އަރަބިއްޔާ ސްކޫލުގެ ޓީޗަރުން މަދުވުމުގެ މައްސަލަ އަށް ހައްލެއް ހޯދުމަށް ރާއްޖޭގެ ވަޒީރުންގެ ވަފްދެއް މިސްރަށް ވަޑައިގެންފި އެވެ.

އަރަބިއްޔާ ސްކޫލަށް ކޮންމެ އަހަރަކު ވެސް މިސްރުގެ އަޒުހަރު ޔުނިވަސިޓީން ޓީޗަރުން ފޮނުއްވައި ދެއްވައެވެ. ނަމަވެސް ކުރިން ޔަގީންކަން ދެއްވާފައި އޮތް ގޮތައް މިއަހަރު ޓީޗަރުން ފޮނުވައި ދެއްވާފައެއް ނުވެއެވެ.

މިސްރަށް ވަޑައިގެންފައި ވަނީ އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީގެ އިތުރުން އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒާހިރު އެވެ. ރައީސް އޮފީހުގެ ޗީޕް އޮފް ސްޓާފް އަލީ ޒާހިރު ވެސް މިސްރަށް ވަޑައިގެންނެވިއެވެ. އަލީ ޒާހިރަކީ ވެސް ރައީސް އޮފީހުގެ މިނިސްޓަރެކެވެ.

މި ދަތުރުފުޅުގައި އެބޭފުޅުން ވަނީ މިސްރުގެ މިނިސްޓަރ އޮފް ރިލިޖަސް އެފެއާޒް އެންޑް އެންޑޯމަންޓްސް ޑރ. މުހައްމަދު މުހްތާރު ޖުމާގެ އިތުރުން މިސްރުގެ 'ގްރޭންޑް މުފްދީ' ޑރ.ޝައުކީ އިބްރާހީމް އައްލާމް އާއި ބައްދަލު ކުރައްވައިފަ އެވެ.

އަރަބިއްޔާ ސްކޫލަކީ ރާއްޖޭގައި އަރަބި މީޑިއަމަށް ކިޔަވައިދޭ ހަމައެކަނި ސްކޫލަށް ވާއިރު، ސްކޫލަތަކުގެ ކިޔެވުން ފެށުނީއްސުރެ އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިން އަންނަނީ ޓީޗަރުންގެ ދަތިކަމުގެ ޝަކުވާ ކުރަމުންނެވެ. މިދިޔަ މަސް ނިމުގެ ކުރިން ޓީޗަރުން ހަމަވާނެ ކަމަށް އަރަބިއްޔާ އިން ކުރިން ވިދާޅުވި ނަމަވެސް އަދިވެސް ޓީޗަރުން ހަމަވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސޮރު

    ކީއްވެ ސައުދީން ނުހޯދީ؟ ބޮޑަށް ހަރުކަށިވާނީ އޭރުންނެއްނު؟

  2. ކަލާ123

    ސައިންސާއި ޓެކްނޯލޮޖީގެ ޒަމާނުގައި ރާއްޖޭގެ މަދުރަސާއެއްގައި އަރަބި މީޑިއަމުން ކޮންމެ ހެން ކިޔަވައިދޭން ޖެހޭތަ؟ އަރަބި ބަސް ކިޔަވަން ބޭނުން ކުދިންނަށް އެބަސް "އަރަބިއްޔާ" ގައި ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދިނުން އެންމެ ރަނގަޅު!