ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ޕީޕީއެމްއިން އައްޑޫ މީދޫ ދާއިރާއަށް ވާދަނުކުރަން ނިންމާ، އެ ދާއިރާއަށް ޖޭޕީން ވާދަކުރާ ކެނޑިޑޭޓަށް ތާއިދު ކުރަން ނިންމައިފިއެވެ.

"ވަގުތު"އަށް އެނގިފައިވާ ގޮތުގައި އެގޮތަށް ނިންމީ ޕްރޮގްރެސިވް ކޯލިޝަންއާއި ޖޭޕީއާ ދެމެދު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހުގައެވެ. ޕީޕީއެމްއިން ކުރިން އެ ދާއިރާއަށް ޓިކެޓް ދީފައި ވަނީ އަހުމަދު އަސްލަމަށެވެ. ޕީޕީއެމްއިން ތާއީދު ކުރަން ނިންމީ އެ ދާއިރާއަށް ޖޭޕީން ޓިކެޓް ދީފައިވާ މުހައްމަދު ފަރުހާދަށެވެ.

އަންނަ އެޕްރީލް މަހު އޮންނަ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް ޕީޕީއެމްއިން ކުރިން ޓިކެޓް ދީފައިވާ ބައެއް ބޭފުޅުންގެ ޓިކެޓްތައް މިހާރުވަނީ އަތުލާފައެވެ. އެގޮތުން، ރޭ ވަނީ މަތިވެރި ދާއިރާއަށް ވާދަކުރެއްވުމަށް ކުރީގެ ނޫސްވެރިޔާ ލަޔާލް މަނިކުއަށާއި، ގެމަނަފުށީ ދާއިރާއަށް ވާދަކުރެއްވުމަށް މިހާރުގެ މެމްބަރ ޖަމީލް އުޘްމާންއަށް ދީފައިވާ ޓިކެޓާއި، ވިލިނގިލީ ދާއިރާއަށް ވާދަކުރެއްވުމަށް ޝަހީބް އިބްރާހިމްއަށް ދީފައިވާ ޓިކެޓްވެސް ޕީޕީއެމުން އަތުލާފައެވެ.

މީގެ އިތުރުން އުގޫފާރު ދާއިރާ އަށް ވާދަކުރައްވާ ޕީޕީއެމް އެސްޖީ މަތީން އަތުން ޓިކެޓް އަތުލައި ވަނީ އިލްހާމް އަށް ތާއިދު ކުރަން ނިންމާފައެވެ. އަދި ފުވައްމުލަކު އުތުރު ދާއިރާއަށް ޕީޕީއެމް އިން ވާދަނުކޮށް މިހާރު ޖޭޕީގައި ހުންނެވި އެދާއިރާގެ މެންބަރު އަލީ ޝާހަށް ތާއިދުކުރަން ޕީޕީއެމް އިން ވަނީ ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު