ފިނިފެންމާ ލޯންޗް ގޮއްވާލާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަ ކޮށްލަން މަސައްކަތް ކުރީ އޭރުގެ ނައިބު ރައީސް އަހްމަދު އަދީބު ކަމަށް ތުހުމަތު ކުރެވުމުން ފުރަތަމަ ޔާމީން މަސައްކަތް ކުރެއްވީ އެމަނިކުފާނަށް ސިޔާސީ ގޮތުން ދާއިދު ކުރައްވާ ފަރާތްތަކުން ދީފައިވާ ފައިސާ އަދީބު އަތުން ހޯއްދަވަން ކަން ހާމަވެއްޖެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެމްއެމްޕީއާރްސީ މައްސަލައިގައި ކުރި ތަޙްޤީޤަށް ޔާމީން ދެއްވާފައިވާ ބަޔާނުގައި އެމަނިކުފާނުގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގައި ސުވާލު ކުރުމުން އެމަނިކުފާނު ވިދާޅުވެފައި ވަނީ އެސްއޯއެފް އިން އެމަނިކުފާނުގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާ އަކީ ސިޔާސީ ގޮތުން އެމަނިކުފާނަށް ތާއިދު ކުރައްވާ ފަރާތްތަކުން އެމަނިކުފާނުގެ ސިޔާސީ މަސައްކަތްތަކަށް ދީފައިވާ ފައިސާ ކަމަށާއި އެމަނިކުފާނުގެ ސިޔާސީ މަސައްކަތުގެ ފައިސާ ބަހައްޓަވަނީ އަދީބުގެ އަތްޕުޅުގައި ކަމަށެވެ.

"2015 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ރިޔާސީ ލޯންޗް ގޮއްވާލާ އެމަނިކުފާނު މަރާލަން ކުރެވުނު މަސައްކަތުގައި އެންމެ އިސްމީހެއްގެ ގޮތުގައި އަދީބު ހުރިކަމަށް ތަޙްޤީޤަށް ޝައްކު ކުރެވެން ފެށި ހިސާބުން އެފައިސާ އަދީބުގެ އަތުން ހޯދުމުގެ މަސައްކަތް ކޮށްފައިވާނޭ ކަމަށާއި އޭރު ލޯންޗް ގޮއްވާލުމުގެ ހާދިސާގައި އަދީބު ބައިވެރިވާކަމަށް ސަރުކާރަށް އަދި އެމަނިކުފާނަށް ޝައްކު ކުރެވޭކަން އަދީބުއަށް ނޭނގޭކަމަށާއި އެހެންކަމުން ފޯނުގެ ޒަރީއާއިންނާއި މެސެޖްގެ ޒަރިޢާއިން އަދީބުގެ އަތުގައި ހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން އަދީބުގެ އަތުގައި ހުރި ފައިސާ އިން އެއް މިލިއަން ޑޮލަރު އަނބުރާ އެމަނިކުފާނުގެ އެކައުންޓަށް ޖަމާކޮށްދީފައި ވާނޭކަމަށް އަދީބު ވިދާޅުވެފައިވާ ކަމަށާއި އެފައިސާ އަކީ އެކައުންޓަށް ޖަމާ ކޮށްފައިވާ ފައިސާއެއް ކަމަށް ވާތީ އެފައިސާގެ ޗެކެއް އޭރުވެސް އަދި ފަހުން ވެސް އެމަނިކުފާނަށް ފެނިފައި ނުވާކަމަށް" ޔާމީން އޭސީސީއަށް ދެއްވި ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކޮށްފައި ވަނީ އަދީބު ވިދާޅުވެގެން ކަމަށް އައްލާމް ލަތީފް ބުނެފައި ވީނަމަވެސް އަދީބުގެ ބަޔާނުގައި ވިދާޅުވެފައި ވަނީ ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކުރަން އައްލާމަށް ވެސް އަދި އެހެން ފަރާތަކަށް ވެސް އަންގާފައި ނުވާނެ ކަމަށެވެ.

މީގެ އިތުރުން ސްޓީލިން ޕެރަޑައިސް ޑޮކިއުމެންޓްރީގައި އަދީބު ވިދާޅުވެގެން ޔާމީނާއި ފައިސާ ހަވާލު ކުރިކަމަށް އޮއިއްޓޭ ބުނެފައި ވީނަމަވެސް އަދީބު ވަނީ އެކަން ދޮގު ކުރައްވާފައެވެ. އަދީބުގެ ބަޔާނުގައި ވަނީ ޔާމީނާއި ފައިސާ ހަވާލުކުރަން އޮއިޓޭ ކައިރީ ވިދާޅުވެފައެއް ނޯންނާނެ ކަމަށެވެ.

ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް މިހާރު ވަނީ މަނީ ލޯންޑްރިންގެ ދައުވާ އުފުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހުސޭނުބޭ

    ހީވަނީ ކުރާނެ ދަޢުވާއެއް ނެތީހެން! ތި 1000000 ޑޮލަރު ވަނީ މައްސަލައިގެ ކުރިން އޭސީސީއާ ޙަވާލުކޮށްފައި! ދެން ކިހިނެއް މަނީލޯންޑްރިންގއޭ ކިޔާނީ! ތި އުޅެނީ ސަރުކާރުގައި ތިބި މީހުން ކައި ފައިސާތައް ފޮރުވާން! 3 މަސް ވީއިރުވެސް ރައްޔިތުންަށް ކޮށްދިން ކަމެއްނެތް! އެކަމަކު 4 ބިލިއަން ދަރަނީގައި! މިކަން މައްސަލައަކަށް ނުވޭތަ؟

    56
    8
  2. އެއަރޕޯރޓް

    ކޮބާހޭ ޖީ އެމް އާރަށް އެއަރޕޯރޓް ވިއްކައިލައިގެން ލިބުނު ޑޮލަރުތައް. އޯކޭ! ޔާމީނު " ސޯލިޙު " ނޫންވީމާ އެފައިސާ ނުޙޯއްދެވިއްޔޯ. ދެން ތިހާ ގަޓުހުރި ސޯލިޙު ރަޢީސްއަކު ވިއްޔާ އެފައިސާ ވެސް ހޯދާދެއްވާ. އެއީވެސް ދިވެހިންގެ ޙައްގެއް.

    27
    2
  3. ލާމު

    ކެމްޕެއިނަށް ފައިސާ ލިބެނީ ޑޮލަރުންތޯ. އެއީ ކޮންބަޔަކު ދިން ޑޮލަރުތޯ ބުނެދޭންޖެހޭ.

    7
    11
  4. ނަޑެއްލާ

    ހީވަނީ މިއީ ހިންދީ ޑްރާމާ އެއްހެން މިސާލިކަށް ކަސައުޓީ ކަހަލަ. ޑައިލޮގް ވަރަށް ރީތި!

    8
    4
  5. ފަޅުވެރިން

    އަދީބު ރައީސް ޔާމީނަށް ޚިޔާނަތްތެރިވިކަން ސާބިތުވީމާ އޭނަ އަތުގައި ހުރި ރައީސްގެ ފައިސާ އަވަހަށް ހޯދުމަކީ ހަމަ ރަނގަޅު ކަމެއްނު، އެކަމުގައި އޮތީ ކޮން ގޯހެއް؟ ތިމާއަށް އިތުބާރު ނުކުރެވޭ މީހެއްގެ އަތުގައި ތިމާގެ ފައިސާ ބަހައްޓާނީ ކިހިނަކުން؟؟

    22
    2
  6. ޥިންދު

    މިދަޢުވާއާ މެދު ސުވާލުއުފެދޭ. ޢެސްއޯއެފުން ފައިސާ ޖަމާކުރި އެންމެންގެ މައްޗަށްވެސް ދަޢުވާކުރަންވާނެތައް އުޞޫލެއްގެ މތިން.