ޤައުމުތައް ތަރައްޤީވެ ކުރިއަރާފައިވަނީ ރައްޔިތުންގެ ދުޅަހެޔޮކަމާއި މަސައްކަތްތެރިކަމުގެ ސަބަބުން ކަމަށާއި ޙަޔާތުގެ މައިކައްޓަކީ ޞިއްހަތާއި ދުޅަހެޔޮކަން ކަމަށް މިއަދުގެ ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

"ޞިއްޙަތާއި ދުޅަހެޔޮ ކަމަކީ ޙަޔާތުގެ މައިކައްޓެވެ. ޤައުމުތައް ތަރައްޤީވެ ކުރިއަރާފައިވަނީ އެ ޤައުމުތަކުގެ ރައްޔިތުންގެ ދުޅަހެޔޮކަމާއި މަސައްކަތްތެރިކަމުންނެވެ. ގައިބާރާއި ޢަޒުމު ވަރުގަދަކަމުންނެވެ. ކިޔަމަންތެރިކަމާއި ވަފާތެރިކަމުންނެވެ. ދުނިޔޭގެ އަރާމާއި ފާގަތިކަމުގެ ރަހައާއި މީރުކަން، ބަލިމަޑުކަމާއި ނުރައްކާތެރި ވަބާތަކުގެ ހިޔާވަހިކަމުގެ ތެރެއަކުން ނުލިބޭނެއެވެ." ޚުޠުބާގައި ވިދާޅުވިއެވެ.

މިއަދުގެ ޚުޠުބާގައި އިތުރަށް ވިދާޅުވީ، އިސްލާމުދީނުގެ ރުކުންތަކުގެ ތަރަހައަކީ ޠާހިރުކަން ކަމަށާއި، ޠަހާރަތެއް ނެތި ނަމާދުވެސް ނުކުރެވޭނެ ކަމަށެވެ. އަދި މީގެ އިތުރުން، ޤުރްއާނުގައި ބީހުމާއި، ޠަވާފު ކުރުމަކީވެސް ޠާހިރުކަމާއި ނުލާ ކުރެވޭނެ ކަމެއް ނޫންކަމަށްވެސް މިއަދުގެ ޚުޠުބާގައި ވިދާޅުވިއެވެ.

މީގެ އިރުތުން، މި ޙަޔާތް އާރާސްތު ކުރައްވާފައިވަނީ ސާފުތާހިރުކަމުގެ ބިންގަލުގެ މަތީގައި ކަމަށާއި، އެކަލާނގެ ކައުނު ޚަލްޤު ކުރެއްވީ ރީތިކޮށް، ސާފުކޮށްދޭ ފަދަ ޠަބީޢީ ޤާނޫނުތަކާއި ސަބަބުތަކަކާއި އެކުގައި ކަމަށެވެ.

"ވައިރޯޅި ކުނި ކަހައިދެއެވެ. ވާރޭ ދޮވެ ތާހިރުކޮށްދެއެވެ. ބިން ވަޅުލައި ފަސް އަޅައިދެއެވެ. އިންސާނާގެ ފިޠުރަތަށް ބަލާއިރުގައިވެސް ފެންނަނީ ޠާހިރު ވިސްނުމާއި ހިތަކާއި ފުރާނައެވެ." މިއަދުގެ ޚުޠުބާގައި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު