ ވަގުތުތައް ހޭދަކުރާއިރު، އަޅުގަނޑުމެން އެބަ ޖެހޭ ކޮންމެވެސް ވަގުތުކޮޅެއް އަޅުގަނޑުމެންގެ ހަށިގަނޑަށް ދޭން. އަޅުގަނޑުމެންގެ ނަފުސަށް ދޭން،" ފައިސަލް ވިދާޅުވި އެވެ.

މިއަދު އާއްމުކުރި ރިޕޯޓްގައި ބުނެފައިވާ ގޮތުން ރާއްޖޭގެ ފިރިހެނުންގެ އާބާދީގެ 42 ޕަސެންޓް މީހުން ދުންފަތުގެ ކޮންމެވެސް ބާވަތެއްގެ އިސްތިއުމާލު ކުރެ އެވެ. އަދި އަންހެނުންގެ އާބާދީގެ ތިން ޕަސެންޓް މީހުން ވެސް ދުންފަތުގެ އިސްތިއުމާލް ކުރާ ކަމަށް އެ ރިޕޯޓުގައިވެ އެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ބުރޯ ގައުމުގެ ބޮޑެތި ކަންކަމާ ތަންކޮޅެއް ހަރުވާހަކަ ދައްކަބަލަ! ރައްޔިތުންގެ ބައިތުލްމާލުން ބޮޑުމުސާރަދީފަ މީޑިޔާއަށް ތިކަހަލަ ސިމްޕަލް މެސެޖުދޭން ބަހައްޓާފަހުރި މީހެއްތަތީ؟ އަމިއްލަޔަށް ވިސްނާލަބަލަ ތިމާ ތިކުރާ ކަންކަމާ ތިމާޔަށްދޭ ރައްޔިތުންގެ ފައިސާޔާ ބައްދަލުތޯ؟؟