އަންނަ އޭޕްރިލް މަހުގެ ހަ ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހަށް ޖޭޕީ ޓިކެޓުގައި ނ.ހޮޅުދޫ ދާއިރާއަށް ވާދަކުރައްވާ އަބްދުއް ސައްތާރު މުހައްމަދު (ސަޓޯ) އެ ދާއިރާގެ ރައްޔިތުންނާއި ބައްދަލުކޮށް، އުފާވެރި ހަބަރުތަކެއް ދެއްވައިފިއެވެ.

މިރޭ ޝީ ބިލްޑިންގގައި ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަމުން، ސަޓޯ ވަނީ ދާއިރާގެ ރައްޔިތުންނަށް އުފާވެރި ހަބަރުތަކެއް ދެއްވާފައެވެ. އަދި ރައްޔިތުންނަށްޓާކައި މަސައްކަތްކޮށްދެއްވާނެ މެންބަރަކަށް ވާނެކަމަށް ވަނީ ވިދާޅުވެފައެވެ. ސަޓޯ ވިދާޅުވީ، 2014 ވަނަ އަަހަރުވެސް އޭނާ ދެންނެވި ފަދައިން، އޭނާއަށް ވޯޓުދެއްވައިފިއްޔާ އޭނާ މަސައްކަތް ކުރާނީ ރައްޔިތުން ވޯޓުދެއްވި ގޮތުގެ މަތީގައި ހުރެގެން ކަމަށެވެ.

ސަޓޯ ބޭއްވި ބައްދަލުވުމުގެ ތެރެއިން - ވަގުތު އިމޭޖްސް: އަޝްހާދު އަބްދުﷲ (ޖެރީ)

"އެ ވާހަކައިން އިބްރަތް ލިބިލައްވާ އަޅުގަނޑު އެންމެ ފަހަރަކު، އެންމެ ފަހަރަކު ޓެސްޓުކޮށްލައްވާށޭ ހުޅުދޫ ދާއިރާގެ ރައްޔިތުން، ތިޔަ ލޮބުވެތި ރައްޔިތުންނާއިއެކުގައި، ލޮބުވެތި ރައްޔިތުން އަޅުގަނޑު ހޮއްވެވުމަށްޓަކައި ވޯޓުދެއްވި ގޮތެއްގެ މަތީގައި އަޅުގަނޑު ސާބިތުވެ ހުންނާނަމޭ". ސަޓޯ ވިދާޅުވިއެވެ.

ސަޓޯ ވިދާޅުވީ، ހޮޅުދޫ ދާއިރާގެ ރައްޔިތުން އޭނާ ހޮއްވަވާދެއްވައިފިނަމަ ރާއްޖޭގެ ގާނޫނު އަސާސީ އާއި އިސްލާމްދީނުގެ މަތީގައި އޭނާ ދެމިހުންނާނެ ކަމަށާއި، މަޖިލީހުގެ ތެރެއިން ވެރިކަން ވައްޓާލުމަށް މަސައްކަތް ކުރުމަށް ނުކުންނާނެ މީހެއްގެ ގޮތުގައި ނުވާނެ ކަމަށެވެ. އަދި އޭނާއަކީ ހަމައެކަނި ބަޓަނަށް ފިތަން އިންނާނެ މީހަކަށްވެސް ނުވާނެ ކަމަށާއި އޭނާ ދެމިހުންނަނީ މަޖިލީހުގައި ކުރާ ހުވާގެވެސް މަތީގައި ކަމަށް ވެސް ސަޓޯ ވިދާޅުވިއެވެ.

ސަޓޯ ބޭއްވި ބައްދަލުވުމުގެ ތެރެއިން - ވަގުތު އިމޭޖްސް: އަޝްހާދު އަބްދުﷲ (ޖެރީ)

"އަޅުގަނޑު މަސައްކަތްކުރާނީ ސަރުކާރާއި، އަޅުގަނޑު މި ހޮވޭ ޕްލެޓްފޯމާއި ގުޅިގެން މަސައްކަތްކޮށް ދާއިރާއަށް ތަރައްގީ ގެނައުމަށްޓަކައި" ސަޓޯ ވިދާޅުވިއެވެ.

ސަޓޯ ވިދާޅުވީ، އޭނާގެ އެއް އަމާޒަކީ ދާއިރާގެ އާބާދީއަށް ނުބަލާ މައްސަލަތަކަށް ބަލައިގެން ކުރިއަށްދިއުމެވެ. އަބަދުވެސް ފުރަތަމަ އިސްކަން ދޭނީ މައްސަލާގައި، އިސްކަން ދޭން ޖެހޭ ރަށަކަށް ކަމަށާއި، އެއީ ކޮންމެހެން އާބާދީއަށް ބަލައިގެން ކުރާ ކަމެއް ނޫންކަން ސަޓޯގެ ވާހަކާގައި ވަނީ ފާހަގަކޮށްފައެވެ.

ސަޓޯ ބޭއްވި ބައްދަލުވުމުގެ ތެރެއިން - ވަގުތު އިމޭޖްސް: އަޝްހާދު އަބްދުﷲ (ޖެރީ)

"އަޅުގަނޑު މި ކުރިމަތިލަނީ ޖޭޕީގެ ޕްލެޓްފޯމްގައި. ރައްޔިތުންގެ މަޖިލީހަށް މި ކުރިމަތިލަނީ ދާއިރާގައި ހުރި މައްސަލަތައް ހައްލު ކުރުމަށްޓަކައި. ތިބޭފުޅުންގެ ދިރިއުޅުމުގައި ދިމާވާ ކަންކަމަށް ލުއި ފަސޭހަކަން ހޯދައިދިނުމަށްޓަކައި. މިއީ ސަރުކާރާއި ގުޅިގެން ނޫނިއްޔާ ކުރެވޭނެ މަސައްކަތެއް ނޫން. މިއީ ސަރުކާރުން ފާސްކުރާ ބަޖެޓުގެ ތެރެއިން ނޫނީ ކުރެވޭނެ ކަމެއް ނޫން. މިއީ ސަރުކާރު ފިއްތާލައިގެންވެސް ކުރެވޭނެ ކަމެއް ނޫން." ސަޓޯ ވިދާޅުވިއެވެ.

ސަޓޯ ވިދާޅުވީ، އޭނާ މަޖިލީސް މެންބަރަކަށް ހޮވިއްޖެނަމަ ސަރުކާރުގެ ތެރެއިންނާއި، ބޭރުންވެސް ރައްޔިތުންނަށް ކަންކަންކޮށްދެއްވާނެ ކަމަށެވެ. އޭނާ މަޖިލީހަށް ހޮވިއްޖެނަމަ ހޮޅުދޫ ދާއިރާގެ ރައްޔިތުންނަށް ގާނޫނީ ގޮތުން ޝަރުއީ ކޯޓުތަކުގައި ކުރަން ޖެހޭ ހުރިހާ ކަމެއް ހިލޭ ސާބަހަށް ކުރެވޭނެ ފުރުސަތު ހޯދަދޭނެ ކަމަށާއި، އެކަން ކުރާނެ ކަމަށް ސަޓޯ ވައުދުވިއެވެ. އަދި ދާއިރާގެ ހަ ދަރިވަރުންނަށް މާސްޓާސްއަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހޯދައިދެއްވާނެކަަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސަޓޯ ބޭއްވި ބައްދަލުވުމުގެ ތެރެއިން - ވަގުތު އިމޭޖްސް: އަޝްހާދު އަބްދުﷲ (ޖެރީ)

"މިއީ މަޖިލީހުގެ މެންބަރެއްގެ މުސާރައަށް ބަލާލިޔަސް ނުފުދެއްވޭނެ ވައުދެއް ނޫން، އިރާދައްކުރެވިއްޔާ މި ވައުދު ރުކަށް އެރިބޭގެ ނަދުރަކަށް ނުވާނެ، އިރާދަކުރެއްވިއްޔާ ފުދޭ ވައުދަކަށް ވެގެންދާނެ" ސަޓޯ ވިދާޅުވިއެވެ.

އޭނާއަކީ ބުއްދި ގަބޫލުނުކުރެވޭ ވަރަށް ހަމައެކަނި ވައުދުވެގެން ދާނެ މީހަކަށް ނުވާނެ ކަމުގެ ޔަގީންކަން ސަޓޯދެއްވިއެވެ.

ސަޓޯގައި ވިސްނުން ހުރީ ކުރިއަށް އޮތްތަނުގައި ދާއިރާގެ ރައްޔިތުން ކައިރިއަށް ގޮސް ރައްޔިތުން އެންމެ ބޭނުންވާ ކަންކަމަކީ ކޮބައިތޯ ބަލާށެވެ. މިރޭގެ ބައްދަލުވުމުގައި، ބައިވެރިވި މީހުންނަށް ސަޓޯ އާއި ސުވާލު ކުރުމުގެ ފުރުސަތާއި އަދި ހިޔާލެއް ދޭން ބޭނުންވާނަމަ އެ ފުރުސަތުވެސް ވަނީ ދީފައެވެ.