އަންނަ އޭޕްރިލް މަހުގެ ހަ ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހަށް ޖޭޕީ ޓިކެޓުގައި ނ.ހޮޅުދޫ ދާއިރާއަށް ވާދަކުރައްވާ އަބްދުއް ސައްތާރު މުހައްމަދު (ސަޓޯ) އެ ދާއިރާގެ ގިނަ ރައްޔިތުންނާއެކު ގޮސް، އިލެކްޝަންސްއަށް މިއަދު ކެނޑިޑެންސީ ފޯމު ހުށަހަޅައިފިއެވެ.

މިއަދު މެންދުރު ފަހު ސަޓޯ ފޯމު ހުށަހަޅާފައިވާ އިރު، އޭނާގެ ކެމްޕޭނު ހަރަކާތްތައް މިހާރުވެސް ދަނީ ބާރަށް ކުރިއަށެވެ.

ހުކުރު ދުވަހުގެ ރޭ ޝީ ބިލްޑިންގގައި ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަމުން، ސަޓޯ ވަނީ ދާއިރާގެ ރައްޔިތުންނަށް އުފާވެރި ހަބަރުތަކެއް ދެއްވާފައެވެ. އަދި ރައްޔިތުންނަށްޓާކައި މަސައްކަތްކޮށްދެއްވާނެ މެންބަރަކަށް ވާނެކަމަށް ވަނީ ވިދާޅުވެފައެވެ. ސަޓޯ ވިދާޅުވީ، 2014 ވަނަ އަަހަރުވެސް އޭނާ ދެންނެވި ފަދައިން، އޭނާއަށް ވޯޓުދެއްވައިފިއްޔާ އޭނާ މަސައްކަތް ކުރާނީ ރައްޔިތުން ވޯޓުދެއްވި ގޮތުގެ މަތީގައި ހުރެގެން ކަމަށެވެ.

 

ސަޓޯ ވިދާޅުވީ، ހޮޅުދޫ ދާއިރާގެ ރައްޔިތުން އޭނާ ހޮއްވަވާދެއްވައިފިނަމަ ރާއްޖޭގެ ގާނޫނު އަސާސީ އާއި އިސްލާމްދީނުގެ މަތީގައި އޭނާ ދެމިހުންނާނީ، މަޖިލީހުގެ ތެރެއިން ވެރިކަން ވައްޓާލުމަށް މަސައްކަތް ކުރުމަށް ނުކުންނާނެ މީހެއްގެ ގޮތުގައި ނޫނެވެ. އޭނާއަކީ ހަމައެކަނި ބަޓަނަށް ފިތަން އިންނާނެ މީހަކަށްވެސް ނުވާނެ ކަމަށާއި އޭނާ ދެމިހުންނަނީ މަޖިލީހުގައި ކުރާ ހުވާގެވެސް މަތީގައި ކަމަށް ވެސް ސަޓޯ ވިދާޅުވިއެވެ.