ލ. ފޮނަދޫ ދާއިރާއަށް ކުރިމަތިލުމަށް ޕީއެންސީގެ ރައީސް، އަބްދުރަހީމް އަބްދުﷲ (އަދުރޭ) މިއަދު އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅައިފިއެވެ.

އެކަން ހާމަކުރުމަށް އަދުރޭ މިއަދު ކުރި ޓްވީޓުގައި ބުނެފައި ވަނީ ކުރިއަށް އޮތް 19 ވަނަ މަޖިލީހުގައި ކޮންގްރެސް ޕާޓީގެ ފަރާތުން ރައީސް ޔާމީންގެ ފުރިހަމަ ތާއީދާއެކު ފޮނަދޫ ދާއިރާއަށް (ފޮނަދު، މާމެންދޫ)އަށް ވާދަކުރުމަށް އީސީއަށް މިއަދު ހުށަހެޅި ކަމަށެވެ.

ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރުކަން މިހާރު ވެސް ކުރައްވަމުން ގެންދަވާ އަދުރޭ، ތިންވަނަ ދައުރަކަށް އެ ދާއިރާއަށް ކުރިމަތިލާނެ ކަމަށް އިއުލާން ކުރީ މިދިޔަ މަހުގެ ތެރޭގައެވެ.

އަދުރޭ ރައްޔިތުން މަޖިލީހުގެ މެންބަރު ކަމަށް ފުރަތަމަ އިންތިޚާބުވެ ވަޑައިގެންނެވީ 2009 ވަނަ އަހަރު ޕީޕަލް އެލައިންސް (ޕީއޭ) ގެ މެންބަރެއްގެ ގޮތުގައެވެ. ޕީޕީއެމް އުފެއްދުމަށް އޭނާ ޕީޕީއެމް އަށް ސޮއި ކުރައްވާ އެޕާޓީގެ ޓިކެޓްގައި 2014 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބު ވެސް ކާމިޔާބު ކުރެއްވިއެވެ.

އަދުރޭ ޕީއެންސީގެ ފަރާތުން ފޮނަދޫ ދާއިރާއަށް ނިކުންނަވާއިރު ކުރީގެ ރައީސް މައުމޫންގެ ފަރާތުން ވެސް ފޮނަދޫ ދާއިރާއަށް ކެނޑިޑޭޓަކު ވަނީ ނެރެފައެވެ. މައުމޫން ދައުރުގައި މިނިސްޓަރު ކަންވެސް ކުރެއްވި އަބްދުﷲ ކަމާލުއްދީން (އޭކޭ) ފޮނަދޫ ދާއިރާއަށް ވާދަކުރައްވާ އިރު، ޖޭޕީ ކެނޑިޑޭޓް ޒައިމާ އަބްދުﷲ އަށްވެސް ވަނީ އެ ދާއިރާގެ ޓިކެޓް ދީފައެވެ.